29 އެޕްރީލް 2020 - 16:58

ދަތިހާލުގައި ތިބި މީހުންނަށް ޔުނިސެފުން "ފުޑް ރިލީފް ޕެކޭޖް" ހަދިޔާކުރަން ރޭ ފަށައިފި އެވެ.

ޔުނިސެފާއެކު މިކަމުގައި ޖެންޑާ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވެސް ބައިވެރިވެ އެވެ.
ޔޫތު މިނިސްޓްރީން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، ޔުނިސެފްގެ އެހީ ދެމުން އަންނަނީ ތަފާތު އެކި ކަންކަމުގައި ޖެންޑާ މިނިސްޓްރީގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ކަމަށެވެ. އޭގައި ކޮވިޑް-19 ގެ ސަބަބުން އެކި ދަތިތައް ދިމާވެފައި ތިބި މީހުން ވެސް ހިމެނެ އެވެ. ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުން މެދުވެރިކޮށް އެ އެހީ 636 ގެއަކަށް ބަހާނެ އެވެ.
އެ ރިލީފް ޕެކޭޖުގައި ކާޑުގެ ބާވަތްތަކުގެ އިތުރުން ފިޔާ، އަލުވި، ފުލް ކްރީމް ކިރާއި ބިސް، ހަވާދު، ސައިފަތް، ޗިލީ ޕައުޑާ އަދި ތަރުކާރީ ހިމެނެ އެވެ.
"ޔުނިސެފުން ހަރަދުކޮށްގެން ދެމުން އަންނަ އެހީއެއް އެއީ. އޭގައި ރޯދަ މަހަށް ބޭނުންވާ މުހިއްމު އެއްޗެހި މި ހިމެނެނީ. މިކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބައިވެރިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ޔުނިސެފްގެ އެހީ ހަދިޔާކުރުމުގައި އެ ޖަމާއަތުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑރ. މުނީރު އަލް ސަފީލްދިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެހީ ލިބުނު ޒުވާން އަންހެނަކު ބުނީ، ކޮވިޑް-19 ގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލިފައި ހުއްޓައި ލިބުނީ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އޭނާއަށް ގުޅުއްވައި، އެހީއާ ހަވާލުވާން އެދިވަޑައިގަތީ ވެސް، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު، ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.
"ފަސްޓް ލޭޑީ ގުޅުއްވާފައި، ހާލު ބައްލަވާފައި ވިދާޅުވީ އެ ތަކެއްޗާ ހަވާލުވާން ތިރިއަށް ދުރުވެވިދާނެތޯ. ކުއްލިއަކަށް ވަޒީފާ ގެއްލިފައި ދަތިވެފައި ހުއްޓައި ވަރަށް ބޮޑު އެހީއެއް މި ލިބުނީ،" ކުޑަ ކުއްޖަކާއި ފިރިމީހައާއެކު ދިރިއުޅެމުން އަންނަ އެ ޒުވާނާ ބުންޏެވެ.