ލަވައެއްގައި ރިޝީ ކަޕޫރަށް ކަރަން ޖޯހަރްގެ މޫނު
ލަވައެއްގައި ރިޝީ ކަޕޫރަށް ކަރަން ޖޯހަރްގެ މޫނު

ފާޑުފާޑުގެ އެޕްތަކުން މިހާރު ކޮންމެ ފަދަ ކަމެއް ކޮށްލެވިދާނެ އެވެ. ތިމާ ނެތް ތަނަކަށް ތިމާ ގެންގޮސް ދިނުމަކީ ވެސް ޓެކްނޮލޮޖީގެ ތެރެއިން މިހާރު އެއްވެސް ކަމެއް ނޫނެވެ.

ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ލަވައަކުން "ބޭރުކޮށްލައި" ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހަމަ އެ ލަވަ އަށް އެކްޓްކުރަނީ އެވެ. މި ލަވަ އަކީ ރިޝީ އާއި ޑިމްޕަލް ކަޕާޑިއާ ބޮލީވުޑަށް ތައާރަފުވި ފިލްމު 1973 ގެ "ބޮބީ" ގެ "މެ ޝާޔަރު ތޯ ނެހީ" އެވެ. އެ ލަވައިގެ ރިޝީ ރެޓްރޯ ލުކްގެ ތެރެއަށް މިހާރު ފައްތާފައި އެހެރީ ކަރަން އެވެ. ރިޝީ އެ ވަނީ "ނިޒާމުން ގެއްލުވާލައިފަ" އެވެ.

ރިޝީގެ ބައްޕަ ރާޖް ކަޕޫރް ޑައިރެކްޓްކުރި ފިލްމު "ބޮބީ" ގެ އެންމެ ހިތްގައިމު އެއް ލަވައިގެ ގޮތުގައި ފާހަގަކުރެވޭ "މެ ޝާޔަރު ތޯ ނެހީ" ކަރަން ތުންތަޅުވާ އިރު، ލަވައިގައި ނެށުމުގެ ހަރަކާތްތައް އެ ދައްކުވައިދެނީ އަރޫނާ އިރާނީ އެވެ.

މި ލަވަ ކަރަން އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައި ވަނީ "މިއީ ފޭސް މެޕިންގެ ޖާދޫ" ކަމަށެވެ. އޭނާ ބުނީ ލަވަ މިގޮތަށް ހަދާފައި ހަދިޔާކުރީ ސަންދީޕް ކިޔާ މީހެއް ކަމަށެވެ.

ކަރަން ބުނިގޮތުގައި ރާޖް ކަޕޫރަކީ އޭނާ އެންމެ ގަޔާވާ ޑައިރެކްޓަރެވެ. އަދި ރިޝީ އަކީ އަބަދު ވެސް ފެވަރިޓް އެކްޓަރެވެ. ރިޝީގެ ސޫރައިގެ ތެރެއަށް ކަރަން ވަދެ، ކިޔައިލި ލަވައާ އެކު ވަރަށް ގިނަ މީހުން ވީޑިއޯ އަށް ކޮމެންޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންގެ އެކުވެރި ގިނަ ފިލްމީ ތަރިންނާއި ރިޝީގެ އަންހެން ދަރިފުޅު ރިދިމާ ކަޕޫރް ވެސް ހިމެނެ އެވެ.

ކަރަން އަކީ އަބަދު ވެސް އިންސްޓަގްރާމްގައި ވަރަށް މަޖާ ކަންކަން ކުރާ މީހެކެވެ. އޭނާ އާއި ދަރިންގެ މަޖާ ކަންކަން ވެސް އޮތީ އޭގެ ތެރޭގަ އެވެ.