އިމްރާން ނެތް ދުވަހަކަށް ތައްޔާރު ވެވުނުތަ؟
އިމްރާން ނެތް ދުވަހަކަށް ތައްޔާރު ވެވުނުތަ؟

ގައުމީ ފުޓްބޯޅަ ޓީމޭ ބުނުމުން ފުރަތަމަ ހިތަން އަންނަ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނެ އެވެ. ފާއިތުވި 16 އަހަރު ރާއްޖޭގެ ގޯލު ބެލެހެއްޓުމުގައި އޭނާ ދެއްކި ހިތްވަރާއި ހުށިޔާރުކަމުގެ ސަބަބުންނެވެ. އެ ފަދަ ދެ ވަަނައެއް ރާއްޖޭގައި ނެތުމުންނެވެ. އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާއިރު، މިއީ ދިވެހި ފުޓްބޯޅަ އަށް ލިބުނު މެސެޖެކެވެ. މިކަމާ ގުޅިގެން ވިސްނަންވީ ކަންތައްތައް ބައިވަރެވެ. އެ ހުންނަ ކުޅުންތެރިޔަކަށް އަބަދު ބަރޯސާވުމުގެ ބަދަލުގައި އާ ކުޅުންތެރިން އުފެއްދުމަށް މަސައްކަތްކުރަން ޖެހެ އެވެ. އެކަން އަހަރެމެންނަށް ކުރެވުނު ހެއްޔެވެ؟

އިމްރާން ނެތް ދުވަހަކަށް ތައްޔާރު ވެވުނުތަ؟
އިމްރާން ނެތް ދުވަހަކަށް ތައްޔާރު ވެވުނުތަ؟

ރާއްޖޭގެ ފުރަތަމަ ޑިިވިޝަންގެ އަށް ކްލަބުގެ ތެެރެއިން ހަތަރު ކްލަބްގެ ގޯލު ބަލަހައްޓަމުން އަންނަނީ ބިދޭސީ ކީޕަރުންނެވެ.

އިމްރާން ނެތް ދުވަހަކަށް ތައްޔާރު ވެވުނުތަ؟
އިމްރާން ނެތް ދުވަހަކަށް ތައްޔާރު ވެވުނުތަ؟

ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ކީޕަރުންނަށް ބަލާއިރު އިމްރާންގެ ބަދަލުގައި ދެން ފެނުން އެންމެ ގާތީ ވެލެންސިއާގެ މުހައްމަދު ފައިސަލާއި ޓީސީގެ މުހައްމަދު އިމްރާން އަދި ވިކްޓަރީގެ އިފްރާހް އަރީފްގެ ތެރެއިން ކީޕަރެކެވެ.

އިމްރާން ނެތް ދުވަހަކަށް ތައްޔާރު ވެވުނުތަ؟
އިމްރާން ނެތް ދުވަހަކަށް ތައްޔާރު ވެވުނުތަ؟

މި އަހަރު ޖެނުއަރީ މަހު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ގޯލްޑް ކަޕްގައި ފައިސަލް ކުޅުނުއިރު، މިދިޔަ އަހަރު ކުޅުނު ބައެއް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ޓީސީގެ ކީޕަރު އިމްރާން ވަނީ ކުޅެފަ އެވެ.

އިމްރާނަށް ގައުމީ ޓީމުން ފުރަތަމަ ފުރުސަތު ލިބުނީ އޭނާގެ އުމުރުން 18 އަހަރުގަ އެވެ. އޭގެ ފަހުން ގިނަ މެޗުތަކެއް ކުޅެ، އޭނާ އެ ވަނީ ފެންވަރު ސާބިތުކޮށްދީފަ އެވެ. ޖޫނިއާ ޓީމުތަކުން ފާހަގަވި ކީޕަރުންގެ ތެރެއިން އިމްރާން ރިޕްލޭސްކުރާނެ ކަމަށް ބެލެވުނު އެއް ކީޕަރަކީ އިބްރާހިމް ލަބާން ޝަރީފް އެވެ. އެކަމަކު އޭނާ ޖަލު ހުކުމެއް ތަންފީޒްކުރަމުން އަންނާތީ މާބޮޑު ކުރިމަގެއް ނެތެވެ.

ގައުމީ ޓީމަށް ކީޕަރުން ނެތުން އެއްކިބައިގައި އޮއްވާ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވެސް ދިވެހި ކީޕަރުން މަދެވެ. ޔޫތު ލެވަލުން ފެށިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް އަންނަ މޮޅެތި ކީޕަރުން ގިނައިން ފެންނަނީ ޓީމުތަކުގެ ބެންޗުންނެވެ. ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ގޯލު މި އަހަރުގެ އޮތް ސައުތު އޭޝިއަން ގޭމްސްގައި ބެލެހެއްޓި ދެ ކީޕަރުން ކަމަށްވާ ވެލެންސިއާގެ މުހައްމަދު ޖަޒްލާން އާއި ޓީސީގެ އަބްދުﷲ ފަޔާޒް (ފަޔާ) އަދި މި ސީޒަނުގައި ގަވައިދުން ނުފެނެ އެވެ. ފަޔާ ހަތަރު މެޗެއްގައި ކުޅުނުއިރު، ޖަޒްލާން އަދި މެޗަކުން ނުފެނެ އެވެ.

"ކީޕަރުން މަދު ވާހަކަ އަބަދު މި ދައްކަނީ. އެކަމަކު ރާއްޖޭގެ އެންމެ ބޮޑު ލީގުގައި މި ފެންނަނީ ބިދޭސީ ކީޕަރުން ކުރިއެރުން ހޯދައިގެން ގައުމުތަކުގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަތަން. އިމްރާން ހުރިއިރު ތަފާތު އޭނާ ދެއްކި. އެކަމަކު އޭނާ ނެތް ދުވަހަކަށް އަހަރެމެންނަށް އެންމެ ރަނގަޅަށް ތައްޔާރުވެވުނުތޯ އެއީ ބޮޑު ސުވާލެއް،" ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކޯޗަކު ބުންޏެވެ.

އިމްރާން ފަދަ މޮޅު ކީޕަރަކު ވީހާ ވެސް ގިނަ ދުވަހަކު ގައުމީ ޓީމަށް ކުޅެން އެންމެން ވެސް ބޭނުންވާނެ އެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ދޭން ގިނަ ބަޔަކަށް ފަސޭހައެއް ނުވާނެ އެވެ. އެކަމަކު ޓެކްނިކަލީ ވިސްނާއިރު މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލު ކުރާ މީހުން ގިނަ އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ގިނަ މެޗުތަކެއް ހުރުމުން ދެން އަންނަން ހުރި ކީޕަރަކަށް ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅު ފެންވަރުގެ މެޗުތަކެއް ލިބޭނެތީ އެވެ.

"އިމްރާނަކީ ދެ ވަނަ އެއް ނެތް ފަދަ މޮޅު ކީޕަރެއް. މޮޅު ލީޑަރެެއް. އޭނާގެ ފޯމު ދަށް ދުވަސްކޮޅެއް ދިޔަ. އޭނާ މާޔޫސްވެގެން ރިޓަޔާކުރާނަމަ އޭރު ކުރަންވީ. އެކަމަކު އޭނާ ސާބިތުވެ ހުރެ މޮޅު ކުޅުމެއް ދެއްކި. މިއީ އިމްރާން އެހެން ކީޕަރަކަށް ފުރުސަތު ދޭންވީ ވަގުތު. އޭނާގެ ނިންމުމަށް އިހުތިރާމް ކުރަން. އެއީ ދެން އިތުރަށް ލަސްވެއްޖެނަމަ އިތުރު ކީޕަރަކަށް ފުރުސަތު ލިބުން ލަސްވެދާނެތީ،" ފުޓްބޯޅަ ސަޕޯޓަރެއް އޭނާގެ ވިސްނުން ހިއްސާކުރި އެވެ.

އިމްރާން ކުޅުން ހުއްޓާލުން ވެގެންދިޔައީ ގައުމީ ޓީމުގެ ކުޅުންތެރިންނަށާއި ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބުނު ހިތާމަވެރި ހަަބަރެކެވެ. އެހެން ނަމަވެސް އޭނާ ކުޅުން ހުއްޓާލުމުން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ވެސް ވަނީ އޭނާގެ ނިންމުމަށް އިހުތިރާމް ކޮށްފަ އެވެ. މުސްތަގުބަލަށް ވިސްނާއިރު ގިނަ ކުޅުންތެރިން ގަބޫލުކުރަނީ ވެސް އެއީ ރަނގަޅު ނިންމުމެއްގެ ގޮތުގަ އެވެ.

ކޮންމެ ގޮތެއް ވިޔަސް ދެން އަންނަ ކީޕަރަށް އޮތީ ބޮޑު ޗެލެންޖެކެވެ. ބޮޑު މުބާރާތެއްގެ ކޮލިފައިންގައި ރާއްޖެ ކުޅޭއިރު އާ ކީޕަރަށް މިއީ ރަނުގެ ފުުރސަތެއް ވެސް މެ އެވެ. ސަޕޯޓަރުންނާއި ޓީމުގެ އިތުބާރު ހޯދާށެވެ.

އިމްރާން ރިޓަޔާކުރިއިރު، ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް އަންނަނީ ކެރިއަރުގެ ފަހު އަހަރުތައް ގުނަމުންނެވެ. އަނިޔާގެ ސަބަބުން ދަގަނޑޭ ނެތި ފަހަކަށް އައިސް ގައުމީ ޓީމު ވަނީ ބައެއް މެޗުތައް ކުޅެފަ އެވެ. އޭނާ ނެތްތަން ގައުމީ ޓީމުން އަދިވެސް ދައްކަ އެވެ. ގައުމީ ޓީމާ ހަވާލުވާ ގިނަ ކޯޗުން އަންނަނީ ޒުވާން ގިނަ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދެމުންނެވެ.

ޒުވާން ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު)، ހަސަން ނާއިޒު (ދާދު) އަދި އަހުމަދު އިމާޒް (އާއްކޮ) އަކީ ފަހަކަށް އައިސް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ގިނައިން ފެންނަމުން އަންނަ ކުޅުންތެރިންނެވެ. މި ކުޅުންތެރިން އެކުގައި ގިނަ މެޗުތަކެއް ކުޅެފިނަމަ މުސްތަގުބަލުގައި ތަފާތު ދައްކާނެކަން ވަނީ ފެނިފަ އެވެ.

ގައުމީ ޓީމަކީ އެ ވަގުތަކަށް ވިސްނައިގެން ހޮވަންވީ ޓީމަކަށް ވެއްޖެނަމަ މުސްތަގުބަލަށް ޓީމެއް ބިނާކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެކި މަގާމުތަކަށް ކުޅޭ ފެންވަރު ރަނގަޅު ކުޅުންތެރިންނަށް ފުރުސަތު ދީގެން ނޫނީ ރަނގަޅު ޓީމެއް ބިނާ ނުކުރެވޭނެ އެވެ. ވަކިވަކި ކުޅުންތެރިންނަށް ބަރޯސާވެފައި އޮންނަ އޮތުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ގައުމީ ޓީމުގެ ކުރީގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް މީގެ 16 އަހަރު ކުރިން އިމްރާންގެ ބަދަލުގައި ގައުމީ ޓީމަށް ތަޖުރިބާކާރު ކީޕަރަކު ނެގި ނަމަ މިއަދު އިމްރާން މިހާރު ހުރި ފެންވަރަށް އަންނާނެ ހެއްޔެވެ. އެހެންކަމުން ސްޓޮއިކޯފް އެ ދުވަހު ނެގި ފަދަ ރިސްކެއް ކޯޗުން ނަގަން އެބަޖެހެ އެވެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންވީ އެވެ. އެއީ މިހާރު އެ ރިސްކު ނަގައިގެން ނޫނީ ދުރު މުސްތަގުބަލަށް ބަލާއިރު އޭގެ ފައިދާ ނުކުރާނެތީ އެވެ. އިމްރާނާއި ދަގަނޑޭ ފަދަ ކުޅުންތެރިން އަބަދު ނުތިބޭނެކަމަށް ވިސްނައިގެން ރަނގަޅު ކުޅުންތެރިން އުފައްދަން ޖެހެ އެވެ.