ނައިޖީރިއާގެ ރައީސް އަށް އަނބިކަނބަލުންގެ އިންޒާރެއް
ނައިޖީރިއާގެ ރައީސް އަށް އަނބިކަނބަލުންގެ އިންޒާރެއް

އަބޫޖާ (އޮކްޓޯބަރު 14) - ނައިޖީރިއާ ސަރުކާރަށް ބަދަލުތަކެއް ގެނައުމުން ނޫނީ ކުރިއަށް އޮތް އިންތިޚާބުގައި ފިރިކަލުންނަށް ބައިއަތު ނުހިފާނެ ކަމަށް ވިދާޅުވެ ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީގެ އަނބިކަނބަލުން އިންޒާރު ދެއްވައިފި އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އައިޝާ ބުހާރީ ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތައް ދެއްވާފައިވާ ގިނަ ބޭފުޅުން ރައީސް އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސަރުކާރު ވަނީ ހައިޖެކްކޮށްފައި ކަމަށާއި އެކަމުގެ ފަހަތުގައި ވަނީ މަދު ބައެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ރައީސް ބުހާރީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ތަގްރީރުގައި އެންމެ ބޮޑަށް ފާހަގަވެފައި ވަނީ "އަޅުގަނޑަކީ އެއްވެސް މީހެއްގެ މީހެއް ނޫން ކަމަށާއި އަޅުގަނޑަކީ ކޮންމެ މީހެއްގެ ވެސް މީހެއް ކަމަށް" ވިދާޅުވި ބަސްފުޅަށެވެ.

އައިޝާ ބުހާރީ ވިދާޅުވީ ސަރުކާރުގެ މަގާމުތަކަށް އައްޔަންކޮށްފައި ތިބި 50 މީހުންގެ ތެރޭން 45 މީހުން ވެސް ރައީސް އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ބުހާރީއާ ކައިވެނިކޮށްގެން އުޅޭތާ 27 އަހަރުވީ އިރު ސަރުކާރަށް ގެނައި މީހުންގެ ގޮތް ޚުދު އެކަމަނާ އަށް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ. އަދި ވެރިކަން ކުރާ އޯލް ޕްރޮގްރެސިވް ކޮންގްރެސް (އޭޕީސީ) ގެ މެނިފެސްޓޯ އަށް ތާއީދުނުކުރާ މީހުން ވެސް ވަނީ ވަކި ބައެއްގެ ނުފޫޒުގައި ސަރުކާރަށް ގެނެސްފައި ކަމަށް އައިޝާ ވިދާޅުވި އެވެ.

އައިޝާ ވިދާޅުވީ 2019 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން ބުހާރީ އޭނާ އަރިހު އަދި ދަންނަވާފައި ނުވާ ކަމަށެވެ.

"އެކަމަކު މިގޮތަށް ކަންތައް ދާކަމަށް ވަންޏާ 2019 ގައި ބުހާރީ ކުރިމަތިލެއްވިއަސް ތާއީދު ހޯދާކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން. ކުރީ އިންތިޚާބުގައި މަސައްކަތް ކުރި ގޮތަށް އަންހެނުންގެ ވޯޓު ހޯދާކަށް ވެސް އަޅުގަނޑު ނޫޅޭނަން،" އައިޝާ ވިދާޅުވި އެވެ.