ޖިންނިއެއްގެ ޝަކުވާ
ޖިންނިއެއްގެ ޝަކުވާ

އާދިއްތަ ދުވަހާ ގުޅޭ

އެހެން ހުރެގެން ދަމުންދަމުން ވަކި ހިސާބަކަށް ކުރިޔަށް ގޮސްފައި ދެން އެ މީހަކު އަރަން ފެށީ، ހުރި ދިމާއިން މައްޗަށެވެ. އަޒީޒާ ހައިރާންވެފައި ބަލަހައްޓައިގެން އޮތީއެވެ. މަތީގައި އޮތީ ފުރާޅެވެ. އެކަމަކު މައްޗަށް އެރި އެތި އަރައިގެން ދިޔައީއެވެ. އަޒީޒާ މަޑުމަޑުން ތެދުވިއެވެ. ޒާހިދާ ކޮބައިތޯ ފޮތިގަނޑު ހިއްލައިލައިފައި ބަލައިލިއިރު ޒާހިދާ އޮތީ ނިދައިފައެވެ. އެ ހިސާބުން އަޒީޒާ ވަރަށް ބިރުގަތެވެ. އަލުން އަޒީޒާގެ ބަޔަށް ވަދެ އެނދަށް އަރައި ނިދިއެވެ. އަޒީޒާ ނިދިޔަސް ސިއްރުތައް ދިޔައީ ހޭލަމުންނެވެ.

ފަތިސްވަނިކޮށް ނަސީމު ގެއަށް އައެވެ. ދޮރޯށި ހުޅުވައިލައިފައި ގެއަށް ވަންއިރު ގޯތިތެރޭގައި އޮތީ ބޮޑު އެތިގަނޑެކެވެ. ރަނގަޅަށް އަލި ނުވާތީ އެއީ ކޯޗެއްކަމެއް ނަސީމަކަށް ނޭނގުނެވެ. އެއީ އަނދިރިގަނޑު ތެރޭގައި އޮތް، އަނދިރިއަށް ވުރެ ކަޅު އެއްޗެކެވެ. އެއްވެސް ސިފައެއް ވަތްކެއް ނުވެއެވެ. އެކަމަކު ދިރޭހެން ހީވިއެވެ. އޭގެ ކުރީ ދުވަހު ގޯތިތެރެ ވަރަށް ރަނގަޅަށް ސާފުކޮށްފައި އޮތުމުން އަމުދުން އެހާ ބޮޑު، ކަޅު އެތިގަނޑެއް އެ ތަނުގައި އޮވެގެން ނުވާނެކަން ނަސީމަށް ވެސް އެނގެއެވެ. ހީއެއް ނަމަ، ގިނަ ފަހަރަށް އެ އެއްޗެއް ފެނިފައި ގެއްލޭނެއެވެ. ނުވަތަ ރަނގަޅަށް ބަލައިލުމުން އަސްލު އެތި ލޮލަށް ހާމަވާނެއެވެ. އެ ފަހަރު އެހެނެއް ވެސް ނުވިއެވެ. ކައިރީގައި ހުރި ދެ ގެއެއްގެ މީހުންނަށް ގޮވައި އެ މީހުންނަށް ވެސް ނަސީމު އެ އެތި ދެއްކިއެވެ. ސިފައިންނަށް ގުޅިއެވެ. ސިފައިން އައުމުން އެ މީހުންނަށް ވެސް ދެއްކިއެވެ. ސިފައިން އަލިކުރީމައި ވެސް އެއަކަށް އައްޔެއް ނުވެއެވެ. ވަރަށް އަނދިރި ރެޔެއްގައި އުޑާ ދިމާއަށް އަލިކުރުމުން އަލިގަނޑު ގޮސް ގެއްލިފައި އޮންނަހެން ބައްތީގެ އަލިގަނޑު އޮވެއެވެ. އެއްޗެއް ސާފެއް ނުވެއެވެ. އެކަކު ވެސް އެ އެއްޗަކާ ކައިރިއެއް ނުވެއެވެ. އޭތި ގެއްލުނީ މަޑުމަޑުން ގެއްލެމުން ގެއްލެމުން ގޮހެވެ. އެންމެން ތިބީ ހައިރާންވެފައެވެ. އެ ކަންތައްގަނޑު ނިމިގެން އެންމެން ދިޔައިރު ވެސް ރަނގަޅަކަށް އައްޔެއް ނުވެއެވެ. ދޮރޯށި ތަންޑުއަޅައިފައި ނަސީމު ގޭތެރެއަށް ވަންނަން ވެގެން ހިނގައިގަތްތަނާ ދޮރުގައި ޓަކިޖެހިއެވެ. ނަސީމު ދޮރު ހުޅުވިއިރު އެ މަގަކު އެއްވެސް މީހަކު ނެތެވެ. ޓަކިޖެހިކަން ނަސީމަށް ކަށަވަރެވެ. އަލުން ދޮރޯށި ލައްޕައިފައި ގޭތެރެއަށް ވަދެފައި، ކޮޓަރިއަށް ވަންނަން ބަލައިލިއިރު ކޮޓަރީގެ ދޮރު ހުރީ ލައްޕައި ތަޅުލައިފައެވެ. ކޮޓަރީގައި ތިބި އެންމެންނަށް ފަތިހު ހޭލެވުނީ ކޮޓަރީގެ ދޮރުގައި ޓަކިޖަހާ އަޑަށެވެ. އެ ދޮރަކީ ލައްޕާ ދޮރެއް ނޫނެވެ. އެކަމަކު ކޮންމެވެސް މީހަކު ހުރީ ދޮރު ތަންޑުއަޅައިފައެވެ. އޭގެ ކުރިން ދުވަހަކު ވެސް އެހެނެއް ނުވެއެވެ. ކޮޓަރީގެ ދޮރު އަބަދުވެސް ތަޅުލާނީ ނަސީމު އެތެރެއަށް ވަދެފައެވެ. އެ ދުވަހު އެންމެން އެ ކަމާ ހައިރާންވެގެން އުޅުނެވެ. ދޮރު ލައްޕައި ތަންޑުއެޅުވީ ކާކުކަމެއް ނޭނގުނެވެ.

އެ ހާދިސާގެ ފަހުން ދޭތެރެއަކުން ހަނާއަށް ދިގުމީހާ ފެނެއެވެ. ގޭގެ އެތައްމިތަނުންނެވެ. އަޒީޒާއަށް ފެނުނު ކަމަށް ބުނާ "އެތި" ވެސް ދޭތެރެއަކުން ފެނެއެވެ. އެކަމަކު ޒާހިދާ އަކަށް އެ ފަދަ އެއްވެސް އެއްޗެއް ނުފެނެއެވެ. އެއް ރެޔަކު ޒާހިދާއަށް ހޭލެވުނީ ފަންކާގެ ފިޔައިގައި ކޮންމެވެސް އެއްޗެއް ޖެހުނު އަޑު ކަހަލަ އަޑެއް އިވިގެންނެވެ. ޒާހިދާ ލޯ ހުޅުވައިލިއިރު ފަންކާ ހުރީ ހުއްޓިފައެވެ. އެކަަމަކު ކުޑަކުޑަކޮށް ފަންކާ ހެލެއެވެ. ފަންކާގައި ޖެހުނީ ކޯޗެއް ކަމެއް ނޭނގެއެވެ. ފަންކާ ދެން ބޭނުމެއް ނުކުރެވުނެވެ. އަލުން އެހެން ފަންކާއެއް ހަރުކުރީއެވެ. ދޭތެރެއަކުން ނަސީމު ވެއްޓެއެވެ. ނަސީމުގެ ތިމާގެ މީހަކު މަރުވެގެން ވަޅުލުމުގެ ކަންތައް ނިންމައިފައި ސަހަރާއިން ނުކުންނަނިކޮށް ވެސް ނަސީމު ވެއްޓުނެވެ. ގޭތެރެއިން ފެންނަ ފާޑުފާޑުގެ ބިރުވެރި ކަންތައްތައް ވަރަށް ގިނަ ދުވަސް ވަންދެން ފެނުނެވެ. އެ ކަންތައްގަނޑަށް ނިމުމެއް ގެނައީ ފަންޑިތަހަދައިގެންނެވެ. ހަނާއާއި ނަސީމުއަށް ވެސް ފަންޑިތަ ހަދައިދިނީ ފާއިޒުއެވެ. ފާއިޒަކީ ޒާހިދާގެ ރައްޓެއްސެކެވެ. ތަވީދު ހެދުމާއި، ގޭތެރެއަށް ދޮންވެލި އެޅުމާއި، ފެން އެޅުން ފަދަ އެތައް ކަމެއް ފާއިޒު ކުރިއެވެ. ނަސީމު ރަނގަޅުވުމަށް ފަހުގައި ވެސް އާދަޔާ ޚިލާފު ކަމެއް ހިނގިއެވެ. ނަސީމު ދުއްވި ޕިކަޕެއް އެކުސިޑެންޓުވީއެވެ. ޕިކަޕު ޖެހުނީ ލޮރީއެއްގައެވެ. ހާދިސާ ހިނގީ ރޭގަނޑެއްގައެވެ. ނަސީމުގެ ބޮލަށް ވަރަށް އަނިޔާވިއެވެ. ލޮރީގެ ޑުރައިވަރު ބުނި ގޮތުގައި ލޮރީ ދުއްވީ އޭނައެވެ. އެހެނަސް "ހޭވެރިކަންވީ" އެކުސިޑެންޓުވި ފަހުންނެވެ. އޭނަ ލޮރީއަށް އެރި ސަބަބެއް، ދިޔަ ތަނެއް އޭނަ އަކަށް ނޭނގެއެވެ.

"ފަންޑިތަހެދުމާ، ތަވީދު އެޅުމަކީ ކުރަން ހެޔޮވާ ވަރުގެ ކަންކަމެއް ނޫން،" ވަގުތު ފާއިތުވެފައި ވިޔަސް އަނިލް ހަނދާންކޮށްދިނެވެ. "ފަންޑިތައިގަ އެހީއަށް އެދޭނީ ކޮންމެވެސް ޖިންނިއެއްގެ ފަރާތުން. އެއީ ޖާހިލީ ޒަމާނުގަ މުޝްރިކުން ކޮށް އުޅުނު ކަމެއް. ސަވާރީގަ ދަތުރުކުރަމުން ގޮސް މަންޒިލުތަކުގަ ރޭކުރަން ސަވާރީން ފައިބާއިރު ސަވާރީ ބަލަހައްޓަން ގޮވާލާނީ ކޮންމެވެސް ޖިންނިއަކަށް. ﷲ ނޫން ފަރާތަކުން އެ ކަހަލަ މަދަދަށް އެދުމަކީ ހުއްދަ ކަމެއް ނޫން. ބިރުގަންނަ އެއްޗެހި ލޮލަށް ދައްކައިގެން، ފަންޑިތައިގެ އެހީ ހޯދައިގެން ތަވީދު މެދުވެރިކޮށް އިންސާނާގެ މައްޗަށް ޖިންނިސައިތާނުން ބާރުފޯރުވަނީ. މާ ބޮޑު ފިކުރެއް ނެތި މުލައްދަނޑީގަ ނޫނީ އުނަގަނޑުގަ އަޅާލާ ތަވީދަކީ ފާޑެއްގެ އެއްބަސްވުމެއް ކަހަލަ އެއްޗެއް. ތަވީދު އެޅީމަ، ކުރިން ފެނުނު ބިރުވެރި އެއްޗެއް ދެން ނުފެންނާނެ. ޖިންނިސައިތާނުން ބޭނުންވީމަ ދައްކާ އެއްޗެއް، އެ ސޮރުމެން ބޭނުމިއްޔާ ގެއްލުވާ ވެސް ލެވޭނެ. ބޭނުމަކީ އިންސާނުންގެ އިތުބާރު ހޯދުން. ކުފުރު މަގު އިހުތިޔާރުކުރުވުން."

"ދެން ކީއްކުރާނީ؟" ކުށް ގަބޫލުކުރާ ކަހަލަ ރާގެއްގައި ޒާހިދާ ބުންޏެވެ. "އޭރަކު ތި ކަންކަމެއް ނޭނގޭ!"

ޒާހިދާ ކިޔައިދިން ވާހަކައިގެ ސަބަބުން އަނިލްގެ އެތައް ސުވާލަކަށް ޖަވާބު ލިބުނެވެ. އެތައް ބައިވަރު ޖިންނިއެއްގެ ސިކާރަ އަކަށް ހަނާ ހުށައެޅުނީ، އެތައް ސިހުރެއްގެ މެދުވެރި އަކަށް ޒާހިދާ ވެފައިވާތީއެވެ. ސިހުރު ހިފައިގެން އެތައް ބަޔަކު ގެއަށް ވަދެ ނުކުމެވާތީއެވެ. އެ ފަދަ ކޮންމެ ހާލަތެއްގައި، ގޭގައި ދިރިއުޅޭ މީހުން ނުރައްކަލަށް ހުށައެޅޭނެއެވެ. ހިނގާއިރު ފައިއެޅޭ ތަނަކުން ނުވަތަ އެއްޗެއް އުކާލެވޭ ދިމާއަކުން ވެސް ޖިންނި އަވަލަވައިފާނެއެވެ. އެ ފަދަ ކޮންމެ ފަހަރަކު މީހާގެ އައްޑަނައަކީ ޒިކުރާއި ދުއާއެވެ. ނަމާދާއި ޤުރުއާނެވެ. އެ ކަންކަމަށް ފަރުވާކުޑަކޮށްލައިފި ނަމަ އިންސާނާގެ ދިފާއީބާރު ގެއްލޭނެއެވެ. ޖިންނިސައިތާނާ ކާމިޔާބުކުރާނެއެވެ. ހަނާގެ ހުރިހާ ވެސް ބަދުނަސީބަކީ ފަރުވާކުޑަކުރެވުމެވެ. ހަނާގެ ހަށިގަނޑަކީ ޖިންނިސައިތާނުންގެ ހާއްޔެކެވެ. ގޭގައި އެކަނިމާ އެކަނި އިނދެގެން އަނިލް ވިސްނިއެވެ. ކުރަންޖެހޭ މަސައްކަތް ވަރަށް ގިނައެވެ. އެހާމެ އުނދަގުލެވެ. ޖިންނީންގެ ފައުޖުތައް ފަހާ ބޭރުކުރުމަކީ އަނިލްއަށް ނުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު ފަސޭހަ ކަމެއް ވެސް ނުމެ ނޫންމެއެވެ.

ޖިންނިސައިތާނުންނާ ދެކޮޅަށް ގަދަހިފުމަކަށް ދާން އަނިލް ތައްޔާރުވިއެވެ. އެކި ދިމަދިމާއިން ހޯދި މައުލޫމާތުތަކުގެ ތެރޭގައި، ރިޒްވާނާ އިން ފަހުން ހަނާއަށް ކުރިމަތިވި ބައެއް ކަންތައްތައް ފާހަގަކޮށްލެވުނެވެ. ހަނާ ވަޒީފާއަށް ދާން ފެށިތާ ކައިރީގައި ދެ ފަހަރަކު ހަނާއަށް މަގުއޮޅުނެވެ. ރޯމާ ދުވާލުއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ފޯނުކޮށްފައި ހަނާ ބުނުމުން ހަނާ ގެއަށް ގެނެސްދިނީ ރިޒްވާނެވެ. ތަވީދު ނައްތާލަން އަނިލް ބެލިއިރު އެ މަގު އޮތީ ބަންދުވެފައެވެ. އެ ތަވީދު ކެނޑުނުތާ ކިތަންމެ ދުވަހެކެވެ. ތަވީދުއަޅައިގެން ހަނާ އުޅުނީ ދެ އަހަރުއެވެ.

ލިބުނު މައުލޫމާތުގެ އަލީގައި އަނިލް ތައްޔާރުވިއެވެ. ރެޔެއް ހަމަޖައްސައިފައި ރުޤްޔާކުރަން އައެވެ. އެ ރޭ ކޮޓަރީގައި ތިބީ ރިޒްވާނާއި އަނިލްއާއި ނާހިދެވެ. ޒާހިދާއާއި ނަސީމު ވެސް ދޭތެރެއަކުން ވަދެލައެވެ. އެކަމަކު ގިނަ އިރަކު ނުތިބެއެވެ. އަނިލް ކިޔަވަން ފެށިތާ ކުޑަ އިރުކޮޅެއް ތެރޭގައި ހަނާގެ ބަނޑު ފުފެން ފެށިއެވެ. އެއީ ހާޒިރުވެއްޖެ ކަމުގެ ނިޝާނެކެވެ. އަނިލް ވާހަކަދެއްކީ ހާޒިރުވި ޖިންނިޔާއެވެ.

"އެނގެއެއްނު އަހަންނަށް މަންމަ ވާހަކަތަކެއް ކިޔަދިންކަން،" އަނިލް ފުރަތަމަ ވާހަކަދެއްކީ ވަރަށް މަޑުމައިތިރި ރާގަކަށެވެ. "ކަލޭމެން ތިބޭނެ އަޑުއަހަން. އަހަންނަށް އެ ކަން އެނގޭ."

"އެއީ ދެން ކުޑައިރުގެ ބޭކާރު ވާހަކަތަކެއްނު!" ހަނާގެ އަޑު ބޭނުންކޮށްގެން އަނިލްއަށް ޖަވާބުދިނެވެ.

"ބޭކާރެއް ނޫން!" އަނިލް އިންކާރުކުރިއެވެ. "އަހަންނަށް އެނގިއްޖެ ހަތަރު ބަޔަކު މިތާ އެބަ ތިބިކަން. އެއްބަޔަކު ހަވާލުވީ ގޭތެރެއަށް އެޅި ދޮންވެއްޔާ. އަނެއް ބަޔަކު ތަވީދު. އަނެއް ބަޔަކު ދިރޭރަހަ. ފަހު އެއްޗަކީ ހަނާއަށް ކާންދީގެން ގޮހޮރުގަ އެ ހުރި އެތި. އަހަންނަށް ޔަގީން އެއްޗެއް ކާންދީފަކަން ހުރީ. ކޮންމެވެސް ބަޔަކު އެޔާ ވެސް ހަވާލުވާނެ. އަހަރެން ބޭނުންވަނީ އެއްބަޔަކަށް ވެސް އަނިޔާ ނުވެ، ސުލްހައިގަ ވާހަކަދައްކައިގެން މި ކަން ހައްލުކޮށްލަން. ފުރަތަމަ މި ދެނީ އެ ފުރުސަތު. މި ހުޅުވާލީ! ވާހަކަދައްކަން ފަށާ!"

ހަނާ އެއްޗެއް ނުބުނެ އިރުކޮޅަކު އޮތެވެ. އަނިލް ލަފާކުރި ގޮތުގައި އެ ބަޔެއްގެ މެދުގައި މަޝްވަރާ ހިނގަނީއެވެ.

"މަށެއް ނޫޅެން!" ޗޮކެއް ކަނޑައިފައި "ހަނާ" ބުންޏެވެ. "ބޭނުމެއް ނޫން!"

"ކަލޭމެން ތީ ކޮންބަޔެއް؟" އަނިލް ސުވާލުކުރިއެވެ.

"އަހަރުމެން ހަވާލުވީ ދޮންވެއްޔާ!" ޖަވާބުގައި ހަނާ ބުންޏެވެ.

"ޕުޗުސްއޭ ބޭނުމެއް ނޫނޭ ބުނެފަ ކޮންމެހެން އަހަންނާ ވާހަކަދައްކާނެ ކަމެއް ނެތް. އަހަންނާ ވާހަކަދައްކަނީ އަހަރެން މި ދެއްކި ވާހަކަ އަޑުއިވި، އެ ވާހަކަ ގަބޫލުކުރާ ބަޔަކު އެކަނި،" ތަންކޮޅެއް އަޑު ހަރުކޮށް އަނިލް ބުންޏެވެ. "އަހަންނާ ވާހަކަދައްކައިގެން މި މައްސަލަ ހައްލުކުރަން ބޭނުން ނުވާ ބަޔަކު މިތާ ތިބިއްޔާ އެ ބަޔަކު މައިތިރިވެގެން ތިބޭ. ކޮންމެހެން މަށާ ވާހަކަދައްކާނެ ކަމެއް ވެސް ނެތް. ފުރުސަތު މި ދިނީ ދޫދޭން ބޭނުންވާ ބަޔަކަށް އެކަނި."

"އެންމެ ރަނގަޅު!" ކުރިން ވާހަކަދެއްކި އަޑަށް ވުރެ ތަންކޮޅެއް ބަރު އަޑަކުން ބުންޏެވެ. "އަހަރުމެން ދޫ ނުދީފިއްޔާ ޔޯ؟"

"ދޫ ނުދީފިއްޔާ ހަދާނެ ގޮތް މި ކިޔާދެނީ!" އަނިލް ބުންޏެވެ. "ރަނގަޅަށް އަޑުއަހާ!"

ނުނިމޭ