27 އެޕްރީލް 2020 - 01:05

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ ޕޮޒިޓިވްވީ އެ ފެސިލިޓީގައި މަސައްކަތް ކުރާ ރަޝީދު ކާޕެންޓްރީގެ ދެ މުވައްޒަފުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ބަލި މީހުން އެކަހެރިކޮށް ފަރުވާދޭން ހަދާ 300 އެނދުގެ އެތަން ވީހާވެސް އަވަހަށް ނިންމުމަށްޓަކައި ގިނަ ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސިފައިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް އަންނަނީ އެކުގައި މަސައްކަތް ކުރަމުންނެވެ. ޕޮޒިޓިވްވި ދެ މީހުންނާ، އެތަނުގައި މަސައްކަތް ކުރާ އެހެން މީހުންނާ ކޮންޓެކްޓް ވެފައިވަނީ ކިހާ ވަރަކަށް ކަމެއް އަދިއެއް ނޭނގެ އެވެ.
މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޑީއެފާއި ފެނަކަ އެވެ. އޭގެއިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަނުން ވެސް އެ ތަނުގެ މަސައްކަތުގައި ބައިވެރިވެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހަދާ އެ ފެސިލިޓީގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އެގޮތުން މުޅި ތަނުގެ 99 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް މަސައްކަތް ކުރާ ކުންފުނިތަކުން ބުނެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 214 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެންމެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވި ދުވަހަކީ އިއްޔެ އެވެ.