29 އެޕްރީލް 2020 - 14:06

ދޯހާ (އޭޕްރީލް 29) - ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ފްރާންސް ސަރުކާރުން އެ ގައުމުގައި ސެޕްޓެމްބަރު މަހުގެ ކުރިން އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވޭނެކަން އިއުލާނުކުރުމާ އެކު ޕީއެސްޖީގެ ޗެމްޕިއަންސް ލީގު މެޗުތައް އެހެން ގައުމުގެއްގައި ކުޅެން މަސައްކަތްކުރާނެ ކަމަށް އެ ކްލަބްގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.
ފްރާންސްގެ ބޮޑު ވަޒީރު އެޑޮއާޑް ފިލިޕޭގެ ސަރުކާރުން ވަނީ މީހުން އެއްވެ އުޅޭގޮތަށް ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ސެޕްޓެމްބަރު މަހުގެ ކުރިން ނުބޭއްވޭ ގޮތަށް ނިންމައިފަ އެވެ. އަދި ސަޕޯޓަރުން ނުވައްދައި ވެސް ފުޓްބޯޅަ މެޗުތައް ނުބޭއްވޭނެ އެވެ. ސަރުކާރުގެ މި ނިންމުމާ އެއްގޮތަށް އަމަލުކުރަން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް އޮތީ ތައްޔާރަށެވެ. އެކަން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ނޮއެލް ލަ ގްރައެޓް ވެސް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.
ފްރާންސް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން އަންނަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރަމުންނެވެ. އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޔުއެފާ އިން ވަނީ އޮގަސްޓް މަހުގައި ޗެމްޕިއަންސް ލީގު ކުޅެން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އެކަން ކްލަބްތަކާ އެކު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
ޕީއެސްޖީގެ ރައީސް ހެއްލާފީ ވިދާޅުވީ ފްރާންސް ސަރުކާރުން ފުޓްބޯޅަ ސީޒަން ކެންސަލްކުރަން ނިންމެވި ނިންމުމަށް އިހުތިރާމްކުރާކަމަށާއި އެހެން ނަމަވެސް ޕީއެސްޖީން ވެސް ވާދަކުރަމުން އަންނަ މުބާރާތްތަކުގައި ކުރިއަށްދާނެ ގޮތެއް ވިސްނަންޖެހޭ ކަމަށެވެ.
"ޔުއެފާއާ އެކު ވެފައިވާ އެގްރިމެންޓާ އެއްގޮތަށް އަހަރެމެން ބޭނުން ޗެމްޕިއަންސް ލީގުގައި ކުރިއަށްދާން. ކޮންމެ އިރަކު ކޮންމެ ތަނެއްގައި ބޭއްވި ކަމުގައި ވިޔަސް އަހަރެމެން މި ތިބީ އެ ގޮތަށް ކުރިއަށްދާން،" ގަތަރު ސަރުކާރުގައި ވެސް ނުފޫޒު ގަދަ ހެއްލާފީ ވިދާޅުވި އެވެ.
"ފްރާންސުން ބޭރުގައި އަހަރެމެން މެޗުތައް ކުޅެން ޖެހިއްޖެނަމަ އަހަރެމެން އެގޮތަށް ކުރިއަށްދާން ވެސް ތައްޔާރު. އެކަން ކުރާނީ ކުޅުންތެރިންނާއި އަހަރެމެންގެ މުވައްޒަފުންގެ ސިއްހީ ހާލަތަށް އެންމެ ރަނގަޅު މާހައުލެއްގައި،"
ގަލްފް ސަރަހައްދުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ފްރާންސްގައި ޕީއެސްޖީގެ ޗެމްޕިއަންސް ލީގު މެޗު ކުޅެވޭގޮތް ނުވެއްޖެނަމަ ހެއްލާފީގެ ފުރަތަމަ ޗޮއިސް އަކީ މެޗުތައް ގަތަރުގައި ކުޅުމެވެ. އެކަމަކު މި ނިންމުމަށް ޔުއެފާގެ ރުހުން ނުލިބުމުގެ ފުރުސަތު ބޮޑެވެ. އެއީ ޔޫރަޕް ކްލަބް މުބާރާތެއްގެ މެޗެއް އެހެން ގައުމަކަށް ގެންގޮސްގެން ކުޅެން ޔުއެފާ ކައުންސިލުން ވެސް ފުރުސަތު ނުދޭނެތީ އެވެ.
ޔުއެފާ އިން އަންނަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފުރިހަމަކުރަން އެކި ޕްލޭންތައް ރާވަމުންނެވެ. އެ ގޮތުން ހުރިހާ ޓީމެއް އެއް ސަރަހައްދަކަށް ގެނެސްގެން މިނީ ޓޯނަމެންޓެއް ގޮތަށް މެޗުތައް ކުޅުމަކީ ޔުއެފާ އިން ގެންގުޅޭ ހިޔާލެކެވެ. އެ ގޮތަށް މެޗުތައް ގެންދަން ރާވަނީ އޮގަސްޓް މަހު އެވެ. އޭގެ ކުރިން ލީގުތައް ނިންމަން ކްލަބްތަކަށް ވަނީ ލަފާދީފަ އެވެ.