އޮސްކާ އެވޯޑްސްގެ ދެ ކެޓަރީއެއް އެއްކޮށްލައިފި
އޮސްކާ އެވޯޑްސްގެ ދެ ކެޓަރީއެއް އެއްކޮށްލައިފި

އަންނަ އަހަރު ބާއްވާ 93 ވަނަ އޮސްކާ އެވޯޑް ހަފުލާއާ އެކު އަނެއްކާ ވެސް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

އެންމެ ޝަރަފުވެރި ފިލްމު އެވޯޑް ހަފުލާ އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން މި ފަހަރު ގެނައި މުހިއްމު އެއް ބަދަލަކީ ސިނަމާތަކުގައި ނާޅުވާ ފިލްމުތަކަށް ވެސް ވާދަކުރުމުގެ ފުރުސަތު ދިނުމެވެ.

އޮސްކާ އެވޯޑްސްގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން އެވޯޑްސްގައި ވާދަކުރެވޭނީ ސިނަމާތަކުގައި އަޅުވާ ފިލްމުތަކަށެވެ. ނަމަވެސް މި އަހަރަކީ ކޮވިޑް-19އާ ދިމާކޮށް ސިނަމާގެ ވިޔަފާރި ހުއްޓި ގިނަ ފިލްމުތަކެއް ސްޓްރީމިންއަށާއި ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އަށް ދޫކޮށްލަން މަޖުބޫރުވި އަހަރަކަށްވާތީ އެފަދަ ފްލެޓްފޯމްތަކަށް ދޫކޮށްލި ފިލްމުތަކަށް އަންނަ އަހަރުގެ އޮސްކާ އަށް ވާދަކުރެވޭނެ ކަމަށް އޭއެމްޕީއޭއެސް އިން ބުންޏެވެ. އަދި މި އުސޫލަކީ ހަމައެކަނި މި ފަހަރަށް ހާއްސަ ކުރި ކަމެއް ކަމަށް ބުންޏެވެ.

އޭއެމްޕީއޭއެސް ބުނީ ފިލްމީ ވިޔަފާރި އާއި އޭގެ ވާދަވެރިކަމަކީ ތިއޭޓަރުގައި އޮންނަ ކަމަކަށްވުމާއި ތިއޭޓަރުގެ ވިޔަފާރި ދިރުވައި، ސިނަމާގެ މަސައްކަތްތަކަކީ އެތައް ބައެއްގެ މުނިފޫހި ފިލުވުމާ ގުޅިފައިވާ ކަމަކަށްވާތީ އޮސްކާގައި ވާދަކުރާ ފިލްމުތަކަކީ އަބަދު ވެސް ސިނަމާތަކުގައި އަޅުވާ ފިލްމުތަކަކަށް ވާން ޖެހޭނެ ކަމަށެވެ.

މި ފަހަރު ގެނައި އެންމެ ފާހަގަކޮށްލެވޭ ބޮޑު ބަދަލަކީ ކުރިން ވަކިވަކިން ދިން ސައުންޑް މިކްސިން އާއި ސައުންޑް އެޑިޓިން އެއް ކެޓަގަރީއަކަށް ހަދައި ބެސްޓް ސައުންޑްގެ ނަމުގައި އެވޯޑް ދޭން ނިންމުމެވެ. އޮސްކާ އަކީ އާންމުކޮށް ޖުމްލަ 24 ކެޓަގަރީ ހިމެނޭ އެވޯޑެކެވެ.

މީގެ އިތުރުން ގެނައި އަނެއް ބަދަލަކީ އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ވާދަކުރާ ފިލްމުތަކަކީ އެކެޑެމީގެ ހުރިހާ މެމްބަރުން ވެސް ބަލާ ފިލްމަކަށްވުމާ އެކު، ޕްރިލިމިނަރީ ވޯޓިންގައި ހުރިހާ މެމްބަރުން ވެސް ވޯޓް ދޭން ޖެހޭ ގޮތަށް ނިންމުމެވެ.

އޮސްކާ އެވޯޑް ދޭ އުސޫލަށް ދޭތެރެ ދޭތެރެ އިން ބަދަލުތައް ގެންނަމުން އަންނަ އިރު، ފާއިތުވި ދެ އެވޯޑް ހަފުލާ ބާއްވާފައި ވަނީ ހޯސްޓަކާ ވެސް ނުލަ އެވެ.

އަންނަ އަހަރުގެ އެވޯޑް ހަފުލާ އޮންނާނީ ފެބްރުއަރީ މަހުގެ 28 ގަ އެެވެ.