ފާޑުކިޔާ މީހުންނަށް ސަންޖޭގެ އަންހެނުންގެ ވަރުގަދަ ރައްދެއް
ފާޑުކިޔާ މީހުންނަށް ސަންޖޭގެ އަންހެނުންގެ ވަރުގަދަ ރައްދެއް

އަންބެއްގެ ހައިސިއްޔަތުން އެކްޓަރު ސަންޖޭ ދަތުގެ ދިރިއުޅުން ކޮންޓްރޯލްކުރުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި ފާޑުކިޔަނީ ގިނަ ދުވަސްތަކެއް ވަންދެން ސަންޖޭގެ ބޭނުން ނަހަމަ ގޮތުގައި ހިފި ބަޔަކަށް ލިބުނު ދެރައެއްގެ ސަބަބުން ކަމަށް ސަންޖޭގެ މިހާރު އަންހެނުން މާންޔަތާ ދަތު ބުނެފި އެވެ.

އިންޑޯ-އޭޝިއަން ނިއުސް އިންޓަނެނަލް (އިއަންސް) ދިން އިންޓަވިއުއެއްގައި، ސަންޖޭއާ ކައިވެނިކޮށްގެން އެއްމާބަނޑު ދެ ކުދިން ވެސް ތިބި މާންޔަތާ ބުނީ ކޮންމެ އަންބަކަށް ވެސް އެ މީހެއްގެ ފިރިމީހާ ކޮންޓްރޯލްކުރުމުގެ ހައްގާއި އިހުތިޔާރު އޮންނާނެ ކަމަށެވެ.

"އެ ހެޔޮ ހަށިވިއްކި އަންހެނަކަށް ވިޔަސް ނުވަތަ ރާނިއަކަށް ވިޔަސް، އެ މީހެއްގެ ފިރިއެއްގެ ހުރިހާ ކަމަކާ ބެހުމުގެ ހައްގު އަނބިމީހާ އަށް އޮންނާނެ،" ފިރިމީހާ މާބޮޑަށް ކޮންޓްރޯލްކޮށްގެން ގެންގުޅޭ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެމުން އޭނާ ބުންޏެވެ.

މާންޔަތާ ބުނީ ސަންޖޭ އޭނާއާ ކައިވެނިކުރުމުން ބަޔަކަށް ވަރަށް ބޮޑު އެއްޗެއް ގެއްލިފައިވާ ކަމަށެވެ. ފާޑުކިޔައި، އޭނާއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަ ދައްކަނީ އެހެންވެގެން ކަމަށް ބުންޏެވެ.

"ވަރަށް ގިނަ ބަޔަކު، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވަނީ ސަންޖޭ ޔޫޒްކޮށްފައި. އޭނާ އަށް ލިބުނުހާ ފައިސާއެއް ވިއްޔާ މި ބުނާ މީހުން ވަނީ ތަޅާ ހުސްކޮށްފައި. އަހަރެންގެ ސަންޖޭގެ ހަޔާތަށް އައި ފަހުން އެ ފުރުސަތު ގެއްލި، އެ މީހުން ކުރަމުން ދިޔަ ޕާޓީތަކަށް ހުއްޓުމެއް އައިމަ މިހާރު މައްސަލައަކަށްވެގެން އުޅެނީ،" މާންޔަތާ ބުންޏެވެ. "އަހަރެން މިކުރާ ކަމެއް މި ކުރަނީ އަހަރެމެންގެ ދެ މީހުންނާއި ކުދިންގެ މުސްތަގުބަލަށްޓަކައި. އެހެންވީމަ ސަންޖޭ ކޮންޓްރޯލް ކުރެވެން އޮތް ކޮންމެ ގޮތަކަށް އެކަން ކުރާނަން. އެއީ ބަޔަކާ ބެހެވޭ ކަމެއް ވެސް ނޫން. އަހަންނަކީ މީހެއްގެ ގެޔަކަށް ވެރިވެގެން އުޅޭ ފިރިހެނެއް ނޫން. އަހަންނަކީ މީހެއްގެ އަންބެއް."

ސަންޖޭ އާއި މާންޔަތާ ކައިވެނިކުރީ 2008 ގަ އެވެ. އަދި ކައިވެންޏާ ސަންޖޭގެ ދައްތަ ޕްރިޔާ ދަތު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިތްހަމަނުޖެހިގެން ވެސް އުޅުނެވެ. ނަމަވެސް ސަންޖޭގެ އާއިލާ އިން ފަހުން ވަނީ މާންޔަތާ ބަލައިގެންފަ އެވެ.

އެކަމާ ބެހޭ ގޮތުން އޭނާ ބުނީ ސަންޖޭގެ އާއިލާގެ ރުހުމާއި ލޯބި ހޯދަން އޭނާ އަށް ކުރެވުނު ހުރިހާ ކަމެއް ކުރި ކަމަށެވެ. އަދި އެކަން ސަންޖޭ އަށް ވެސް އެނގޭނެ ކަމަށާއި ރުހުން ހޯދަން ވަކި ކަމެއް ކުރަން ސަންޖޭ ވެސް ބާރުނާޅާ ކަމަށެވެ.

މަންޔަތާ، 41. އާ ސަންޖޭ، 60، ކުރި ކައިވެންޏަކީ އޭނާގެ ތިން ވަނަ ކައިވެންޏެވެ. ސަންޖޭ އެންމެ ފުރަތަމަ ކައިވެނިކުރީ ކައިވެނީގެ ވަރަށް ކުރީކޮޅު މަރުވެފައިވާ ރިޗާ ޝަރުމާއާ އެވެ. އެ ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅު ތުރިޝަލާ ދަތަށް މިހާރު 32 އަހަރެވެ. ރިޗާ މަރުވިތާ އެތައް އަހަރެއް ފަހުން ސަންޖޭ 1998 ގައި ކައިވެނިކުރީ ރިއާ ޕިއްލާއީއާ އެވެ. އެ ކައިވެނި ރޫޅުނީ 2008 ގަ އެވެ.

ސަންޖޭ އެކި ދުވަސްވަރު އެކި މީހުންނާ ލޯބީގެ ގުޅުންތަކެއް ބޭއްވި އެވެ. ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ސަންޖޭގެ ހަޔާތަށް ބިނާކޮށް 2018 ގައި ގެނެސްދިން ފިލްމުގައި ބުނާގޮތުން ސަންޖޭ 300 އެއްހާ މީހުންނާ ލޯބީގެ ގުޅުން ބޭއްވި އެވެ.