ލޮކްޑައުންގައި ސުޝާންތު ދަސްކުރަނީ ކޯޑިން
ލޮކްޑައުންގައި ސުޝާންތު ދަސްކުރަނީ ކޯޑިން

ލޮކްޑައުނާ އެކު ފިލްމީ މަސައްކަތްތައް ހުއްޓި ގޭގައި ތިބެންޖެހުމުން ބޮލީވުޑްގެ ބައެއް ފަންނާނުން އަންނަނީ އާ ކަންކަން ދަސްކުރަމުންނެވެ. އެގޮތުން އާލި ބަޓާއި ރިޗާ ޗައްޑާ ފަދަ ބަތަލާއިން ލިޔުންތެރިކަމަށް ފޯކަސްވެފައިވާ އިރު، އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ފެށީ ކޯޑިން ދަސްކުރާށެވެ.

އެކްޓިން އަށް ނުކުތުމުގެ ކުރިން ނިއު ދިއްލީގެ ދިއްލީ ޓެކްނޮލޮޖިކަލް ޔުނިވަސިޓީ (ޑީޓީޔޫ) އިން މެކޭނިކަލް އިންޖިނިއަރިން ކިޔަވާފައިވާ 34 އަހަރުގެ އެކްޓަރު މި ދުވަސްކޮޅު ކުރަމުން އަންނަ އެންމެ ހާއްސަ އެއް ކަމަކީ ކޮމްޕިއުޓާ ކޯޑިން އާއި ޕްރޮގްރާމިން ދަސްކުރުމެވެ

މި ވާހަކަ އޭނާ ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. ޕޯސްޓެއްގައި ސުޝާންތު ބުނީ އެ މަސައްކަތްތައް ދަސްކުރަނީ އޮންލައިންކޮށް ހިލޭ ކުރިއަށް ގެންދާ ކުލާހެއްގައި ބައިވެރިވެގެން ކަމަށެވެ. އަދި އެ ފުރުސަތު ފަހިކޮށް ދިން ފަރާތަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

"އަހަންނަކީ އަބަދު ވެސް ކޮމްޕިއުޓަ ގޭމިން އަށް ވަރަށް ލޯބިކުރާ މީހެއް. އެހެންވެ އަބަދު ވެސް ބޭނުންވޭ އޭގެ ފަހަތުގައި އެކުލެވޭ ބަހުރު ދަސްކުރަން." ސުޝާންތު ބުންޏެވެ.

ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން އެކްޓިން އަށް ނުކުތުމަށް ފަހު، ބޮލީވުޑަށް މިސްރާބު ޖެހި ސުޝާންތަކީ އެސްޓްރޮނޮމީ އަށް ވެސް ވަރަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓާ އެކްޓަރެކެވެ.

އޭނާ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމްކުރި "ޑްރައިވް" އެވެ. ބަތަލާ ރިއާ ޗަކްރަބަތީއާ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅޭ ސުޝާންތުގެ ކުރިއަށް އޮތް ފިލްމަކީ ހޮލީވުޑްގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކް "ދިލް ބޭޗާރާ" އެވެ.