27 އެޕްރީލް 2020 - 02:08

މިއަދު އެކަނި މާލެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވް 73 ކޭސް ފެނިއްޖެ އެވެ.
މިއީ ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން އެންމެ ގިނަ މީހުން އެއް ދުވަހެއްގައި ޕޮޒިޓިވްވި ދުވަހެވެ.
މިިހާތަނަށް ރާއްޖެ އިން މި ބައްޔަށް ޕޮޒިޓިވް މީހުންގެ 214 އަށް އަރާފައިވާއިރު އޭގެ ތެރެއިން 170 ކޭސް ފެނިފައި ވަނީ މާލޭންނެވެ. އަދި މީގެ ތެރޭން ގިނައީ ބިދޭސީންނެވެ. އެގޮތުން ރާއްޖެ އިން މިއަދު ހަވީރާ ހަމައަށް ފެނިފައިވާ 191 ކޭސް ގެ ތެރެއިން 78 ކޭސް އަކީ ދިވެހިންނެވެ. އަދި ބާކީ 113 ކޭސް އަކީ ބިދޭސީންނެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެގޮތުން ރާއްޖެއިން ބޭރުން އައި ދިވެހިންނާއި އެންމެ ފުރަތަމަ ބަލި ފެނުނު ރިސޯޓު މުވައްޒަފުންނާއި ޓޫރިސްޓުން ހިމެނެ އެވެ.
ރާއްޖެ އިން ޕޮޒިޓިވްވި މީހުން ކަރަންޓީން ފެސިލިޓީތަކުގައި ތިބި އިރު، އޭގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި އެޑްމިޓްކޮށްފަ އެވެ. އެެހެންނަމަވެސް އެ މީހާގެ ހާލު ގޯސް ނޫން ކަމަށާއި ދެން ތިބި މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 5،948 ސާމްޕަލް ނަގައި 5،699 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. ނަތީޖާ ނުލިބި ހުރީ 58 ސާމްޕަލް އެވެ.
މީގެ އިތުރަށް މިހާރު ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 2003 މީހުން ހޯދައި 253 ތަނެއް ކަރަންޓީން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މި މަހުގެ 15 ވަނަ ދުވަހު މާލެއިން އެންމެ ފުރަތަމަ ބަލި ފެނުމާ އެކު މާލެ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި މާލެ ތެރެއިން ރެންޑަމް ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.