29 އެޕްރީލް 2020 - 18:13

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި މެމްބަރުންނަށް ޗުއްޓީ ނުލިބޭ ގޮތް ހަދައި، މެއި މަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރު ދިގުކުރަން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިންމައި ޗުއްޓީ އަށް ދާނީ މަަޖިލީހުގެ ގަވައިދު ބުނާ ގޮތުުން މި އޭޕްރިލްް މަސް ނިމުމުންނެވެ. އެކަމަކު ކޮވިޑް-19 ފެތުރޭތީ މިހާރު ހާލަތު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މި ވަގުތު ކުރިއަށް ގެންދަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މަޖިލިސް ޗުއްޓީ އަށް ނުގޮސް، މެއި މަހުގެ ނިޔަލަށް ޖަލްސާތައް ކުރިއަށްް ގެންދިއުމަށް ހުށަހެޅުއްވީ މަަޖިލީހުގެ ރައިީސް މުހައްމަދު ނަޝީދެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިއޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެންވީމާ މިއީ ރައްޔިތުންގެ މަޖިލިސް ބަންދުކޮށްފައި ބޭއްވުން ބުއްދިވެރި ވަގުތެއް ނޫން ކަަމަށެވެ.
"އަޅުގަނޑުމެން ވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި އޮން ކޯލްގައި ތިބުން ބޭނުންތެރި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ހުށަހެޅުން ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ވަގުތު ބައިވެރިވެވަަޑައިގެންނެވި 67 މެމްބަރުންގެ އިތިއްފާގުންނެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ވާޗުއަލްކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ހަމަޖެއްސި އިންތިޒާމްގެ ދަށުން މިހާތަނަށް ކުރެވިފައި ވަނީ މުހިއްމު މަސައްކަތްތަކެއް ކަމަށެވެ. މަޖިލިސް ވާޗުއަލްކޮށް ކުރިއަށް ގެންދަން ފެށިފަހުން ކުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ ނަގަން ސަރުކާރަށް ހުއްދަ ދިނުމާއި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ހުށަހެޅި ސަންސެޓް ގާނޫނުގެ ބިލް ފާސްކުރުން ހިމެނެ އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ފަހު އަނެއް ދައުރު ފަށާނީ ނަޝީދު މިއަދު ވިދާޅުވި ގޮތުގައި، މެމްބަރުންނަށް ޗުއްޓީއެއް ނުލިބި އެވެ. އެކަމަކު ގަވައިދުން ޖަަލްސާތައް ބޭއްވުމުގެ ބަދަލުގަައި އެ މުއްދަތުގައި ބާއްވާނީ މުހިއްމު މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ ބާއްވާ ޖަލްސާތަކެވެ.