29 އެޕްރީލް 2020 - 00:39

ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަރުވި އެ އަތޮޅު މަޑަވެލީ މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގައިފި އެވެ.
ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން މިރޭ ބޭއްވި ޕްރެސް ބްްރީފިންގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ތިނަދޫގައި މަރުވި އުމުރުން ދުވަސްވީ މީހާގެ ސާމްޕަލް ނަގާފައި ވިޔަސް އަދި މާލެއާ ހަމައަށް ނާންނަ ކަމަށެވެ. އަތޮޅުތަކުގައި ކޮވިޑް-19 އަށް ޓެސްޓެއް ނުކުރެވެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ހޮސްޕިޓަލްތަކުން އަމަލުކުރުމަށް އެކުލަވާލާފައިވާ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ގައި ބުނެފައި އޮންނަ ގޮތުން މިހާލަތުގައި މަރުވާ މީހުން ކޮވިޑަށް ޓެސްޓްކުރަން ސާމްޕަލް ނަގައި، ޓެސްޓްކުރާ އިރު، ނަތީޖާ ނުލިބެނީސް ޖަނާޒާ ބާއްވާ ނަމަ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނީ އެ ބަލީގައި މަރުވާ މީހެއްގެ ޖަނާޒާ ކުރިއަށް ގެންދާ އުސޫލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގަ އެވެ. ތިނަދޫގައި މަރުވި އުމުރުން ދުވަސްވީ މީހާގެ ޖަނާޒާ ރައްކާތެެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރިއަށް ގެންދިޔައީ އެހެންވެ ކަަމަށް މަބްރޫކް ވިދާޅުވި އެވެ.
ތިނަދޫގައި މަރުވި މީހާ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ސާރީ ކޭސް އެއް ( ސިވިއަ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނެއް) ހުރި މީހެއްގެ ގޮތުގައި ކަމަށް ވެސް މަ ބްރޫކް ވިދާޅުވި އެވެ.
"ސާރީ ކޭސް އެއް ގޮތަށް ރީޖަނަލް ހޮސްޕިޓަލްގައި ބޭއްވި މީހެއް، އާދެ މިހާރު މި މައުލޫމާތު ލިބެނީ އޭނާގެ ސާމްޕަލް ވެސް ހަމަ ނެގިފައިވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މަބްރޫކް ފަހުން ވިދާޅުވި ގޮތުގައި މަރުވި މީހާ ވަޅުލީ ހިނެވުމުގެ ބަދަލުގައި ތަޔައްމަމް ކުރުމަށް ފަހުގަ އެވެ. އެކަމަކު ހޮސްޕިޓަލުން ޖަމާއަަތްތެރިންނަށް ލަފާދީފައި ވަނީ އޭނާ ހިނަވައިގެން ޖަނާޒާ ކުރިއަށް ގެންދަން ކަމަށާއި އެކަމަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ވެސް ފޯރުކޮށްދިން ކަމަށް މަމްބްރޫކް ވިދާޅުވި އެވެ.