27 އެޕްރީލް 2020 - 13:55

ލަންޑަން (އެޕްރީލް 27) - ކޮވިޑް-19 އަށް ފަރުވާ ހޯއްދެވުމަށް މަހެއްހާ ދުވަސް ހޭދަ ކުރެއްވުމަށް ފަހު އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން މިއަދު މަސައްކަތަށް އަލުން ނުކުމެވަޑައިގެންފި އެވެ.
ޑައުނިން ސްޓްރީޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ދެއްކެވި ވާހަކައިގައި ލޮކްޑައުންގެ މުއްދަތަށް ލުއި ދެއްވާނެ ކަމަށް ވިދާޅެއް ނުވެ އެވެ. މިއަދު ބާއްވާ ކޮރޯނާވައިރަހުގެ ކެބިނެޓް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ ޖޯންސަން އެވެ.
މިދިޔަ މަހު 27 ގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ އިތުރު ފަރުވާ ހޯއްދެވުމަށް ޖޯންސަން، 55، ވަނީ ހަފުތާއަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އޭގެ ތެރޭން ތިން ދުވަހު ވަނީ އައިސީޔޫގައި ފަރުވާ ހޯއްދަވައިފަ އެވެ. އައިސީޔޫގައި އޮންނެވި އިރު ވަނީ އޮކްސިޖަން ޓްރީމަންޓް ދޭން ޖެހިފަ އެވެ.
މި މަހު 12 ވަނަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު ޖޯންސަން ވަނީ އޭނާ އޮންނެވީ ކޮންމެ ފަދަ ގޮތެއް މެދުވެރިވެދާނެ ފަދަ ހާލަތެއްގައި ކަަމަށް ވިދާޅުވެފަ އެވެ. އަދި ފަރުވާ ދިން ސެއިންޓް ތޯމަސް ހޮސްޕިޓަލްގެ ސްޓާފުންނަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.
ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ނުރަސްމީ ގެކޮޅުގައި ހުންނަވައިގެން ސަރުކާރުގެ އެއްވެސް މަސައްކަތެއް ޖޯންސަން ނުކުރައްވަ އެވެ. ޑޮކްޓަރުން ވެސް އިރުޝާދު ދީފައި ވަނީ އަރާމު ކުރެއްވުމަށެވެ.