ރިޔާޒްގެ މާލެ ދަތުރަށް އެތައް ބައެއްގެ ފާޑުކިއުން! އޭނާ ވިދާޅުވީ ހުއްދަ އޮތް ކަމަށް
ރިޔާޒްގެ މާލެ ދަތުރަށް އެތައް ބައެއްގެ ފާޑުކިއުން! އޭނާ ވިދާޅުވީ ހުއްދަ އޮތް ކަމަށް

މާލެއިން ކޮވިޑް-19ގެ މީހުން ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރަށުން މާލެ ވަޑައިގަތުމުން އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން މިއަދު އަމާޒުވެއްޖެ އެވެ.

މާލެ ލޮކްޑައުންކުރި އިރު ރިޔާޒު ހުންނެވީ، އޭނާގެ ދާއިރާއަށް ކުރެއްވި ދަތުރު ނިންމަވައި، މާލެ އަންނަން ތައްޔާރުވެވަޑައިގެންނެވެ. އެކަމަކު އޭގެ ކުރިން މާލެ ލޮކްޑައުން ކުރުމުން، ދަތުރުނުކުރެއްވި ހަފުތާއަކަށް ވުރެ ގިނަ ދުވަސް ތިމަރަފުށީގައި މަޑުކުރެއްވީ އެވެ.

އެންމެ ފަހުން މިއަދު މާލެ ވަޑައިގެން އޭނާ ވަނީ އެކަން ޓްވީޓެއްގައި އިއުލާންކުރައްވައިފަ އެވެ. މޫނުމަތި އަޅުއްވައި، ލޯންޗެއްގައި އިންނެވި ރިޔާޒުގެ ޓްވީޓްގައި ލިއުއްވީ "މިއަދުގެ ހިތްގައިމު ފަތިހު ވަގުތުގައި ރަށުން ފުރައިގެން އިރު މެދު ނުޖެހެނީސް މާލެ އާވިއްޖެ" ކަމަށެވެ. އޭގެ ފަހުން އޭނާ ވަނީ ތިމަރަފުށީގައި ހޭދަކުރެއްވި 15 ދުވަހު އެކި ގޮތްގޮތުން އެހީތެރިވި މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެކަމަކު އޭނާގެ އެ ޓްވީޓަށް އެތައް ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. މާލެ ލޮކްޑައުންކޮށް، ވަރަށް މަދު ހާލަތެއްގައި ނޫނީ މާލެ އަށް އަރައި ފޭބުން މަނާކޮށްފައި އޮއްވާ ރިޔާޒަށް ރަށުން މާލެ ވަޑައިގެންނެވުނީ ކިހިނެއްހޭ މީހުން ސުވާލުކުރި އެވެ.

ރިޔާޒު ވަނީ އެ ސުވާލަށް، ޓްވީޓާގައި ޖަވާބު ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ދަތުރުކުރެއްވީ އެޗުޕީއޭ އާއި ފުލުހުންގެ ވެސް ހުއްދަ، ލިއުމުން ލިބިވަޑައިގަތުމުންނެވެ.

އޭނާ ވިދާޅުވީ މާލެ ވަޑައިގަތުމުގެ ހުއްދަ، ރަސްމީކޮށް ހޯއްދަވަން މި މަހު 17 އިން ފެށިގެން އޭނާ ގެންދެވީ މަސައްކަތް ކުރައްވަމުން ކަމަށެވެ. މެއިލްގެ ޒަރީއާ އިން އެ ހުއްދަ ލިބިވަޑައިގަތީ އިއްޔެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ އިތުރުން ހުއްދަ ލިބިގެން ހަތް މީހަކު ވެސް އެ ލޯންޗުން އައި ކަމަށް ވެ އެވެ.

އެކަމަކު އެތައް ބަޔަކަށް މާލެ އިން ރަށަށް ނުދެވި އަދި ރަށެއްގައި ތިބި ބަޔަކަށް މާލެ އައުމުގެ ހުއްދަ ނުލިބި އޮތް އިރު ރިޔާޒަށް އެ ފުރުސަތު ލިބިވަޑައިގަތުމުން އެތައް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ބައެއް މީހުން ބުނި ގޮތުގައި ރަށަށް ނޭރި ކަނޑުމަތީގައި ވެސް ބައެއް މީހުން ވަގުތު ހޭދަކުރަން ޖެހެ އެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި މާލެ ލޮކްޑައުންވީ ވަގުތު ރަށަށް ދާންވެގެން މާލޭގައި ތިބި އެތައް ބައެއްގެ އަތުން މިހާރު ވަނީ ފައިސާ ވެސް ހުސްވެފަ އެވެ. އޭގެ އިތުރުން ރަށްރަށުގައި ތިއްބެވި މަޖިލިހުގެ ބައެއް މެމްބަރުންނަށް ވެސް އެ ހުއްދަ ލިބިވަޑައިނުގަންނަވާ ކަމަށް، ބައެއް މީހުން ބުނެފައިވެ އެވެ.

އެކަމަކު މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވި ގޮތުން ނަމަ، މާލެ އައުމުގެ ހުއްދަ ބައެއް ފަރާތްތަކަށް މިހާރު ވެސް އަންނަނީ ދެމުންނެވެ. އެ ހުއްދަ ދިނުމުގައި އެތައް ކަމަކަށް ބަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަވީން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި މާލެ އަންނަން ބޭނުންވާ މީހާ ހުރީ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެއްގައިތޯ އާއި އޭނާ މާލެ އައިސް ވަންނަނީ މޮނިޓަރިން ނުވަތަ އައިސޮލޭޝަންގައި ހުރި ގެއަކަށްތޯ ބެލުން ހިމެނެ އެވެ.

"މި ކްރިޓީރިއާތަކަށް ބަލާފައި، އެޗުޕީއޭއާ ވާހަކަ ދައްކާފައި ހުއްދަދެނީ،" ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް 185 މީހަކަށް އެ ހުއްދަ ދީފައިވާނެ އެވެ.

ތިމަރަފުއްޓަކީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި އޮތް ރަށެއް ނޫނެވެ. އަދި ރިޔާޒު މާލޭގައި އުޅުއްވާ ގެއަކީ ކަރަންޓީންގައި ނުވަތަ އައިސޮލޭޝަންގައި ހުރި ތަނެއް ކަން ވެސް އިއުލާންކޮށްފައެއް ނުވެ އެވެ.

ރިޔާޒްގެ ޓްވީޓް ހިމަނައިގެން އާންމު މީހަކު ކުރި ޓްވީޓެއްގައި ބުނީ ރަށެއްގައި ހުރި އަށް އަހަރުގެ ކުއްޖަކު މާލެ ގެނެވޭތޯ އޭނާގެ މަންމަ މަސައްކަތްކުރާތާ 10 ދުވަސް ވެއްޖެ ކަމަށެވެ. އެކަމަކު އެ ހުއްދަ އަދިވެސް ލިބިފައި ނުވާ ކަމަށް އޭނާ ލިއުނެވެ.