29 އެޕްރީލް 2020 - 12:37

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް، މަރުވި މީހާއާ މެދު އަމަލުކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާ އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ގދ. މަޑަވެލި ސިއްހީ މަރުކަޒުން ޑރ. އަބްދުއްސަމަދު ހޮސްޕިޓަލަށް އެ މީހާ ގެންދިޔައީ އިތުރު ފަރުވާ ދިނުމަށް މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މީހާ އަކީ ސިވިއަ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) އަށް ފަރުވާ ދެމުން ދިޔަ މީހެއް ކަމަށް ވުމުން، އޭނާ އަށް ކޮވިޑް-19 ޖެހިފައިވޭތޯ ބަލަން ޖެހިގެން އައި އާދިއްތަ ދުވަހު ސާމްޕަލް ނެގި އެވެ. ނަމަވެސް މި ސާމްޕަލް މާލެ ފޮނުވުމުގެ ކުރިން، ހޯމަ ދުވަހު އެ މީހާ މަރުވީ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ މީހާގެ ޖަނާޒާގެ ކަންތައްތައް އެ ހޮސްޕިޓަލުން ކުރިއަށް ގެންދިޔައީ ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެ މީހާ ހިނަވަން އެޗްޕީއޭ އިން ލަފާދީފައި ވަނިކޮށް، އޭނާ ވަޅުލީ ތަޔައްމަމުކޮށްފައި ކަމަށް މަބްރޫކް ވިދާޅުވެފައި ވެ އެވެ.
މި މައްސަލައިގައި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން ނެރުނު ނޫސްބަޔާންގައި މިކަން ދޮގުކުރި އެވެ. މަރުވި މީހާހެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިޔައީ، ހޮސްޕިޓަލްތަކުން އަމަލު ކުރުމަށް އެކުލަވާލާފައިވާ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ގައި ވާ ގޮތަށް ކަމަށާއި އޭނާ ވަޅުލީ ހިނަވައިގެން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އެ މަސައްކަތް ކުރި މީހުންނަށް ޕާސަނަލް ޕްރޮޓެކްޝަން ކިޓް (ޕީޕީއީ) ފޯރުކޮށްދިން ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.
"...އަދި މައްޔިތާ ހިނަވާ ގެއަށް ގެންދިއުމުގެ ކުރިން، ޖަމާއަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ޖަމާއަތްތެރިން ހޮސްޕިޓަލަށް ގެނެސް މައްޔިތާ ހިނެވުމަށް ލާންޖެހޭ (ޕީޕީއީ) ސޫޓުގެ ބޭނުމާއި ސޫޓު ލާންޖެހޭ ގޮތް، ހޮސްޕިޓަލްގެ ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އެހީތެރިކަމާ އެކު ވަނީ ކިޔައިދެވިފަ އެވެ،" ހޮސްޕިޓަލުން އަމަލުކުރި ގޮތް ދިފާއު ކުރަމުން ބަޔާނުގައި ވެ އެވެ.
"ހޮސްޕިޓަލުން މިކަމުގައި އަމަލު ކޮށްފައި ވާނީ އެޗްޕީއޭ އިން ކޯވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތަށް ކަމުގައި ދަންނަވަމެވެ."
މަރުވި މީހާގެ އާއިލާގެ މީހުންނަށް އެ މީހާގެ މޫނު ނުދެއްކި މައްސަލަ ވެސް އާއިލާގެ މީހުން ޖައްސަ އެވެ. އެކަމަކު ތިނަދޫ ހޮސްޕިޓަލްގެ ބަޔާނުގައި އެ ވާހަކަތަކާ މެދު ވަކި އެއްޗެއް ބުނެފައެއް ނެތެވެ.
ކޮވިޑް-19 އަށް 250 މީހުން މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވެފައި ވި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު މި ބަލީގައި މަރުވެފަ އެއް ނުވެ އެވެ. މި ބައްޔަށް ޕޮޒިޓިވްވެފައިވާ 17 މީހަކު ރަނގަޅުވެފައި ވާ އިރު، ދެ މީހަކު ފަރުވާ ހޯދަމުން އަންނަނީ ބޭރުންނެވެ. އެ ދެ މީހުން ކޮވިޑަށް ޕޮޒިޓިވް ވި ކަން އެނގުނީ، ރާއްޖެއިން ބޭރަށް ދިޔަ ފަހުންނެވެ.
މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 250 މީހުންނެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 99 އެވެ. ރާއްޖެ އިން އެ ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވީ ބަންގްލަދޭޝްގެ މީހުންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ 115 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ.