27 އެޕްރީލް 2020 - 13:13

ރޯމް (އޭޕްރިލް 27) – ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ އިޓާލިއަން ލީގު އަލުން ފަށަން ކުރާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ހޯދައި އަންނަ މަހުގެ ކުރީކޮޅުގައި ޓީމުތަކުން ޕްރެކްޓިސް ފަށަން ތައްޔާރުވެއްޖެ އެެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމަކީ އިޓަލީ އެވެ. އެކަމަކު ފަހަކަށް އައިސް އެ ގައުމުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެ ގޮތުން އިއްޔެ އިޓަލީގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 260 ގައި އުޅޭއިރު، މިއީ މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.
އިޓަލީގެ ބޮޑު ވަޒީރު ޖިއުސެއްޕޭ ކޮންޓޭ އިއްޔެ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބުކޮށް ދެއްކި ވާހަކައިގައި ވަނީ އަންނަ މަހު ހަތަރު ވަނަ ދުވަހު ކުޅުންތެރިންނަށް އިންޑިވިޖުއަލް ޓްރެއިނިންތައް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު މި ދާ ގޮތަށް ކަންތައްތައް ރަނގަޅު މަގުން ގޮސްފިނަމަ އަންނަ މަހު 18 ވަަނަ ދުވަހު ޓީމުތަކުގެ ޕްރެކްޓިސް ފެށުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.
އަންނަ މަހު ހަތަރެއްގައި އިޓަލީ ސަރުކާރުން ވަނީ ލޮކްޑައުން އުސޫލަށް ލުއިތަކެއް ދޭން ނިންމައިފަ އެވެ. އެހެން ނަމަވެސް އޭގެ ނާޖާއިޒު ފައިދާއެއް އެއްވެސް ފަރާތަކުން ނުނެގުމަށް ސަރުކާރުން އެދެ އެވެ.
އިޓާލިއަން ލީގު އަލުން ފަށަން ހަތް ކްލަބަކުން ދެކޮޅު ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ލީގު ހިންގާ ކައުންސިލުން އޮތީ ލީގު ފުރިހަމަކުރަން ނިންމައިގެންނެވެ. އަދި ލީގު ފުރިހަމަކުރާނެ ކަމުގެ ޔަގީންކަން ޔުއެފާ އަށް ދީފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ ވެސް ހިމެނެ އެވެ.
ލީގު ކައުންސިލުން ވަނީ ލީގުގެ ކުޅުން އޮގަސްޓް ކުރީކޮޅާ ހަމައަށް ދައްމާލައިފަ އެވެ. އެހާތަނަށް ލީގު ފުރިހަމަކުރަން ބޭނުންނަމަ ލަސްވެގެން މި މަހު ފަހުކޮޅުގައި ނޫނީ އަންނަ މަހު ކުރީކޮޅުގައި މެޗުތައް އަލުން ފަށަން ޖެހެ އެވެ. ނުރަސްމީ ސިފައެއްގައި ކައުންސިލުން ލީގު ފަށަން ނިންމާފައިވަނީ މި މަހު 27 ނޫނީ އަންނަ މަހު ދެ ވަނަ ދުވަހު ކަމުގައި ރިޕޯޓްތައް ބުނެ އެވެ.
އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، އަށް ޓީމަކުން 13 މެޗު ކުޅެން ޖެހެ އެވެ. ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ.