29 އެޕްރީލް 2020 - 22:23

ކޮވިޑް-19 ގެ ސަބަބުން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށް ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން ދެ ރިސޯޓް ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީ، މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރާއި ދެކުނުގައި ހަމަޖައްސާފައިވާ ފެސިލިޓީތައް މިރެ އާއި މާދަމާ އެކްޓިވްކުރަން ފަށާނެ ކަމަށެވެ. އެންމެން އެކުގައި މަސައްކަތްކޮށް ކޮވިޑް-19 އިން ސަލާމަތް ވެވޭނެ ކަމަށް ވެސް ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އެނގިފައިވާގޮތުގައި ކަރަންޓީން ފެސިލިޓީގެ ގޮތުގައި އުތުރުން ހަމަޖައްސާފައިވަނީ ހއ. ދޮނަކުޅީގައި ހިންގާ ހައިޑަވޭ އައިލެންޑް ރިސޯޓެވެ. އެއީ 100 އެނދުގެ ރިސޯޓެކެވެ. ދެކުނުން ހަމަޖައްސާފައިވަނީ 270 ކޮޓަރީގެ ހެރެތެރެ އެވެ.
އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ހއ. އުލިގަމާއި ށ. ނަރުދޫ އާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުން އަންނަނީ ފަރުކޮޅުފުއްޓާއި އއ. ވެލިދޫ ރިސޯޓުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ. މީހުން ކަރަންޓީން ކުރުމަށް ގިނަ ރިސޯޓްތަކެއް އަންނަނީ ބޭނުން ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅޭ ހުރިހާ ޚަރަދުތަކަށް މިހާތަނަށް 560 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 277 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ބަލިން ރަނގަޅުވީ އަދި 17 މީހުންނެވެ.