28 އެޕްރީލް 2020 - 23:39

ގއ. ކޮނޑޭ އިން މިރޭ ކިނބުލެއް ފެނިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމް ވިދާޅުވީ، މަސް ބާނަން ރަށުގެ ފުއްޓަރު ފަރާތަށް ނުކުމެ އުޅުނު ގްރޫޕަކަށް ފެނުނު ހަ ފޫޓު ކިނބޫ ދާ ޖަހައިގެން ހިފާފައިވާ ކަމަށެވެ. ކިނބުލުގައި ވާ އެއްސެވުމަށްފަހު ފުލުހުން އަންނަންދެން ބާއްވާފައި އޮތީ ކައުންސިލް އިދާރާގެ ގޯތި ތެރޭގަ އެވެ.
"ދާ ޖަހައިގެން އޭތި ނެގީ. އެއްވެސް ވަރަކަށް ގަދަ ދެއްކުން ކަހަލަ ކަމެއް ނެތް،" އަހުމަދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮނޑޭއިން ފެނުނު ކިނބޫ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުުޅިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އއ. ރަސްދޫ އިން ވެސް މިދިޔަ މަހުގެ ތެރޭގައި ކިނބުލެއް ފެނުނެވެ. އެ ރަށު ގޮނޑުދޮށުން ކިނބޫ ފެނުނީ ހިނގާލަން ނުކުތް ޓޫރިސްޓަކަށެވެ. އޭނާ އަށް އޮޅިގެން ކިނބުލަށް ފައިން އެރުމާ އެކު އޭތި ވަނީ އަނބުރާ މޫދަށް ފައިބަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭގެ ކުރިން ބަޔަކު ގޮސް ކިނބޫ ހިފީ އެވެ. އޭގެ ކުރިން ހދ. ވައިކަރަދޫން ވެސް ވަނީ ކިނބުލެއް ފެނިފަ އެވެ.
ރާއްޖޭގެ އެކި ރަށްރަށުން ވެސް މީގެ ކުރިން ކިނބޫ ފެނިފައިވެ އެވެ. އާއްމުކޮށް އެތަކެތި ފެންނަނީ އެއް ދުވަސްވަރެއްގަ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ކިނބުލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.