26 އެޕްރީލް 2020 - 21:19

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ޕްރީޕެއިޑް ކަސްޓަމަރުންނަށް 75ރ. އަށް 3 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ މި ދުވަސްވަރު ގޭގައި ތިބެން ޖެހުމުން އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން މި ޕެކޭޖަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުޔެއް ހޯދައި ދިނުމަށް ތައާރަފުކުރި ޕެކޭޖެއް ކަމަށެވެ. އަދި މި ދުވަސްވަރު އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުން ޑިޖިޓަލް ވެފައިވާއިރު އިންޓަނެޓު މުހިންމުވެފައިވާ ކަމަށް ވެސް ބުންޏެވެ.
މި ޕެކޭޖު އެކްޓިވޭޓް ކުރެވޭނީ ދިރާގުގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެންނެވެ. ޕެކޭޖު އެކްޓިވޭޓްކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ވަންދެން ޕެކޭޖުގެ ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން ދިރާގުން ވަނީ މި މަހު އެކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓު އިތުރު ޑޭޓާ ވެސް ދީފަ އެވެ. އަދި މެއި މަހު ވެސް މި ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮރޯނާވައިރަސް ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވާތީ މީހުން މުއާސަލާތުކޮށް ގުޅުންތައް ދެމެހެއްޓުމަށް އިންޓަނެޓްގެ ބޭނުން ހިފުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހުގެ 191 ކޭސް ފެނިފައިވާއިރު، 14 ދުވަހަށް އިއުލާން ކުރި ލޮކްޑައުން އިތުރު ކުރާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.