29 އެޕްރީލް 2020 - 17:35

ގެދޮވެރިކަމުގެ ލޯނުތަކަށް ބޭންކްތަކުން ލުއި ދިނުމުގައި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމެންޓްތަކުގެ ކުލި ކުޑަކުރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ހުށަހަޅައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ އިގްތިސާދީ ގޮންޖެހުންތަކާ ހެދި ބޭންކްތަކުން ކުރިން ވަނީ ލޯނުތައް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށް ދޭން ނިންމައިފަ އެވެ. އެހެންވެ، ގެދޮރުވެރިކަމުގެ ލޯނުގެ ދަށުން އިމާރާތް ކޮށްފައިވާ ތަންތަނުގެ ކުލި ކުޑަކުރަން ގިނަ ބަޔަކު އޭރު ގޮވާލި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން އިގްތިސާދީ ކޮމެޓީން ތައްޔާރުކޮށް، މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ވަނީ ލޯނުތައް ފަސްކޮށްދޭއިރު ގެދޮރުވެރިކަމުގެ ލޯނުތަކަށް ބޭންކްތަކުން ލުއި ދިނުމުގައި ޚާއްސަކޮށް މާލޭގެ އެޕާޓްމެންޓްތަކާއި ގެތަކުގެ ކުލި ކުޑަވާންޖެހޭ ގޮތް ހެދުމަށެވެ.
މީގެ އިތުރުން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން އެލަވަންސް ދިނުމުގައި އެ ފަރާތްތަކުގެ ހާލަތު ބެލުމަށާއި އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެ އެލަވަންސް ދެވޭނެ އުސޫލެއް ގެންގުޅުމަށް އެ ކޮމެޓީން ހުށަހަޅާފައިވެ އެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޓޫރިޒަމް ދާއިިރާގެ މުވައްޒަފުންނަށް އެހީ ދެވޭނެ ޕެކޭޖެއް ތައާރަފް ކުރުމަށާއި ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ މިންވަރު އިތުރު ކުރަން ވެސް އެ ކޮމެޓީން ހުށަހަޅާފައިވެ އެވެ.
ކާބޯތަކެއްޗާއި ބޭސް އެތެރެކުރާ ވިޔަފާރިތަކަށް ބޭރު ފައިސާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ސަރުކާރުން އެހީ ފޯރުކޮށްދޭ ފަރާތްތަކާއި އޭގެ ތަފްސީލުތައް މަޖިލީހަށް ފޮނުވުމުގެ އިތުރުން ކޮންމެ 15 ދުވަހުން އެއް ފަހަރު އެފަދަ ހަރަކާތްތަކުގެ ތަފްސީލުތައް މަޖިލީހަށް ހުށަހަޅަން ވެސް އެ ކޮމެޓީން ހުށަހަޅާފައިވެ އެވެ. އަދި ދައުލަތުގެ ހަރު މުދަލާއި ސަރުކާރު ކުންފުނިތަކުގެ ހަރު މުދަލުގެ ދަފްތަރެއް އެކުލަވާލުމުގެ އިތުރުން އެފަދަ މުދާ ރަހުނު ކޮށްގެން ލޯނުތައް ނަގާފައިވާ ނަމަ އޭގެ ތަފްސީލުތައް ހޯދުމަށް ވެސް އިގްތިސާދީ ކޮމެޓީން ހުށަހަޅާފައިވެ އެވެ.
ލޯނުތަކަށް ލުއި ދިނުމުގައި ކުލި ކުޑަކުރަން ޖެހޭ ގޮތަށް ހަދަން އިގްތިސާދީ ކޮޮމެޓީން ހުށަހެޅިއިރު، ކޮވިޑް-19 އާ ގުޅިގެން ކުލި ނުދެއްކިގެން ބައެއް ފަރާތްތައް މަގުމަތިވުމުން ސަރުކާރުން އެ މީހުންނަށް ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އަދި މިދުވަސްވަރު ކުލި ނުދެއްކިޔަސް، ގެތަކުން މީހުން ނެރުން މަނާ ކުރުމާ ބެހޭގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.