ރީޓެއިލް ފިހާރަތަކަށް މުދާ ބޭނުންވާ ވަރު އަންގަން އެދިއްޖެ
ރީޓެއިލް ފިހާރަތަކަށް މުދާ ބޭނުންވާ ވަރު އަންގަން އެދިއްޖެ

މާލެ ސަރަހައްދުގެ ރީޓެއިލް ފިހާރަތަކުން ކާޑާއި މޭވާ އާއި ތަރުކާރީ ބޭނުންވާ ވަރު މެސެޖު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

ސިޓީ ކައުންސިލް އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިގޮތަށް މެސެޖު ކުރުމަށް އެދެނީ ރީޓެއިލް ފިހާރަތަކުގައި ސްޓޮކް ހުރި ވަރު ދެނެގަތުމަށް ކަމަށެވެ. އެހެންކަމުން އެކަން އަންގައި އިތުރަށް ސްޓޮކް ބޭނުންވާ ވަރު ކައުންސިލް ނަންބަރު 9955778 އަށް މެސެޖު ކުރުމަށް ވަނީ އެދިފަ އެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ސާވޭއަކީ ރީޓެއިލް ފިހާރަތަކަށް މުދާ ހޯދައިދިނުމުގައި އިތުރު ލުއިތަކެއް ހޯދައި ދިނުމަށް ކުރިއަށްގެންދާ ސާވޭއެއް ކަމަށެވެ. އެގޮތުން، މި ސާވޭގައި ލިބޭ މެސެޖުތަކަށް ބަލައި ހޯލްސޭލް ފިހާރަތަކާއި ރަށްރަށުން އަންނަ ދޯނިތަކަށް ތަކެތި ބަލާ ދިއުމުގެ ހުއްދަ ރީޓެއިލް ފިހާރަތަކަށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދުވަސްވަރު ގިނަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިން ނަމަވެސް އެއްފަހަރާ ގިނަ ބަޔަކަށްއެ ހިދުމަތް ދޭން ޖެހޭތީ ބައެއް ފަހަރު ޑެލިވަރީތައް ލަސްވެ އެވެ. ނަމަވެސް ސިޓީ ކައުންސިލުން ދޭ ހުއްދަ އާއެކު ހޯލްސޭލްކޮށް ގަންނަ ތަކެތި ފިހާރަތަކަށް އަވަހަށް ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ވަނީ ރޯދަމަހާ ދިމާކޮށް ކާޑުގެ ބާވަތްތައް ރީޓެއިލް ފިހާރަތަކަށް ފޯރުކޮށްދިނުމަށް ވެސް މި ހުއްދަ ދޫކޮށްފަ އެވެ.

ރޯދަ މަހު ރީޓެއިލް ފިހާރަތަކުން އެންމެ ގިނައިން ވިކޭ ތަކެތީގެ ތެރޭގައި ތަރުކާރި އާއި މޭވާގެ ބާވަތްތައް ހިމެނެ އެވެ. ނަމަވެސް ލޮކްޑައުންއާ ގުޅިގެން ރަށްރަށުގައި ހެއްދި ތަކެތި މާލޭގެ ފިހާރަތަކަށް ލިބުން ވަނީ ދަތިވެފަ އެވެ. މިކަން ހައްލު ކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން އަންނަނީ ރަށްރަށުން އަންނަ ބޯޓުތަކަށް ހުއްދަ ދެމުންނެވެ.