އަނެއްކާވެސް ޖޭކޭ ރޯލިންގެ ފްރެންޗައިޒެއް، މި ފަހަރު "ފެންޓާސްޓިކް ބީސްޓްސް"
އަނެއްކާވެސް ޖޭކޭ ރޯލިންގެ ފްރެންޗައިޒެއް، މި ފަހަރު "ފެންޓާސްޓިކް ބީސްޓްސް"

ސިލްސިލާ ވާހަކައެއްގެ ގޮތުގައި ގެނެސް ދިން "ހެރީ ޕޮޓާ" ގެ ޖާދޫގައި އެތައް ބަޔަކު ޖެއްސުމަށް ފަހު، އެ ވާހަކައިގެ ލިޔުންތެރިޔާ އިނގިރޭސިވިލާތުގެ ޖޭކޭ ރޯލިން އަނެއްކާވެސް ސިލްސިލާ ވާހަކައެއް ގެނެސް ދޭން ނިންމައިފި އެވެ.

މި ފަހަރު ވެސް އޭނާ ގެނެސް ދެނީ ސިހުރު ހާހޫރަ އާއި ޖާދުލާއި އެ ނޫން ވެސް ތަފާތު ހިޔާލީ އަނދިރި ދުނިޔެއަކަށް ކިޔުންތެރިންނާއި ބެލުންތެރި ގެންދާނެ "ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓް ފައިންޑް ދެމް" އެވެ. މިއީ ރޯލިން 2001 ގައި ލިޔުނު ވާހަކައެކެވެ.

ސިލްސިލާއެއްގެ ގޮތުގައި ގެނެސްދޭ މި ވާހަކައިގެ ފުރަތަމަ ބަޔަށް ހަދާފައިވާ ފިލްމް އަންނަ ޑިސެމްބަރު މަހުގެ 18 ގައި ސިނަމާތަކަށް އަންނާނެ އެވެ.

ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔެފައި ވަނީ ރޯލިން، 51، އެވެ. މިއީ އޭނާ ފިލްމެއްގެ ސްކްރީންޕްލޭ ލިޔުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

"ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓް ފައިންޑް ދެމް" ޑައިރެކްޓްކޮށްފައި ވަނީ "ހެރީ ޕޮޓާ" ސީރީޒްގެ އެންމެ ފަހު ހަތަރު ފިލްމް ޑައިރެކްޓް ކުރި ޑޭވިޑް ޔޭޓްސް އެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި ކޮލިން ފެރެލް، އެޑީ ރެޑްމޭން، އެޒްރާ މިލާ، އެލިސަން ސްޑޮލް، ސަމަންތާ މޯޓަން އަދި ކެތެރިން ވޯޓަސްޓަން ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.

"ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓް ފައިންޑް ދެމް" ގެ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭނެކަން ކަށަވަރުކޮށް ދެމުން ރޯލިން ބުނީ މި ވާހަކަ ފަސް ބަޔަކަށް ދެމިގެން ދާނެ ކަމަށެވެ. އަދި އެކަން ފިލްމް އުފެއްދި ޓިމުން ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

"މިއީ އަހަރެންގެ ވާހަކަތަކުގެ އެންމެ ހާއްސަ ކަމަކީ. އަބަދު ވެސް ވަރަަށް ޝައުގުވެރިވޭ ވާހަކަ އިތުރަށް ކުރިއަށް ގެންގޮސް ވާހަކައިގެ ކުރި ފަޅުވައި ތަފާތު މަރުހަލާތަކަކަށް ކިޔުންތެރިން ގެނެސް ދޭން،" ހެރީ ޕޮޓާ ސިލްސިލާ ލިޔެގެން ބިލިއަނަރަކަށްވި އަންހެން ލިޔުންތެރިޔާ ބުންޏެވެ.

ރޯލިން މިހާރު އަންނަނީ ވާހަކައިގެ ކުރިއަށް ހުރި ބައިތައް ވެސް ފައްކާ ކުރަމުންނެވެ.

"ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓް ފައިންޑް ދެމް" ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭން ރޯލިން ނިންމި ނިންމުމާ ގުޅިގެން ޑައިރެކްޓަރު ޑޭވިޑް ވެސް ހުރީ ވަރަށް އުފަލުންނެވެ.

އޭނާ ބުނީ މީގެ ފުރަތަމަ ފިލްމުން ނިއުޔޯކްގެ ގަދީމީ ޒަމާނަށް ބެލުންތެރިން ގެންދާ ގޮތަށް ކުރިއަށް އޮތް ހުރި ފިލްމުތަކުގައި އިތުރު ސިޓީތައް ދައްކުވައި ދޭނެ ކަމަށެވެ.