ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ރަޝިއާގެ އެހީއަށް އެދިއްޖެ
ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ރަޝިއާގެ އެހީއަށް އެދިއްޖެ

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެ އިން ކުރާ މަސައްކަތުގައި ރަޝިއާގެ އެހީތެރިކަމަށް މިއަދު އެދިއްޖެ އެވެ.

ދިވެހިންނާއި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 214 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިކަމުން އަރައިގަނެ، ރައްޔިތުންގެ ސަލާމަތަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ފިޔަވަޅުތަކުގައި އެހީތެރިވެދޭން ރަޝިއާގެ ސަރުކާރުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރަށް މިއަދު ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ.

މިނިސްޓަރު ޝާހިދުގެ ޓުވީޓުގައި ވިދާޅުވީ މި ދަނޑިވަޅު ދެ ގައުމަށް މެދުވެރިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެއްބާރުލުން ދިނުމާ އެކު އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަމަށް ވާހަކަ ދެއްކެވި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ މިނިސްޓަރުންގެ މަޝްވަރާތަކުގައި ވެސް ދެ ގައުމުން ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ދެ ގައުމަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ. މީގެ އިތުރަށް ރާއްޖެއިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެ ގައުމުގެ އެހީއަށް އެދި، މި ކަމުގައި ދެ ގައުމު އެއްކޮށް މަސައްކަތް ކުރުމާ މެދު ވެސް ވާހަކަ ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބަލިން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކުގައި ރަޝިއާގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދުނުއިރު އަވަށްޓެރި ގައުމުތަކުން ވެސް ރާއްޖެ އަށް އަންނަނީ އެހީވަމުންނެވެ. އެގޮތުން ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އިންޑިއާ އިން އެހީތެރިވެދީފައިވާ އިރު، ބަންގްލަދޭޝް އިން ވެސް ވަނީ ގިނަ އެހީތަކެއް ފޯރުކޯށްދީފަ އެވެ.

އޭގެތެރޭގައި ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމާ އެކު ސިއްހީ މާހިރުންގެ ޓީމެއް ފޮނުވުމުގެ އިތުރުން އެ ގައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ އައުމުގެ ކަންކަން ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. ޗައިނާ އިން ޕީޕީއީ ހަދިޔާ ކުރުމުގެ އިތުރަށް، ރާއްޖޭގައި ކަރަންޓީން ފެސިލިޓީއެއް ގާއިމް ކުރުމަށް ވެސް އަންނަނީ އެހީ ވަމުންނެވެ.