މެންޗެސްޓާ ސިޓީގެ ވެރިން ފްރާންސްގެ ކްލަބެއް ގަންނަނީ
މެންޗެސްޓާ ސިޓީގެ ވެރިން ފްރާންސްގެ ކްލަބެއް ގަންނަނީ

ޕެރިސް (އޭޕްރީލް 28) - މެންޗެސްޓާ ސިޓީ ހިންގާ ސިޓީ ފުޓްބޯލް ގްރޫޕުން ފްރާންސްގެ ކްލަބެއް ކަމަށްވާ ނޭންސީ ގަންނަން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސިޓީގެ ގްރޫޕްގެ ވެރިޔާ ހަލްދޫން އަލް މުބާރަކް މިހާރު ބޭނުންވަނީ ފްރާންސްގެ ޓީމެއް ބައްލަވައިގަންނަން ކަމަށާއި އެކަމަށްޓަކައި ނޭންސީގެ ރައީސް ޔެކުއެސް ރޫސެލޯއާ އެކު މަޝްވަރާކޮށް ނިމިފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދާދި ފަހުން ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ ސީޒަން މެދުކަނޑާލާފައި މި އޮތް މުއްދަތުގައި ލިބޭ މާލީ ގެއްލުންތަކުގެ ސަބަބުން ސިޓީ ގްރޫޕުން ވަނީ ނޭންސީ ގަތުމުގެ މަސައްކަތް މަޑުޖައްސަލާފައި ކަމަށެވެ. އެކަމަކު ސިޓީ ގްރޫޕްގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި މީޑިއާ އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ސިޓީ ގްރޫޕުން އަދިވެސް އޮތީ ނޭންސީ ގަތުން ވީ އެންމެ އަވަހަށް ނިންމާލުމަށް ކަމަށް ބުނެފަ އެވެ.

ޔޫއޭއީގެ މަހުޖަނުން އިސްވެ، އެމެރިކާ އާއި ޔޫރަޕްގެ ވިޔަފާރިތަކަކާ ވެސް ގުޅިގެން ހިންގާ ސިޓީ ފުޓްބޯލް ގްރޫޕުން މިހާތަނަށް ވަނީ އަށް ގައުމަކުން ކްލަބް ގަނެފަ އެވެ. އިންގްލެންޑުން މެންޗެސްޓާ ސިޓީ ގަތުމަށް ފަހު ދެން އެ ގްރޫޕުން މިހާރު ހިންގަމުން އަންނަ ކްލަބްތަކަކީ ނިއުޔޯކް ސިޓީ (އެމެރިކާ)، މެލްބަން ސިޓީ (އޮސްޓްރޭލިއާ)، ޔޮކަހޯމާ މެރިނޯސް (ޖަޕާން)، މޮންޓެވީޑިއޯ ސިޓީ (އުރުގުއޭ)، ޖިރޯނާ (ސްޕެއިން)، ޝިޗުއާން އެފްސީ (ޗައިނާ) އަދި މުމްބާއި ސިޓީ (އިންޑިއާ) އެވެ.

ސިޓީ ފުޓްބޯލް ގްރޫޕުން ގަންނަ ކްލަބްތައް އޮންނަނީ އެއް ޕްލެޓްފޯމެއްގެ ތެރެއިން ގުޅާލެވިފަ އެވެ. އަދި އެކެޑެމީ ލެވެލްގެ ޕްރޮގްރާމުން ފެށިގެން ހުރިހާ ކަންތައްތަކެއް އެއް މޮޑިއުލުގެ ތެރެއިން ކުރިއަށްދާއިރު، އެކި ޓީމުތަކުގެ މެދުގައި ކުޅުންތެރިން ބަދަލުކުރުމުގެ ކަންތައްތައް ވެސް ކުރިއަށް ދެ އެވެ. އެ ގޮތުން ޗެލްސީގެ ފްރޭންކް ލަމްޕާޑް ނިއުޔޯކް ސިޓީ އަށް ބަދަލުވި ޑީލުގެ ތެރެއިން އޭނާ ވަނީ ޕްރިމިއާ ލީގުގައި ސިޓީ އަށް ވެސް ކުޅެފަ އެވެ.