ދިރާގުން އެޑިއުކޭޝަން ޒޯނެއް ގާއިމްކޮށްފި
ދިރާގުން އެޑިއުކޭޝަން ޒޯނެއް ގާއިމްކޮށްފި

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދު ކޮށްފައި ވާތީ، ރިމޯޓް އެޑިއުކޭޝަނަށް މަގުފަހިކޮށް، ކިޔަވާ ކުދިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން "އެޑިއު ޒޯން" ގެ ނަމުގައި ދިރާގުޓީވީ ވީއޯޑީ ޕްލެޓްފޯމުގައި ހާއްސަ އެޑިއުކޭޝަން ޒޯނެއް ގާއިމުކޮށްފި އެވެ.

"އެޑިއު ޒޯން" ގައި ހިމެނޭ ކޮންޓެންޓް ހޯދާފައި ވަނީ ރާއްޖޭގެ މަޝްހޫރު އެޑިއުކޭޝަން ކޮންޓެންޓް ޑިވެލޮޕް ކުރާ ބައެއް ކަމަށްވާ ހޮލޯގޯއާ ގުޅިގެންނެވެ. ހޮލޮގޯ އަކީ ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު އެޕެއް ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ވެސް ދާދި ފަހުން ހިމެނިފައިވާ އެޕެކެވެ.

މި ހިދުމަތް ދިރާގު ޓީވީ މެދުވެރިކޮށް، އެއްވެސް އަގަކާ ނުލައި އަންނަ މެއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ އެވެ. ދިރާގު ޓީވީގެ އެޑިއު ޒޯންގެ ކޮންޓެންޓްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ނުވަތަ ވީއޯޑީ ފީޗާ އިން ޖޮއިބޮކްސް މެދުވެރިކޮށް ބަލައި ލެވޭނެ އެވެ. އަދި ގޭގައި ދިރާގު ޓީވީ ނުހުންނަ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ މޮބައިލް އެޕް، ޓެބްލެޓް ނުވަތަ މޯބައިލް ފޯނަށް އަޅާ ޔޫޒާނޭމް އަދި ޕާސްވޯޑެއްގެ ގޮތުގައި “ޕްލޭ” ޖެހުމަށް ފަހު މި ކޮންޓެންޓްތައް ބަލައި ލެވޭނެ އެވެ.

ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްތަކަކުން އެއްވެސް ޑޭޓާ ޗާޖެއް ނުހިނގާނެ އެވެ.

ދިރާުން ބުނީ މި ކޮންޓެންޓް ހިލޭ ދިނުމުގެ ބޭނުމަކީ މި ޚާއްސަ ހާލަތުގައި ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ބޭނުންތެރި ފިލާވަޅުތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ.

ދިރާގުޓީވީގެ އެޑިއު ޒޯނުގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ މުހިންމު ކޮންޓެންޓް ހިމެނެ އެވެ އެވެ. އަދި ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައް ވެސް ހިމެނެ އެވެ. އެޑިއު ޒޯންގައި އެކުލެވިގެންވާ ކޮންޓެންޓް ހަދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުންނަށް އަމާޒު ކޮށްގެންނެވެ.

ދިރާގުޓީވީގެ ވީޑިއޯ އޮން-ޑިމާންޑް މެދުވެރިކޮށް، ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ކިޔަވާކުދިންނަށް ކޮންޓެންޓް ބަލައިލުމުގެ ފުރުސަތު ހުޅުވައިދެ އެވެ. އަދި މި ފީޗާ ފަރުމާ ކޮށްފައިވަނީ ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން"ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަނަށް ފިތާލުމުން ވީޑީއޯ އޮން-ޑިމާންޑް ކޮންޓެންޓްތައް ބަލައިލެވޭނެ އެވެ.