ކޮވިޑް-19 ޖެހޭ މީހުންގެ ކިބައިން ފެނިދާނެ އިތުރު އަލާމާތްތަކެއް ފާހަގަވެއްޖެ
ކޮވިޑް-19 ޖެހޭ މީހުންގެ ކިބައިން ފެނިދާނެ އިތުރު އަލާމާތްތަކެއް ފާހަގަވެއްޖެ

ކޮވިޑް-19 ޖެހުމުން ފެންނާނެ ކަމަށް މިހާރު ބަލާ އަލާމާތްތަކުގެ އިތުރުން ހަ ކަމެއް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ދެނެގަނެ ބަލީގެ އަލާމާތްތަކުގެ ތެރެއަށް އެ ކަންތައްތައް އިތުރުކޮށްފި އެވެ.

މީގެ ކުރިން ކަނޑައަޅާފައި އޮތީ ބަލީގެ އަލާމާތްތަކަކީ ހުން އައުމާއި ކެއްސުމާއި ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން ކަމަށެވެ. ނަމަވެސް އަލަށް ފާހަގަވި ކަންކަމުގެ ތެރޭގައި ހީކެރުވުމާއި ހީކަރުވައި ތުރުތުރު އެޅުމާއި ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ކަރުގައި ރިއްސުން އަދި ރަހަ ނުލުމާއި ވަސް ނުދުވުން ކުއްލިއަކަށް ތަޖުރިބާކުރަން ޖެހުން ހިމެނެ އެވެ.

މި ކަންކަމުގެ ތެރެއިން، ވަސް ނުދުވުމާއި ރަހަ ނުލުމަކީ މީގެ ކުރިން ވެސް ފާހަގަވެފައިވާ ނަމަވެސް ރަސްމީކޮށް ބަލީގެ އަލާމާތަތްތަކުގެ ތެރޭގައި ކުރިން ހިމަނާފައި ނުވާ ކަމެކެވެ.

ސީޑީސީން ބުނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ، ކުރިން ވެސް އާންމު ގޮތެއްގައި ބަލަމުން އައި ގޮތަށް، ހަށިގަނޑަށް ވައިރަސް ވަންނަތާ 2-14 ދުވަސް ތެރޭގައި ކަމަށެވެ. އެ އިދާރާ އިން ބުނި ގޮތުގައި ކޮވިޑް-19 ޖެހުމުން އަވަހަށް ފަރުވާ ހޯދަންޖެހޭ ކަމުގެ އަލާމާތްތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި މެޔަށް ބާރުވެފައި ނުވަތަ ތަދުވެފައި ހުރުން ހިމެނޭ ކަމަށެވެ. އަދި ތުންފަތާއި މޫނު ނޫފައިގެންފައި ހުންނަ ގޮތް ވެސް ވެދާނެ ކަމަށާއި އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ސިއްހީ އެހީތެރިކަން ހޯދަންޖެހޭނެ ކަމަށް ސީޑީސީން ބުންޏެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަކީ ނުރައްކާތެރި ވައިރަހެއްގެ ގޮތުގައި ބެލެވުނަސް މި ވައިރަސް އަރައި ބަލިވާ މީހުންގެ ކިބައިން ފެންނަނީ އާދައިގެ އަރިދަފުސް ރޯގާއެއް ނުވަތަ ފްލޫއެއްގެ އަލާމާތްތަކެވެ. އަދި އެތައް ބަޔަކީ އެއްވެސް އަލާމާތެއް ހަށިގަނޑުން ނުފެންނަ މީހުންނެވެ.

މުޅި ދުނިޔެއިން މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ދެ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ނުވަ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ.