28 އެޕްރީލް 2020 - 19:29

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިންޑިއާގެ އެކްޓަރު އިފްރާން ޚާން އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާން ދޭން ފަށައިފި އެވެ.
އޭނާގެ ތަރުޖަމާނު މީޑިއާތަކަށް އެކަން ކަށަވަރުކޮށް ދެމުން ބުނީ އިރުފާނަށް މުމްބާއީ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނީ ކޮލޯންގެ އިންފެކްޝަނަކާ ހެދި ކަމަށެވެ. އަދި އޭނާ މިހާރު އޮތީ ޑޮކްޓަރުންގެ އޮބްޒަވޭޝަނުގައި ކަމަށާއި އިރުފާންގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާކުރަމުން ދާނެ ކަމަށް ބުންޏެވެ.
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ އެކްޓަރު ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) ގެ ޝިކާރައަކަށްވެފައިވާކަން އިއުލާންކުރީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ އިނގިރޭސިވިލާތަށް ގޮސް އޭނާ ވަނީ ފަރުވާ ހޯދަން ފަށައިފަ އެވެ.
ފަރުވާ ހޯދަމުން ބައްޔަށް ލުއިވާން ފެށުމުން އިރުފާން މިދިޔަ އަހަރު އެނބުރި އިންޑިއާ އަށް ގޮސް ފިލްމެއް ވެސް ކުޅުނު އެވެ. އެއީ މިދިޔަ މަހުގެ 13 ގައި ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އެވެ. އެ ފިލްމަކީ އޭނާ 2017 ގައި ކުޅުނު ހިންދީ މީޑިއަމްގެ ދެވަނަ ބައެވެ.
އިރުފާނަށް މި ވަގުތު އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު މީގެ ދެ ދުވަސްކުރިން އޭނާގެ މަންމަ ސައީދާ ބޭގަމް، 95، ރާޖަސްތާނުގައި ވަނީ މަރުވެފަ އެވެ. ކޮރޯނާވައިރަހާ ހެދި އިންޑިއާ ލޮކްޑައުންކޮށްފައިވާތީ ޖަނާޒާގައި ބައިވެރިވާން ދެވޭނެ ގޮތެއް ނެތިގެން އިރުފާން ޖަނާޒާގައި ބައިވެރިވީ ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ކަމަށް މީޑިއާތަކުން ބުންޏެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެ، އެތައް އެވޯޑެއް ވެސް ހޯދާފައިވާ އިރުފާނަކީ ދެ ކުދިންގެ ބައްޕައެކެވެ. އޭނާގެ ތިބެނީ ދެ ފިރިހެން ކުދިންނެވެ.