29 އެޕްރީލް 2020 - 19:08

އަތޮޅު ތެރޭގެ ރަށްރަށަށް 40،000 ބަސްތާގެ ކާޑު ހަފުތާއެއްގެ ތެރޭގައި ފޮނުވާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އަތޮޅު ތެރެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިިހެން ޒަރޫރީ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެސްޓީއޯ އިން އަންނަނީ ކުރަމުންނެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވަނީ ރަށްރަށަށް ފޮނުވުމަށް ވޭތުވެދިޔަ ހަތް ދުވަސް ތެރޭގައި 40،000 ބަސްތާގެ ކާޑު އުޅަނދުތަކަށް ބަރު ކޮށްފައިވާ ކަމަށެވެ. ކޮވިޑް-19 އާއި ރޯދަ މަހާ ގުޅިގެން ކާޑުގެ ބާވަތްތަކަށް ޑިމާންޑް އިތުރުވުމުން އެ ތަކެތި ފޯރުކޮށްދޭން އެސްޓީއޯ އިން ގިނަ މަސައްކަތްތަކެއް މިިހާރު ކުރަމުން އަންނަ ކަމަށް ވެސް އަމްރުގެ ޓްވީޓްގައިވެ އެވެ.
ކާޑުގެ ބާވަތްތަކުގެ ޑިމާންޑް ބޮޑުވެފައިވާތީ އެސްޓީއޯ އިިން ކުރިން ވަނީ ގިނަ އަދަދެއްގެ ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސްފަ އެވެ. އެހެންވެ، މާލޭގައި އެ ކުންފުނީގެ ކާޑު ގުދަން ފުރުމުން ހުޅުމާލޭގައި ވެސް ކާޑު ގުދަން ކޮށްފައިވާ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ވެސް ރާއްޖެ ގެނައުމާއި މެޑިކަލް ސާމާނާއި ބޭސް ރާއްޖެ ގެނެސް، އެ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ވެެސް އެސްޓީއޯ އިން އަންނަނީ ކުރަމުންނެވެ. އަދި މާލޭގައި ގޭގެ އަށް ބޭނުންވާ ކާބޯތަކެތި ވެސް ޑެލިވަރީ ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރެ އެވެ.