28 އެޕްރީލް 2020 - 09:26

ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެކްޓަރު ކާތިކް އާރިޔަނަކީ ސުޕަސްޓާރަކަށްވާނެ މީހެއްކަން ކުރިން ވެސް ގަބޫލުކުރެވުނު ކަމަށް މަޝްހޫރު ޑައިރެކްޓަރު ސުބާޝް ގާއީ ބުނެފި އެވެ.
ދެހާސް ފަނަރައިގައި އޭނާގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގެ ތެރެއިން ސަލްމާނާއި އާމިރު ޚާންގެ އިތުރުން ކާތިކާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރަމުން ގާއީ ބުނީ ކާތިކަކީ ސަލްމާނާއި އާމިރު ގޮތަށް ސުޕަސްޓާރަކަށްވާން ބުރަކޮށް މަސައްކަތްކުރާ އެކްޓަރެއްކަން ކުރިން ވެސް ފާހަގަކުރެވުނު ކަމަށެވެ.
"އަދި އޭނާއާ ދޭތެރޭ ފަހުރުވެރިވަން،" ގާއީ ބުންޏެވެ. "ކާތިކް ވަނީ ކާމިޔާބުގެ ހަރުގަނޑުން އަރައިގެންފައި. އަހަރެންގެ ހެޔޮދުއާ އަބަދު ވެސް އޭނާއާ އެކީގައި ވާނެ."
ގާއީ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ ގެނެސްދިން ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ރާމް ލަކަން"، "ކަލް ނަޔަކް"، "ތާލް" އަދި "ކަރްޒް" ފަދަ އެތައް ފިމެއް ހިމެނެ އެވެ.
ދެހާސް އެގާރައިގެ ފިލްމު "ޕިޔާރު ކާ ޕަންޗްނާމާ" އިން ބޮލީވުޑަށް ތައާރަފުވި ކާތިކް، 29، އާ އެކު ގާއީ ގެނެސްދިން ފިލްމަކީ 2014 ގެ "ކާންޗީ: ދި އަންބްރޭކަބަލް" އެވެ.
ކާތިކްގެ ވިދުން ގަދަކޮށްލި ފިލްމަކީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ. އެ ފިލްމަށް ފަހު އޭނާވެގެން ދިޔައީ ބޮލީވުޑްގެ އަރަމުން އަންނަ އެކްޓަރުންގެ ތެރެއި އެންމެ ޑިމާންޑް ބޮޑު އެކަކަށެވެ. ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" ހިމެނެ އެވެ.
އޭނާ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ފެބްރުއަރީގައި ރިލީޒްކުރި "ލަވް އާޖް ކަލް" އެވެ. ކާތިކް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޕަތީ ޕަތުނީ އޯރް ވޯ" އާއި "ލުކާ ޗުއްޕީ" އާއި "އާކާޝް ވާނީ" އަދި "ޕިޔާރު ކާ ޕަންޗްނާމާ 2" ހިމެނެ އެވެ.