28 އެޕްރީލް 2020 - 09:05

އިނގިރޭސިވިލާތުގައި މިދިޔަ ހަފުތާގައި ކުރިއަށް ގެންދިޔަ ޕޯލެއްގެ ނަޖީތާތައް ދައްކާ ގޮތުން ލޮކްޑައުންގެ ތެރޭގައި އެ ގައުމުގެ ކޮންމެ 10 މީހަކުން ތިން މީހަކު އިންޓަނެޓާއި ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް އަހުލުވެރިވެފައިވެ އެވެ. އަލްކެޓަލް އިން ހެދި ޕޯލުން ދެއްކި ގޮތުގައި ކުރިން އެއްގޮތަކަށް ވެސް ވީޑިއޯ ކޯލެއް ނުވަތަ އެހެން ވެސް ޒަމާނީ ވަސީލަތެއް ބޭނުންކުރަން ނުދަންނަ މީހުން މިހާރު އޮންލައިންކޮށް މިފަދަ އާދައިގެ ބައެއް ކަންކަން ކުރަން ދަސްކޮށްފި އެވެ.

ލޮކްޑައުންގެ ތެރޭގައި އަހަރެމެންނަށް ދަސްވީ ކޮން ކަމެއް ހެއްޔެވެ؟ އެއްވެސް އާ ކަމެއް ދަސްވެއްޖެ ހެއްޔެވެ؟ އިންޓަނެޓާއި ޓެކްނޮލޮޖީ އިހަށް އެއްފަރާތްކޮށްލަމާ ހިނގާށެވެ. ކޮރޯނާވައިރަހާ އެކު ކުރިމަތިލާން ޖެހުނު "ގޭބަންދާ" އެކު ވަރަށް ގިނަ ބަޔަކު ކުރާނެ ކަމެއް ނެތިގެން ނުވަތަ ނޭނގިގެން ފޫހިވެގެން އުޅޭ ވާހަކަ ސޯޝަލް މީޑިއާގެ ތެރެއިން ވެސް ފެނެ އެވެ.

މި ލޮކްޑައުނަކީ ރަނުގެ ފުރުސަތެއް ކަމަށް ބަލަމާ ހިނގާށެވެ. އާ ކޮންމެވެސް ކަމެއް ދަސްކޮށްލުމަކީ ފަހުން އޭގެ ފައިދާ ނެގިދާނެ ކަމެކެވެ. އެގޮތުން އަލަށް ދަސްކުރާ ނުވަތަ ތަރައްގީކުރާ ހުނަރަކުން ފަހުން އެއީ އާމްދަނީ ހޯދޭނެ މަސައްކަތްތަކަށް ވެސް ވެދާނެ އެވެ. އެހެންވެ މި ދަނޑިވަޅުގައި ލިބިފައި މިއޮތް ވަގުތު ބޭނުން ރަނގަޅަށް ހިފުން ވަރަށް މުހިއްމެވެ.

ބެލެނިވެރިން ހާއްސަކޮށް މިފަދަ ކަންކަމާ ދޭތެެރޭ ވިސްނައި ކުދިން ވެސް ޝާމިލުކުރުވައިގެން އެކި ކަހަލަ މަސައްކަތްތައް ކުރުމަކީ ވަރަށް ބޭނުންތެރި ކަމަކަށް ވެދާނެ އެވެ.
ފަހަން ލޯބިކުރާ މީހެއް ނަމަ އެކަމަށް ޝައުގުވެރިކަން ހުރި ނަމަ އެ ހުނަރު ތަރައްގީކުރަން މަސައްކަތް ކުރެވިދާނެ އެވެ. މާ ޖަހަން ނުވަތަ ޖަރީކުރަން ދަސްކުރެވިދާނެ އެވެ. ވިޔަން ދަސްކުރެވިދާނެ އެވެ. ކްރާފްޓްގެ އެކި އެކި މަސައްކަތްތަކާ ވެސް އުޅެވިދާނެ އެވެ.
ކުރެހުމާއި ލިޔުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ. މި ދަނޑިވަޅުގައި ވާހަކައެއް ލިޔަން ޅެމެއް ހަދަން ނުވަތަ މިއުޒިކް އާލާތެއް ކުޅެން ދަސްކުރުން ކަހަލަ ކަމެއް ވެސް ކުރެވިދާނެ އެވެ. ރީތިކޮށް ތަޖުވީދުގެ މަގުން ގުރުއާން ކިޔަވަން ދަސްކުރުމަކީ ވެސް މި ދުވަސްވަރު ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރެވިދާނެ މުހިއްމު ކަމެކެވެ.
ކެއްކުމަކީ ވެސް ހުނަރެކެވެ. އެހެންވެ މި ލޮކްޑައުންގެ ތެރޭގައި އެ ހުނަރު ވެސް ތަރައްގީކުރަން މަސައްކަތްކޮށް، ކޭކު އެޅުމާއި ޕޭސްޓްރީ ފަދަ އެއްޗެހި ތައްޔާރުކުރަން ވެސް ދަސްކުރެވިދާނެ އެވެ.
ގޭގައި ހުރި ފަރުނީޗަރެއް ނުވަތަ ހިފައިގެންގުޅޭ އެހެން އެއްޗެއް ހަލާކުވެފައި ހުރި ނަމަ އެ މަރާމާރުކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ކަރަންޓާ ގުޅުން ހުރި މަސައްކަތެއްގައި ވެސް އުޅެވިދާނެ އެވެ. މިއިން ކޮންމެ ކަމެއްގެ ތެރޭގައި އުޅުމަކީ މީހާގެ ހުނަރު އިތުރުކޮށް ދޭނެ ކަމެކެވެ.
ގޭތެރޭގެ ތަރުތީބު ބަދަލުކޮށް، އިންޓީރިއާ ކުޅުމަކީ ވެސް ހަމަ ވަރަށް ރަނގަޅު ކަމަކަށް ވެދާނެ އެވެ. އޭގެ ސަބަބުން އިންޓީރިއާ ޑިޒައިނިންގެ ހުނަރު ވެސް ލިބިގަނެވިދާނެ އެވެ. ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ދަނޑުވެރިކަން ފަދަ ކަންކަމުގެ ތެރޭގައި ވެސް މިހާރު އުޅެން މާ ބޮޑަށް ވަގުތުވާނެ އެވެ. ކުރިން ވަގުތު ނުވެގެން ނުވެ ހުރި ކަންކަމާއި ދަސްކުރަން ބޭނުންވެފައި ހުރި ކަންކަަމަށް މި ދަނޑިވަޅުގައި ވަގުތު ހޯދާށެވެ. އެއީ ހަމަ ޔަގީނުން ވެސް ވާނެ ކަމެކެވެ.
ދެން އޮތީ އިންޓަނެޓާއި އޮންލައިންގެ ވާހަކަ އެވެ. ލޮކްޑައުންގައި ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާވަނީ ވެސް މި ވަސީލަތްތަކަށެވެ. އެހެންވެ އޭގެ ބޭނުން ވެސް އެންމެ ރަނގަޅަށް ހިފަން ދަސްކުރެވިދާނެ އެވެ. މިސާލަކަށް ޑިޖިޓަލް އާޓަށް ޝައުގުވެރިވާ ނަމަ އެކަމަށް ވަގުތު ދެވިދާނެ އެވެ. ވެބްސައިޓްތައް ފަރުމާކުރުމާއި އެކި ކަހަލަ ސޮފްޓްވެއާތައް އީޖާދުކުރުމާއި މިހެން ގޮސް ވަރަށް ބައިވަރު ކަންކަން އިންޓަނެޓުން ދަސްކުރެވިދާނެ އެވެ. މިއިން ކޮންމެ ކަމަކާ ގުޅޭ ޓިިއުޓޯރިއަލް ވެސް ޔޫޓިއުބްގައި އެހެރީ އެވެ.
ބަލަންވީ ފަހުން ވެސް އޭގެ ފައިދާ ހޯދިދާނެ ކަމެއް ދަސްކުރުމެވެ. އަމިއްލަ އަށް މަސައްކަތެއް ދަސްވެފައި ހުރުމަކީ އެހެން ބަޔަކަށް ބަރޯސާނުވެ ދިރިއުޅެން މަގުފަހިކޮށްދޭނެ ކަމެކެވެ. ކޮރޯނާވައިރަހާ ހެދި މި ކުރިމަތިވި ދަތި ހާލަތާ ހެދި ކިތައް މީހުންގެ ވަޒީފާ ގެއްލިއްޖެ ހެއްޔެވެ؟ މިއީ ވިސްނައިލުން ވަރަށް ރަނގަޅު ކަމެކެވެ. ވަޒީފާ އެހެން ބަޔަކަށް ބަރޯސާކޮށްގެން އުޅޭ ނަމަ މިއީ ނުވެ ނުދާނެ ކަމެކެވެ. ހަމަ ޔަގީނުން ވެސް އަމިއްލަ ހުނަރު ތަރައްގީކޮށް، މަސައްކަތެއް ދަސްވެފައި ހުރުމަކީ ދެން ވެސް ދިމާގެ ދިރިއުޅުން އަމިއްލަ އަށް ބައްޓަންކުރަން ލިބޭނެ ހިތްވަރަކަށް ވާނެ އެވެ. މައިންބަފައިންނާއި ބެލެނިވެރިން ވެސް ކުދިންނަށް ވިސްނައިދޭންވީ މިފަދަ ކަންކަމެވެ. މަސައްކަތެއް ދަސްވެފައި ހުރުމަކުން ވާނެ އެއްވެއް ގެއްލުމެއް ނެތެވެ.
އެހެންވެ މި ލޮކްޑައުންގެ ތެރޭގައި މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ދަސްކުރަމާ ހިނގާށެވެ.