29 އެޕްރީލް 2020 - 22:39

ކޮވިޑް-19ގެ ސަބަބުން ނަފްސާނީ އެހީތެރިކަން ބޭނުންވާ އަންހެނުންނަށް ވިމެން އެންޑް ޑިމޮކްރަސީން ހިލޭ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ވިމެން އެންޑް ޑިމޮކްރަސީގެ ރައީސާ ސަފާތު އަހުމަދު ޒާހިދު ވިދާޅުވީ ލޮކްޑައުން އާއި ކަރަންޓީނުގެ ސަބަބުން ނަފްސާނީގޮތުން ރައްޔިތުންނަށް އަސަރު ކުރާނެ ކަމަށެވެ. އެގޮތުން، ސްޓްރެސް އާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަފާތު ވިދާޅުވީ ވިމެން އެންޑް ޑިމޮކްރަސީ އަކީ އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ވުމުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަންހެނުންނަށް ފޯކަސް ކުރާނެ ކަމަށެވެ. ނަމަވެސް ކޮންމެހެން އެހީތެރިކަން ބޭނުންވާ އެހެން މީހުންނަށް ވެސް އެ އެހީތެރިކަން ފޮރުކޯށްދޭނެ ކަމަށް ސަފާތު ވިދާޅުވި އެވެ.
ވިމެން އެންޑް ޑިމޮކްރަސީން އެ ޖަމިއްޔާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޮލަންޓިއާ ކުރުމުގެ ފުރުސަތު ވެސް މި މަސް ތެރޭގައި ހުޅުވާލި އެވެ. އަދި އެ ފުރުސަތުގައި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނާއި ޓީޗަރުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ވޮލަންޓިއާކޮށްފަ އެވެ.
އެ ޖަމިއްޔާއިން ހިދުމަތް ދިނުމުގައި އިސްކަން ދޭނީ ބަންދުގައި ތިބެން ޖެހުމުން ކޮންމެހެން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ އަންހެނުންނަށެވެ. މީގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ތިބި އަންހެނުންނާއި ކަރަންޓީން ފެސިލިޓީތަކުގައި ތިބި އަންހެނުންނާއި ދޮށީ އުމުރުގެ މީހުންނަށް އެހީވާ މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބަލަހައްޓާ މީހުން ހިމެނެ އެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅުން ހުރި ކަންކަމުގައި ވަޒީފާތަކުން ވަކިކުރާ ޒުވާނުންނަށް ވެސް އެ ޖަމިއްޔާއިން އެހީތެރިކަން ފޮރުކޮށްދޭނެ އެވެ. އަދި މި ފުރުސަތުގެ ބޭނުން ވީހާ ވެސް ގިނަ ޒުވާނުން ހިފުމަށް ސަފާތު އެދެ އެވެ.
މި ދަނޑިވަޅު ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ވިމެން އެންޑް ޑިމޮކްރަސީގެ ހޮޓްލައިން 9494867 އަށް ގުޅައިގެން ނުވަތަ forms.gle/HZxs9PBW3g9MwGtVA މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެ އެވެ. ނަންނޯޓު ކުރުމުން އެ ޖަމިއްޔާއިން ގުޅައިގެން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ވިމެން އެންޑް ޑިމޮކްރަސީން އެހީތެރިކަން ހޯދާ އެއްވެސް މީހެއްގެ މައުލޫމާތު އާއްމު ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ޖަމިއްޔާ އިން ވަނީ ދީފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނައިރު މިކަމުގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލަތައް ގިނަވަމުން އަންނަކަމަށް ކަމާ ބެހޭ ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެ. އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.