ސިނަމާތަކުގެ ވެރިން "އޭ ދިލް ހެ މުޝްކިލް" އަޅުވައިނުދޭން ނިންމައިފި
ސިނަމާތަކުގެ ވެރިން "އޭ ދިލް ހެ މުޝްކިލް" އަޅުވައިނުދޭން ނިންމައިފި

ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" ރިލީޒްކުރަން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަނެއްކާވެސް ބޮޑު މައްސަލައެއް ދިމާވެއްޖެ އެވެ. "ދަ ސިނަމާ އޯނާޒް އެކްޒިބިޓާސް އެސޯސިއޭޝަން އޮފް އިންޑިއާ" (ސީއޯއީއޭއައި) އިން ބޭއްވި ބައްދަލުވުމަކަށްފަހު ޕާކިސްތާނު އާޓިސްޓުން އުޅޭ އެއްވެސް ފިލްމެއް ސިނަމާތަކުގައި އަޅުވައިނުދޭން ނިންމީ އެވެ. މި އެސޯސިއޭޝަންގެ ދަށުގައިވާ ސިނަމާތަކުގެ ތެރޭގައި މަހަރަޝްތުރާ، ގުޖްރާތު، ކަރްނާޓަކާ އަދި ގޯއާގެ ސިންގަލް ސްކްރީން ތިއޭޓަރުތައް ހިމެނެ އެވެ.

ސީއޯއީއޭއައިގެ ޗެއާމަން މިކަމާ ގުޅިގެން މީޑިއާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ މިއީ ސިޔާސީ ޕްރެޝަރެއް އޮވެގެން ކުރިކަމެއް ނޫން ކަމަށެވެ. އަދި މިއީ ގައުމީ ރޫހުގައި ކުރިކަމެއް ކަމަށާއި އެ އެސޯސިއޭޝަންގެ މެމްބަރުންނަށާއި އެގްޒިބިޓަރުންނަށް މި ނިންމުމަށް އިހްތިރާމްކުރުމަށް އެދޭ ކަމަށް އޭނާ ބުނެފައިވެ އެވެ. މިގޮތަށް މަނާކުރުމުން ޕާކިސްތާނުގެ އެކްޓްރެއް، ޓެކްނީޝަނެއް، ލަވަކިޔުންތެރިއެއް، ޑައިރެކްޓަރެއް އަދި މިއުޒިކް ޑައިރެކްޓަރެއްގެ އެއްވެސް ވަރެއްގެ މަސައްކަތެއް އޮތް އެއްވެސް ފިލްމެއް އިންޑިއާގެ ސިނަމާތަކުގައި ނުދެއްކޭނެ އެވެ.

އޭނާ ބުނި ގޮތުގައި މި ނިންމުމުގެ ސަބަބުން ސިނަމާތަކުގެ ވެރިންނަށް ގެއްލުން ވާނެ އެވެ. ނަމަވެސް ފިލްމު އެޅުވުމުން ރުޅިގަދަވެގެން ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ގޮސް ސިނަމާތަކަށް ގެއްލުން ދީފި ނަމަ މާބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހޭނެ އެވެ.

ޕާކިސްތާނު އާޓިސްޓެއް މަސައްކަތްކޮށްފައިވާ އެއްވެސް ފިލްމެއް އިއްޔެއިން ފެށިގެން އިންޑިއާގައި ނޭޅުވޭނެ ކަމަށާއި ދެ ގައުމުގެ ގުޅުން ހަމައަކަށް އެޅެންދެން މި މަނާކުރުން ދަމަހައްޓާނެކަމަށް ވެސް ސިނަމާތަކުގެ ވެރިން ތަމްސީލުކުރާ މީހާ ބުންޏެވެ.

"އޭ ދިލް ހެ މުޝްކިލް"ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ މުހިއްމު ރޯލެއް ހިމެނެ އެވެ. އަދި މި ފިލްމު ޝޫޓްކޮށްފައިވަނީ އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލަ ހޫނު ނުވަނީހެވެ.

މި ފިލްމު ރިލީޒްކުރުމުގެ ހުއްދަ ފިލްމު އެސޯސިއޭޝަނުން ވަނީ ދީފަ އެވެ. އަދި ސެންސަރު ބޯޑުން ފިލްމު ވަނީ ސެންސަރު ވެސް ކޮށްދީފަ އެވެ. ނަމަވެސް މަހާރާޝްތުރާގެ އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ޕާޓީން ވަނީ ފިލްމު އެޅުވުމާ ދެކޮޅަށް އިންޒާރުތައް ދީފަ އެވެ.

ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ އަދި އަނުޝްކާ ޝަރުމާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގައި ޕާކިސްތާނު އެކްޓަރު ކުޅެފައިވާ ބައި އެހެން އެކްޓަރަކު ލައްވާ ކުޅުވަން ކަރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް މިހާރު ދެކެވެ އެވެ.

ނަމަވެސް ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން ވާހަކަ ދެއްކި މީހަކު ބުރާސްފަތި ދުވަހު ބުނެފައިވަނީ ފަވާދު ފިލްމުން ވަކިކުރަން ގަސްދުނުކުރާ ކަމަށެވެ.

"އޭ ދިލް ހެ މުޝްކިލް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ. މި ފިލްމު ރިލީޒްކުރުމުގައި ދިމާވަމުންދާ މައްސަލަ ތަކުގެ ސަބަބުން ހަމަ އެދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ޝިވާއޭ"އަށް ވަރަށް ފައިދާ ކުރާނެ އެވެ.