ކޮވިޑް-19: ޕްލާސްމާ ތެރަޕީ އަށް ތަބްލީޣީ ޖަމާއަތުން ލޭ ހަދިޔާ ކުރަނީ
ކޮވިޑް-19: ޕްލާސްމާ ތެރަޕީ އަށް ތަބްލީޣީ ޖަމާއަތުން ލޭ ހަދިޔާ ކުރަނީ

ނިއު ދިއްލީ (އެޕްރީލް 29) - ކޮވިޑް-19 ގެ ބަލި މީހުންނަށް ޕްލާސްމާ ތެރަޕީ ދިނުމަށްޓަކައި އިންޑިއާގެ ތަބްލީޣީ ޖަމާއަތުގެ އެތައް ބަޔަކު ވޮލަންޓިއަކޮށްގެން ލޭ ހަދިޔާ ކުރަން ފަށައިފި އެވެ.

ކޮރޯނާވައިރަސް ފެތުރެމުން ދަނިކޮށް ތަބްލީޣީ ޖަމާއަތުން މިސްކިތުގައި ބައްދަލުވުންތަކެއް ބާއްވާފައިވާތީ އިތުރު ކްލާސްޓާތަކެއް އޭގެ ސަބަބުން އުފެދުނު ކަމަށް ބުނެ އެ ޖަމާއަތަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވެސް އަމާޒުކުރި އެވެ. އަދި އިންޑިއާގެ ތަބްލީޣީ ޖަމާއަތުގެ ލީޑަރު މުހައްމަދު ސާދު ކަންދުލަވީގެ މައްޗަށް ދައުވާ ކުރަން ވެސް ނިންމި އެވެ.

ތަބްލީޣީ ޖަމާއަތުގެ އިވެންޓާ ގުޅިގެން ކޮރޯނާވައިރަހަށް ޕޮޒިޓިވް 1،000 ކޭސް ފެނިފައިވާ ކަމަށް އިންޑިއާ އިން ބުނެފައިވެ އެވެ.

ފުލުހުން ވެސް ބުނެފައި ވަނީ ބައްދަލުވުންތައް ނުބޭއްވުމަށް އެންގި އެންގުންތަކަށް އެ ޖަމާއަތުން ތަބާވެފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން އެ ޖަމާއަތުގެ މުސްލިމުންނަށް އިންޑިއާގެ އެކި ހިސާބުތަކުގައި ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. ތަބްލީޣީ ޖަމާއަތުގެ މެންބަރުންނަކީ "ކޮރޯނާވައިރަސް އުފުލާ ބައެއް" ކަމަށް ބުނެ މަލާމާތްކޮށްފައިވެ އެވެ.

ތަބްލީޣީ ޖަމާއަތުން ލޭ ދިނުމުގެ ފުރަތަމަ ކެމްޕޭން ހިންގާފައި ވަނީ ދެކުނުގެ ޓަމިލް ނާޑޫ ސްޓޭޓުގަ އެވެ. ތަބްލީ ޖަމާއަތުގެ މެންބަރަކު ބުނީ ދިއްލީގައި އެކަނިވެސް އެ ޖަމާއަތުން 300-400 މެންބަރުން ކުރިއަށް އޮތް ދުވަސްތަކުގައި ލޭ ދޭނެ ކަމަށެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 31,332 މީހުން ޕޮޒިޓިވްވެ 1،008 މީހުން މަރުވެފަ އެވެ.

ޕްލާސްމާ ތެރަޕީގައި އެންޓިބޮޑީ-ރިޗް ލޭ ކޮވިޑް-19ގެ ބަލި މީހުންނަށް އަޅަ އެވެ. ކޮވިޑް-19 ޖެހިފައިވާ މީހުންގެ ދިފާއީ ނިޒާމް ވަރުގަދަވެ ވައިރަހަށް ހަމަލާ ދެވޭވަރަށް އެންޓިބޮޑީސް އުފައްދާ ކަމަށް ބުނެ އެވެ. ނަމަވެސް ލޭގެ ފެންބައި ނަގައިގެން ދޭ މި ތެރަޕީ ގިނަ ގައުމުތަކުގައި އަދި އުޅެނީ ފުރަތަމަ މަރުހަލާގަ އެވެ. ބައެއް ހޮސްޕިޓަލްތަކުން ބުނެފައި ވަނީ ހާލު ދެރަ ބަލި މީހުން ވަނީ ޕްލާސްމާ ތެރަޕީ ދީގެން ރަނގަޅުވެފައި ކަމަށެވެ.

އިންޑިއާގެ ދެކުނުގެ ލަކްނޯގެ ސަރުކާރު ހޮސްޕިޓަލެއްގެ އިންފެކްޝަސް ޑިޒީޒް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ޑރ. ތައުސީފް ޚާން ވިދާޅުވީ ޕްލާސްމާ ތެރަޕީ ދެނީ ކޮވިޑް-19 ގެ ސަބަބުން ހާލު ދެރަވެ، އެހެން ބަލިތަކުގެ ސަބަބުން އެ މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް އެންޓިބޮޑީ ނުއުފެއްދޭ މީހުންނަށް ކަމަށެވެ.