ފީފާގެ އެހީ މުހިއްމު، ކްލަބްތަކުގެ ހާލަތު ބަލާނަން: އެފްްއޭއެމް
ފީފާގެ އެހީ މުހިއްމު، ކްލަބްތަކުގެ ހާލަތު ބަލާނަން: އެފްްއޭއެމް

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއިން ދޭ މާލީ އެހިތެރިކަމަކީ ވަކި ކަމަކަށް ހާއްސަކޮށްގެން ދޭ ފައިސާ ކަމަށާއި ރާއްޖޭގެ ކްލަބްތަކުގެ ހާލަތު އެފްއޭއެމުން ބަލައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ފީފާގެ އެހީ މުހިއްމު، ކްލަބްތަކުގެ ހާލަތު ބަލާނަން: އެފްްއޭއެމް
ފީފާގެ އެހީ މުހިއްމު، ކްލަބްތަކުގެ ހާލަތު ބަލާނަން: އެފްްއޭއެމް

ފީފާ އިން އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކަށް 150 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ވަނީ ނިންމައިފަ އެވެ. އެ ގޮތުން ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް ދޭ 500،000 ޑޮލަރު ރާއްޖެ އަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ފީފާ އިން ދޭ މި އެހީ އަކީ އެ ޖަމިއްޔާ އިން 2016 ވަނަ އަހަރު ތައާރަފްކުރި ފޯވާޑް 2.0 ޕްރޮގްރާމުގެ ފަންޑުން ނެގި ބަޔެކެވެ. އެގޮތުން 2019 އިން 2022 އަށް ހިނގާ މުއްދަތުގައި ފީފާ އިން އެ ފަންޑުން ޖުމްލަ 1.746 ބިލިއަން ޑޮލަރު އެސޯސިއޭޝަންތަކަށް އެހީގެ ގޮތުގައި ދޭނެ އެވެ.

މި ވަގުތު ފީފާ އިން ދޭ އެހީތެރިކަމަކީ އެސޯސިއޭޝަންތަކުގެ ހިންގުމުގެ ހަރަދުގެ ގޮތުގައި ދޫކުރާ ފައިސާ އެވެ. އަދި މި ފައިސާ ހަރަދުކުރަން ޖެހޭ ގޮތްތައް ވެސް ފީފާ އިން ވަނީ ކަނޑައަޅައިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މި ފައިސާ އަކީ މީގެ ކުރިން ކޮންމެ އަހަރެއް ނިމުމަށް ފަހު އޮޑިޓް ރިޕޯޓާއި އެހެނިހެން ލިޔެކިއުންތައް ހުށަހެޅުމުން ލިބޭ ފައިސާ ކަމަށެވެ. އެކަމަކު މި ފަހަރު ފީފާ އިން މި ފައިސާ އަވަހަށް ދޫކުރަން ނިންމީ ކޮވިޑް-19 ގެ ސަބަބުން މި ވަގުތު ސްޕޮންސަރުން އަތުން ފައިސާ ލިބުން ވެސް ވެސް ހުއްޓިފައި އޮތުމާ އެކު އެސޯސިއޭޝަންގެ ކަންތައްތައް ހިންގުމުގައި ހުންނަ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

"މިއީ ކުރިން ވެސް ދެމުން އަންނަ ބަޖެޓެއް. އެކަމަކު މި ފަހަރު މި އޮތް ހާލަތުގެ ސަބަބުން އެސޯސިއޭޝަނަށް ކުރިމަތިވާ ދަތިތަކުން ލުޔެއް ހޯދައިދޭން މި ފައިސާ ކުރިން ދޭ ތާރީހަށް ވުރެން އަވަހަށް މި ދޫކުރަނީ. މި ފައިސާ ދޫކުރަނީ ވަކި ކްރައިޓީރިއާތަކަކަށް ބަލައިގެން. ވަކި ކަންތައްތަކެއް ފުރިހަމަ ވެސް ކުރަން ޖެހޭ ގޮތަށް،" ޖަވާ ވިދާޅުވި އެވެ. " މި ދަނޑިވަޅުގައި ފީފާގެ އެހީ ވެސް މުހިއްމު،"

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން ވަނީ މިދިޔަ މަހު ފަހުކޮޅުގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިންމާލައިފަ އެވެ. އެގޮތަށް ނިންމީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. ރާއްޖޭގެ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ޓީސީ ވާދަކުރަމުން އަންނަ އޭއެފްސީ ކަޕް ވެސް މި ވަގުތު އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

މި ވަގުތަކީ ރާއްޖޭގެ އިގުތިސާދަށް ވެސް ލޮޅުންތަކެއް އައިސްފައިވާ ދަނޑިވަޅެއް ކަމަށްވާއިރު، މާލީ ގޮތުން ގިނަ ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ކްލަބްތަށް ވެސް ހިމެނެ އެވެ. ޖަވާ ވިދާޅުވީ މި ވަގުތު ކްލަބްތަކަށް އުނދަގޫތަކެއް ހުންނާނެކަމަށް ގަބޫލުކުރާ ކަމަށާއި އެކަމާ ބެހޭގޮތުން އެކި ގޮތްގޮތުން ކްލަބްތަކާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ސީޒަން ނިމިފައި އޮތީމަ އަނެއްހެން މާ ބޮޑު މާލީ ދަތިތަކެއް ހުރެދާނެ ހެނެއް ހިއެއްނުވޭ. އެއީ ކުޅުންތެރިން ކޮންޓްރެކްޓް މި ހަދަނީ ސީޒަނަށް. ސީޒަން މި އޮތީ ނިމިފައި. ދެން އެފްއޭއެމުން (ކްލަބްތަކަށް) ނުދީ ހުރި ފައިސާއެއް ވިއްޔާ އެކަން ނިންމުމުގެ މަސައްކަތް ކުރަމުން މިދަނީ. މި ދަނޑިވަޅުގައި ވެސް ކްލަބްތަކަށް ދަތިތަކެއް ހުރިކަން އަންގައިފިނަމަ އެފްއޭއެމަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެ،" ޖަވާ ވިދާޅުވި އެވެ.

ފީފާގެ އެހީ އާއި އެހެނިހެން ގޮތްގޮތުން އެފްއޭއެމަށް ލިބޭ އެހީތަކުން ވެސް ފުޓްބޯޅަ ކްލަބްތަކާއި ކުޅުންތެރިންނަށް އެހީތެރިކަން އަބަދުވެސް ފޯރުކޮށްދޭނެ ކަމަށް ޖަވާ ވިދާޅުވި އެވެ. އެކަމަކު މަސައްކަތްތަށް ކުރެވެން އޮތީ ހާލަތު ތަން ދޭ މިންވަރަކުން ކަމަށާއި މިހާރު ރާއްޖެ ލޮކްޑައުންއެއްގައި އޮތުމުން ގިނަ ހުރަސްތަކެއް ހުރިކަން ޖަވާ ފާހަގަކުރެއްވި އެވެ.

"އެފްއޭއެމްގެ ބަޖެޓްގައި ހުރި އެއްޗެއް ހަރަދުކުރުމުގައި ގޮތެއް ނިންމާނީ އެކްސްކޯ (ހިންގާ ކޮމިޓީ) އިން. އެކްސްކޯގައި މި ތިބީ ކްލަބްތަކުގެ މީހުން. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް އެހީއެއް ހޯދަން މަސައްކަތްކުރާއިރު މި ކުރެވެނީ ކްލަބްތަކާއި ފުޓްބޯޅަ އަށް އެހީ ހޯދުމުގެ މަސައްކަތް. އެއީ ގޮތެއް ނިންމަން ތިބީ ވެސް ކްލަބްތަކުގެ މީހުން. އެކަމަކު މި ވަގުތު ކަމެއް ކުރެވެން ނެތީ ލޮކްޑައުން އެއްގައި އޮތީމަ. މި ހާލަތުން އަރައިގަނެ ހަމަނޭވައެއް ލައިގެން ކުރިއަށްދެވެން އޮތީ،" ޖަވާ ވިދާޅުވި އެވެ.

މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން ވެސް އެފްއޭއެމުން އަންނަނީ އޭއެފްސީ އާއި ފީފާއާ ގުޅިގެން އެކި ކަހަލަ ކަންތައްތަކުގައި ކްލަބްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން އޭއެފްސީ ކްލަބް ލައިސަންސިންގެ ކަންތައްތަކަށް ވެސް އިތުރު ފުރުސަތުތަކެއް ހޯދުމުގެ އިތުރުން ޓްރާންސްފާ ޕީރިއަޑާއި އެހެނިހެން ކަންކަމަށް ފީފާ ޑޭޓްސް ކަނޑައެޅުމުގައި ވެސް މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.

"ކްލަބް ލައިސަންސިން ޑެޑްލައިން ފަސްކުރުމާއި އެ ކަހަލަ މަސައްކަތްތަކުގައި ވެސް ކްލަބްތަކަށް ފަސޭހަ ކޮށްދިނުމުގެ މަސަައްކަތް މި އަންނަނީ ކުރެވެމުން،" ޖަވާ ވިދާޅުވި އެވެ.

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީއާ ގުޅިގެން ވެސް މި ދަނޑިވަޅުގައި މާ ބޮޑު މަސައްކަތްތަކެއް ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ކޮރޯނާވައިރަސް ފެތުރޭތީ މެލޭޝިއާ ވެސް ލޮކްޑައުންއެއްގައި އޮތުމުންކަމަށް ޖަވާ ވިދާޅުވި އެވެ.