28 އެޕްރީލް 2020 - 12:23

ވެލިންޓަން (އެޕްރީލް 28) - ކާމިޔާބުކަމާ އެކު ކޮރޯނާވައިރަސް ނައްތާލައި މުޖްތަމައުގައި ބަލި ފެތުރުން ހުއްޓުވާފައިވާ ކަމަށް ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން އިއުލާން ކުރައްވައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ނިއު ޒީލެންޑުން ފެނިފައި ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް އެންމެ މީހެއް ކަމަށް އިޝާރާތް ކުރައްވައި އާޑާން ވިދާޅުވީ ބަލި މިހާރު އެ ގައުމުން "ނައްތާލާފައިވާ" ކަމަށެވެ. އިއްޔެ ރިޕޯޓްކޮށްފައި ވަނީ ތިން ކޭސް އެވެ.

ނަމަވެސް ސިއްހީ އޮފިޝަލުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އެހެން ނޫނީ ވައިރަހުން މުޅިން ސަލާމަތް ނުވެވޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ކޮރޯނާވައިރަހުން ސަލާމަތްވެފައިވާކަން ބޮޑުވަޒީރު އިއުލާން ކުރެއްވި އިރު ވަނީ ނިއު ޒީލެންޑުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފަ އެވެ. އަންގާރަ ދުވަހުން ފެށިގެން ވަނީ ބައެއް ވިޔަފާރިތަކާއި ސިއްހީ ޚިދުމަތްތައް އަދި ތައުލީމް ދޭ ތަންތަން ހުޅުވާލަން ނިންމައިފަ އެވެ. ނަމަވެސް އަދިވެސް ގިނަ މީހުން ގޭގައި ތިބުމާއި ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކަށް ތަބާވުމަށް ވަނީ އަންގައިފަ އެވެ. ލޮކްޑައުން ލެވެލް ހަތަރަކުން ތިނަކަށް ރެއިން ފެށިގެން ދަށްކުރި ނަމަވެސް ޝޮޕިން ސެންޓަރުތައް ނުހުޅުވާނެ އެވެ. އެކަކު އަނެކަކު ހަ ފޫޓަށް ވުރެ ކައިރިވުން މަނާވާނެ އެވެ. ލުއިތަކާ އެކު މިއަދު ވަނީ ބައެއް މީހުން ބޭރަށް ނުކުންނަން ފަށައިފަ އެވެ.
"އަޅުގަނޑުމެން މި އުޅެނީ އިގްތިސާދު ހުޅުވާލަން. އެކަމަކު މީހުންގެ އިޖްތިމާއީ ދިރިއުޅުން ހުޅުވާލާކަށް ނޫން،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ނިއު ޒީލެންޑުން މިހާތަނަށް ވަނީ 1،500 މީހުން ޕޮޒިޓިވްވެ 19 މީހުން މަރުވެފަ އެވެ.
ނިއު ޒީލެންޑުގެ ޑިރެކްޓަ-ޖެނެރަލް އޮފް ހެލްތު އޭޝްލީ ބްލޫމްފީލްޑް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ކޭސްތައް މަދުން ފެނުމަކީ ވައިރަސް ނައްތާލުމުގެ ލަނޑުދަނޑި ކާމިޔާބުވުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ނައްތާލުމަކީ ޕޮޒިޓިވް ކޭސްއެއް ނުފެނުން އެކަނި ނޫން ކަމަށެވެ.
އާޑާން ވިދާޅުވީ ކޮމިއުނިޓީ ޓްރާންސްމިޝަން ހުއްޓުވުމަކީ "ހަނގުރާމައިން ކާމިޔާބު ހޯދުން" ކަމަށެވެ.
ނިއު ޒީލެންޑުން ވަނީ ވައިރަސް ފެތުރެން ފެށުމާ އެކު ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ބޯޑަރުތައް ބަންދުކޮށް ގައުމަށް އެތެރެވާ މީހަކު ނަމަ ކަރަންޓީން ކުރި އެވެ. ކޮންޓެކްޓް ޓްރޭސިން އާއި ޓެސްޓް ކުރުން ފުޅާކުރި އެވެ. އާއްމުން އެއްވާ ހުރިހާ ތަނަކާއި ސްކޫކްތަކާއި އޮފީސްތައް މާޗް 26 އިން ފެށިގެން ބަންދުކުރި އެވެ. ރެސްޓޯރެންޓްތައް ވެސް ބަންދުކޮށް ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ވެސް ހުއްޓާލި އެވެ.
އާޑާން ވިދާޅުވީ ހަރުކަށި ލޮކްޑައުނަކަށް ނުދިޔަ ނަމަ ނިއު ޒީލެންޑުން ޕޮޒިޓިވްވާ ކޭސްތައް ދުވާލަކު 1،000 އިން މައްޗަށް އެރީސް ކަމަށެވެ.