ބިލެތްފަހި މޮނިޓަރިންގައި އޮއްވައި އެރި ތިން މީހަކު ހައްޔަރުކޮށްފި
ބިލެތްފަހި މޮނިޓަރިންގައި އޮއްވައި އެރި ތިން މީހަކު ހައްޔަރުކޮށްފި

ކޮވިޑް-19 އާ ގުޅިގެން ށ. ބިލެތްފަހި މޮނިޓަރިންގެ ހާލަތުގައި ވަނިކޮށް އެ ރަށަށް މިއަދު އެރި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި، އެ ތިން މީހުން ބިލެތްފައްސަށް ދިޔައީ ށ. ފޭދޫން ފުރައިގެން ކުޑަ ޑިންގީއެއްގަ އެވެ. ހުއްދަ ނުހޯދައި މި މީހުން ދަތުރުކުރިއިރު، ބިލެތްފައްސަށް އަރައި ފޭބުން އޮތީ މަނާކޮށްފަ އެވެ.

މީހުން ހައްޔަރުކުރީ ބިލެތްފައްސަށް ދިއުމަށް ފަހު އެނބުރި ފޭދު އަށް ދިޔަ މަގުމަތީގަ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގައި ހަލުވިކަމާ އެކު ފެތުރޭ ކޮވިޑް-19 އަތޮޅުތަކުގައި ވެސް ބާރަށް ފެތުރުމުގެ ބިރު އޮތް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ބިލެތްފަހި މޮނިޓަރިންގެ ހާލަތަށް ލީ މާލެ އިން ފުރައިގެން ދިޔަ ށ. ނަރުދޫ އަމާޒު ބޯޓުގެ ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވުމުންނެވެ.

އަމާޒު ބޯޓްގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އުތުރުގެ ތިން އަތޮޅެއްގެ 13 ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ބޯޓުން ދަތުރުކުރި 98 މީހެއް ވަނީ ގޭގައި އައިސޮލޭޓް ކޮށްފަ އެވެ. ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ގިނަ ރަށްތަކަކަށް ބަލި ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އެ ބޯޓް ދަތުރުކުރި ރަށްތަކުގެ ތެރޭގައި ހއ. ދިއްދު އާއި އުތީމުގެ އިތުރުން ށ. ނަރުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވައް، ށ. މާއުގޫނދޫ، ނ. ވެލިދޫ، ހޮޅުދޫ، ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ އަދި ނ. ހެނބަދޫ ހިމެނެ އެވެ. އެ ހުރިހާ ރަށެއް ވެސް މިހާރު ވަނީ މޮނިޓަރިން ހާލަތުގަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ވަނީ 250 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 17 މީހަކު ރަނގަޅުވެ، މިހާރު ފަރުވާ ދެމުން އަންނަނީ 233 މީހުންނަށެވެ.