28 އެޕްރީލް 2020 - 14:40

ޖެނީވާ (އެޕްރީލް 28) - ކޮރޯނާވައިރަހާ ގުޅޭ ގޮތުން ސަމާލުވުމަށް ޑަބްލިއުއެޗްއޯ އިން ވަރަށް ދުރާލާ އިންޒާރު ދިން ކަމަށާއި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިން އެ ނަސޭހަތް ހުރިހާ ގައުމަކުން އަޑު އަހާފައިނުވާ ކަމަށް އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރެޔެސުސް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ ހާލަތު ޑަބްލިއުއެޗްއޯ އިން ވާނީ ޖެނުއަރީ 30 ގައި އިއުލާންކޮށްފައި ކަމަށެވެ. އޭރު ކޮވިޑް-19 ގައި އެއްވެސް މީހަކު މަރުނުވާ ކަމަށާއި ޗައިނާގައި ވެސް އެ ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައި ވަނީ 82 މީހުން ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.
"ޑަބްލިއުއެޗްއޯ އިން އޭރު ބުނި ބަސް ދުނިޔެ އިން ފަރުވާތެރިކަމާ އެކު އަހަން ޖެހޭނެ،" ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
ކޮރޯނާވައިރަހާ ގުޅޭ ގޮތުން ސީރިއަސްވެ އެކަމާ ގުޅޭ މައުލޫމާތު ދުނިޔެ އަށް ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ޑަބްލިއުއެޗްއޯ އިން މާބޮޑަށް ޗައިނާ ކޮޅަށް ޖެހިފައިވާ ކަމަށް ވިދާޅުވެ އެ އެޖެންސީ އަށް އެމެރިކާ އިން ދޭ އެހީ ވެސް ޓްރަމްޕް ވަނީ ހުއްޓުވައިފަ އެވެ. ޓްރަމްޕުގެ މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.
ޓެޑްރޯސް ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ވާނީ ވަރަށް ދުރާލައި އިރުޝާދުތައް ދޭން ފަށާފައި ކަމަށާއި ނަމަވެސް ގައުމުތަކަށް މަޖްބޫރުކޮށްގެން ކަންކަން ކުރުމުގެ މޭންޑޭޓެއް އެ އެޖެންސީ އަށް ނޯންނަ ކަމަށެވެ.
"ޑަބްލިއުއެޗްއޯ އިން ސިއްހީ ކުއްލި ނުރައްކާ ޖެނުއަރީ 30 ގައި އިއުލާން ކުރުމާ އެކު ވަކިވަކި ގައުމުތަކުން ވެސް ޖެހޭ އާއްމު ސިއްހަތުގެ ފިޔަވަޅުތައް އަޅަން،" ޓެޑްރޯސް ވިދާޅުވި އެވެ. "އާއްމު ސިއްހަތުގެ ފިޔަވަޅުތައް ތަންފީޒް ކުރުމަށް އިލްތިމާސްކޮށްފައި ވާނީ."
"ގައުމުތަކަށް ވާނީ ޓެސްޓް ކުރުމަށާއި މީހުން އެކަހެރިކުރުމަށާއި ކޮންޓެކްޓް ޓްރޭސިން އަށް އިރުޝާދު ދީފައި. ދެން އެކަން ގަބޫލް ކުރުމާއި ނުކުރުމަކީ އެ ގައުމެއްގެ ކަމެއް،" ޓެޑްރޯސް ވިދާޅުވި އެވެ. "ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ޒިންމާއެއް އޮންނާނެ."
ކޮވިޑް-19 ގައި މިހާތަނަށް ވަނީ 211,795 މީހުން މަރުވެ 3,075,441 މީހުން ޕޮޒިޓިވްވެފަ އެެވެ.