27 އެޕްރީލް 2020 - 11:00

އަނެއްކާ ވެސް އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މީގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ މީހެއް. މި ކޭސްތަކާ އެކު ރާއްޖެއިން މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 226. މީގެ ގަޑިއެއްހާ އިރު ކުރިން ވެސް ހަ މީހަކު ވަނީ ޕޮޒިޓިވްވެފައި. އެހެންވެ މިއަދުގެ ޖުމްލަ މިހާރު ވަނީ 12 އަށް އަރާފައި. މިހާރު ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 89. ބަންގްލަދޭޝްގެ 104 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި. ދެން އުޅެނީ ޕާކިސްތާނުގެ ދެ މީހަކާއި އިންޑިއާގެ 13 މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި އިޓަލީގެ 11 މީހުން. މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން "އެހެނިހެން" ކެޓަގަރީގައި ފަސް މީހަކު އެބަތިބި.

އިރުރު ހަ މީހަކު ޕޮޒިޓިވްވެއްޖެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ މީހަކާއި ޕާކިސްތާނުގެ މީހެއް. މި ކޭސްތަކާ އެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 220 އަށް އަރާފައި.
ކާނަލް ހުސައިން އަލީ: ސިފައިންގެ ފަސް މީހަކު ވަނީ ޕޮޒިޓިވްވެފައި. އަދި އެ މީހުންނާ ގުޅިގެން ބައެއް މީހުން ވަނީ ކަރަންޓީން ވެސް ކޮށްފައި. މިކަން ފެށުނުއިރު ވެސް، އަދި މިކަމުގެ ތެރޭގައި ސިފައިން އުޅޭއިރު ވެސް އެނގޭ މި ބައްޔަށް ހުށަހެޅިދާނެކަން. ކަރަންޓީނަށް ވެސް ގޮސް، މުއްދަތު ހަމަކޮށްފައި އަލުން އެނބުރި ހަމަ މަސައްކަތަށް ނުކުންނާނެ. މިއީ ސާކަލްއެއް. އެކަން ހިނގާނީ އެގޮތަށް.
އަލީ ވަހީދު: ޕޮޒިޓިވް ކޭސްތައް ގިނަވެ، އެ ހާލަތް އަތުވެއްޖެ ނަމަ އުތުރާއި ދެކުނުން ވެސް އަޅުގަނޑުމެން ވާނީ ކަރަންޓީން ފެސިލިޓީ ސެކިއުއާ ކޮށްފައި. މިހާރު މި އައީ ފޭސް ޓޫ. ކުރިއަށް އޮތްތާނގައި ޕޮޒިޓިވް ކޭސްތައް ގިނަވެދާނެ. މި ހަފުތާގައި ވެސް ގިނަވެދާނެ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ފެނިގެން ދިޔަ ގޮތް. އެކަމަށް އަޅުގަނޑުމެން އެންމެން ވެސް މި ތިބީ ތައްޔާރަށް. ފްރޮންޓްލައިންގައި ހިމެނޭ ހުރިހާ އެންމެން ވެސް ތިބީ ތައްޔާރަށް.
އަލީ ވަހީދު: އެއްވެސް ފެސިލިޓީއެއްގައި ކޮރަޕްޝަން އަމަލެއް ނުހިނގާނެ. ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ. އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވާލަން އެނގޭ އެއްވެސް ފެސިލިޓީއެއް މެނޭޖްކުރުމުގައި ކޮރަޕްޝެއް ނުހިމެނޭނެ.
އަލީ ވަހީދު: އިތުރު ފެސިލިޓީތައް ގާއިމްކޮށް ބިދޭސީން ބަދަލު ކުރުމަށް ރައީސް ވަނީ ނިންމަވާފައި. ގުޅިފަޅާއި ވިލިވަރަށް އެ މީހުން ބަދަލު ކުރާނެ. މި ބަދަލުކުރާ ކުރުމުގައި ވެސް އިންސާނީ ކަރާމާރަތަށް ވިސްނާނަން. އަދި އޭގެ އިތުރުން އެ މީހުންނަށް މާލެ އިން ލިބޭ ހިދުމަތަށް ވުރެ ރަނގަޅު ހިދުމަތެއް ލިބޭނެ.
އަލީ ވަހީދު: ފެސިލިޓީތައް ހޯދަމުން މި އަންނަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް. އެއިން ކޮންމެ ފެސިލިޓީއެއްގައި ސިފައިންގެ މީހަކު ހުންނާނެ. މިއިން ކޮންމެ ފެސިލިޓީއެއްގައި ބޮލަކަށް ކަނޑައަޅާފައިވާ ރޭޓަކީ 750ރ. އެއީ އެ ތަނެއްގައި ހިނގާ ހުރިހާ ހަރަދެއް ލައިގެން.
އަލީ ވަހީދު: އަދިވެސް 10 ރިސޯޓެއްގައި ޓޫރިސްޓުން އެބަތިބި. އޭގެ ތެރޭގައި 50 ގައުމެއްގެ މީހުން އެބަތިބި. އެ މީހުން ފޮނުވުމުގެ ކަންކަން ވެސް ފޮރިން މިނިސްޓްރީން ކުރަމުން އެބަގެންދޭ.
ނެޝެނަލް އިމަޖެންސީ ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާ.
މާލޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ފެނުނު ކްލަސްޓާތައް ވަރަށް ބޮޑަށް އިތުރުވެ، އެއް ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.
ރާއްޖެ އިން 73 މީހުންނާ އެކު މި ބައްޔަށް ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވީ އިއްޔެ އެވެ. މި އަދަދާ އެކު ރާއްޖެއިން ފެނުނު ކޭސްތަކުގެ ޖުމްލައަކީ 214 އެވެ. މީގެތެރެއިން ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ މާލެއިންނެވެ.
ކޮވިޑް-19ގެ ހާލަތު އޮޅުންފިލުވައިދޭ ސިލްސިލާ މީޑިއާ ބްރީފިންގައި، މިހާތަނަށް އެ އަދަދުތަކުން ފެންނަ މަންޒަރު ކިޔައިދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި މި ކްލަސްޓާތަކުން ފެންނަނީ އެކަކު އަނެކަކާ ދިމާވެފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުކަމެވެ.
މާލޭގައި މީހުން ޕޮޒިޓިވްވަމުންދާ އަދަދަށް ބަލައި މިދިޔަ ހަފުތާގައި އާއްމުކޮށްފައިވާ ގޮތުގައި، އޭރު ފެނުނު ހަަތަރު ކްލަސްޓާގެ ތެރެއިން އެންމެ ގިނަ ކޮންޓެކްޓްސް ތިބީ ފުރަތަަމަ ފެނުނު (ރާއްޖޭގެ 21 ވަނަ ކޭސް) ހިމެނޭ ކްލަސްޓާ ގަ އެވެ. އެ ކްލަސްޓާގައި އޭރު 200 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. މާލޭގައި ކާފިއު ހިންގައި، އެހެން ވެސް ފިޔަވަޅުތައް އެޅިއިރު، އެކެއްގެ ކޮންޓެކްޓްސް 200 އަށް އެރުމަކީ އޭރު ޑޮކްޓަރުން ވެސް ކަންބޮޑުވުންފާޅުކުރެއްވި ކަމެކެވެ.
އަފްޒަލް ރޭ އާއްމުކުރެއްވި މައުލޫމާތުތަކުގައިވާ ގޮތުން މިހާރު ފެނިފައިވާ ކްލަސްޓާސްތަކުގެ ތެރެއިން އެންމެ ބޮޑީ އެމްއެޗްއެފް ކްލަސްޓާ އެވެ. އޭގައި ހިމެނޭ މީހުންނަކީ ކޮން ތަނަކަށް ނިސްބަތްވާ މީހުން ކަން ނޭނގޭ ގޮތަށް ކްލަސްޓާސްތަކަށް ވަނީ ވަކި ނަންތަކެއް ދީފަ އެވެ.
ދެ ވަނަ އަށް އެންމެ ބޮޑީ އޭއެމްއެޗް ކްލަސްޓާ އެވެ. އެ ކްލަސްޓާ އިން 21 މީހުން ވަނީ ފެނިފަ އެވެ. މީގެ އިތުރުން ބީއެންސީ ކްލަސްޓާ އިން އެކަކާއި އާރުއެންސީ ކްލަސްޓާ އިން ދެ މީހުންނާއި ބީއެންޒެޑް ކްލަސްޓާ އިން ދެ މީހުން ވަނީ ފެނިފަ އެވެ. އެއްވެސް ކްލަސްޓާއަކަށް ނުހިމެނޭ ގޮތަށް 11 މީހަކު ވަނީ ފެނިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.
"މި ކްލަސްޓާތަކުން ދޭހަވާ މާނަތަކެއް ހުރޭ، މިސާލަކަށް އެ ލޮކޭޝަނެއްގެ ސަބަބުން ކްލަސްޓާސްތައް އިތުރުވުމާއި ނުވަތަ އެ ކްލަސްޓާތަކުން ފެންނަ މީހުންގެ ބާވަތާއި ކޮން ކަހަލަ މަސައްކަތެއް ކުރާ ބައެއް ކަމާއި އެކަކު އަނެކަކާ ދިމާވެފައި ވަނީ ކިހިނެއް ކަމާއި މި ކަހަލަ ބައިވަރު މައުލޫމާތުތަކެއް މީގެއިން ލިބޭނެ،" އަފްޒަލް ވިދާޅުވި އެވެ.
މި ކްލަސްޓާތަކުގެ ސީދާ ތަފްސީލު ނުދެއްވިޔަސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއްގެ އިރުޝާދު ދެއްވި އިރު އޭނާ ގުޅުވީ ޑެލިވަރީ ޚިދުމަތުގައި މިހާރަށްވުރެ ވެސް އިތުރަށް ސަމާލުކަން ދޭން ޖެހިފައިވާ ބައެއް ކަންކަމާ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އަފްޒަލް ފާހަގަކުރެއްވީ ޑެލިވަރީކުރާ މީހުން ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަކޮށް، އެ މީހުންނާ ހަވާލުވެ މަސައްކަތް ކުރުވާ މީހުން ވެސް އެ މީހުންގެ ހާލު ގާތުން ބެލުމެވެ. މި ޚިދުމަތުގައި އެޅެން ހުރި އެއްވެސް ފިޔަވަޅަކާ މެދު ފަރުވާކުޑަނުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ.
"ކޮންމެ ދުވަހަކު އެ މީހުންގެ މައުލޫމާތު ނަގައި، ސިއްހީ ހާލަތު ހުރީ ކިހިނެއްތޯ ބަލައި ކިރިޔާވެސް އަލާމާތެއް ފެންނަ މީހަކު ހުރެއްޖެ ނަމަ އަޅުގަނޑުމެންނަށް އަންގަންވާނެ،" އަފްޒަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިހާރުގެ ކްލަސްޓާތަކަށް ބަލައިފިއްޔާ ހަގީގަތުގައި، އާއްމުކޮށް އުޅޭ އެންމެން މި އުޅެނީ ގޭގައި. ނަމަވެސް މަގުމަތީގައި މި އުޅޭވޭ މީހުންނަކީ ކޮންމެހެން ވެސް އުޅެން ޖެހޭ ބައެއް. އެއީ ޑެލިވަރީ ހިދުމަތަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެ މީހުން މީގެތެރޭގައި ގިނައިން މި އުޅެނީ."
ޑެލިވަރީގެ ޚިދުމަތް ހޯދާ މީހުން ވެސް އެ ތަކެއްޗާ ހަވާލުވުމުގައި ފިޒިކަލް ޑިސްޓެންސިން އަށް ސަމާލުވެ، އެ ގެންނަ ސާމާނުތައް ގެންނަ ކޮތަޅުތައް އުކާލުމާ އެކު ގެނައި ތަކެތީގެ ތެރެއިން ދޮވެވެން ހުރި ރަނގަޅަށް ދޮވެ ސާފުކޮށް، އަތް ދޮވުމަށް ހަނދާންކޮށްދެއްވި އެވެ.
އަފްޒަލް ވިދާޅުވީ ރަށްރަށަށް މުދާ އުފުލާ މީހުންގެ ރައްކާތެރިކަމަށް ވެސް ޚާއްސަ އިސްކަމެއް ޖެހިފައިވާ ކަމަށެވެ.