ދީނަށް ފުރައްސާރަކުރާ މައްސަލައިގައި ރުސްތުމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް
ދީނަށް ފުރައްސާރަކުރާ މައްސަލައިގައި ރުސްތުމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް

އިސްލާމް ދީނަށް ފާޑުކިޔައި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގައިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި، ގދ، ތިނަދޫން ހައްޔަރުކުރި ރުސްތުމް މުޖުތަބާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ ތަރުޖަމާން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ، ދީނީ އެއްބައިވަންތަ ކަމާއި މުޖުތަމައުގެ ސުލްހަ މަސްލަހަތު ނަގައިލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި އުމުރުން 37 އަހަރުގެ މީހަކަށް ދައުވާ ކޮށްދިނުމަށް އެދި މި މަހުގެ ދެ ވަނަ ހަފުތާގައި ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ދައުވާކުރަން ފޮނުވީ ރުސްތުމްގެ މައްޗަށެވެ. އެކަމަކު އެ މައްސަލަ ޕީޖީ އޮފީހުން ކޯޓަށް ފޮނުވި ކަމެއް އަދި ސާފެއް ނުވެ އެވެ.

އެފަދަ މައްސަލައެއްގައި މިދިޔަ އަހަރު ވެސް ރުސްތުމް ހައްޔަރުކުރި އެވެ. އެ މައްސަލަ ކޯޓާ ހަމައަށް ދިޔަ ނަމަވެސް، އޭނާ ސަލާމާތްވީ ގާނޫނީ ސަބަބުތަކެއް މެދުވެރިވުމުންނެވެ. ފުލުހުންގެ ބަންދުން ދޫކޮށްލި ފަހުން ވެސް ދީނަށް ފުރައްސާރަ ކުރަން ފެށުމުން މިދިޔަ މާޗު މަހު އަލުން ހައްޔަރުކުރީ އެވެ. އޭނާ އަދި ވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ.

މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ނިއުސް ބްރީފިންއެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް، ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިހާރު ވެސް އެފަދަ މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް އެ ދުވަހު އޭނާ ވިދާޅުވި އެވެ.