15 އޮކްޓޯބަރ 2016 - 06:47

ޒުވާނުންގެ މެދުގައި މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޭންޑް އިކްއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމް "ކުލަތައް" ނެރެފި އެވެ.
އަލްބަމް ރިލީޒްކުރީ އެކަމަށް ހާއްސަކޮށްގެން އޮލިމްޕަހުގައި ބޭއްވި ކުލަ ގަދަ ޝޯއެއްގަ އެވެ. ޝޯގައި ވަނީ އަލްބަމްގެ ލަވަތައް ވެސް ކުޅެފަ އެވެ.
މުޅިން ވެސް އަމިއްލަ ރާގުގެ ހަތް ލަވަ ހިމެނޭ އަލްބަމް "ކުލަތައް" ރޭ ނެރުމާ އެކު މިހާރު އައިޓިއުންސް އިން ގަންނަން ލިބޭނެ އެވެ.
ފަސް މެމްބަރުން އެކުލެވޭ ބޭންޑްގެ އަލްބަމްގައި ހިމެނެނީ މުޅިން ވެސް ބޭންޑްގެ އަމިއްލަ އުފެއްދުންތަކެވެ. ލަވަތަކުގެ ޅެންތައް ހަދާފައި ވަނީ ލީޑް ވޯކަލިސްޓް ޝައްމޫން މުހައްމަދު (ޝައްމު) އެވެ. އަދި ލަވަތައް ކިޔާފައި ވަނީ ވެސް ޝައްމު އެވެ. އެކަމަކު ލަވަތަކުގެ ހާމަނީން ދެ އަންހެން ކުއްޖަކާއި އިތުރު ފަންނާނުންތަކެއްގެ އިތުރުން ބޭންޑްގެ އެހެން މެމްބަރުންގެ އަޑު ވެސް އިވިގެން ދާނެ އެވެ.
"ކުލަތައް" އަލްބަމްގައި ތަފާތު އެކި އިހުސާސްތަކުގެ ލަވަތައް ހިމެެނެ އެވެ. އަލްބަމްގައި ހިމެެނޭ ބައެއް ލަވަތައް މިހާރު ވެސް އާންމުންގެ މެދުގައި ވަރަށް މަޝްހޫރެވެ.
އޭގެ ތެރޭގައި މިދިޔަ އަހަރު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސް ދިން ފިލްމް "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ "ތިއްތި މާ" ލަވަ ފާހަގަކޮށްލެވެ އެވެ.
"ކުލަތައް" ޕްރޮޑިއުސްކޮށްފައި ވަނީ ޖަރުމަންގެ ޕްރޮޑިއުސަރެކެވެ.
އިކްއޭޓިކް ވައިބުން ބުނީ އޭނާ އަލްބަމް ޕްރޮޑިއުސް ކުރަން ނިންމީ ލަވަތައް އަޑު އަހާފައި ލަވަތައް ކަމުދިޔުމުން ކަމަށެވެ.