26 އެޕްރީލް 2020 - 20:16

މި މަހުގެ ފެން ބިލާއި ކަރަންޓު ބިލް ހަދަން މީޓަރުތަކުގެ ފޮޓޯ ފޮނުވައިދިނުމަށް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއިން އެދެފި އެވެ.
މީޓަރުތަކުގެ ފޮޓޯ ފޮނުވުމަށް މި ދެ ކުންފުނިން އެދުނީ ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، ގޭގައަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެވެ.
ސްޓެލްކޯއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ލޮކްޑައުންގެ މުއްދަތުގައި އެ ކުންފުނީގެ ޕޯޓަލް www.stelco.com.mv/smr މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިފައި ވާކަމަށެވެ. އެހެންކަމުން މި މަހުގެ ބިލް ތައްޔާރު ކުރުމަށް ވީ އެންމެ އަވަހަކަށް ފޮޓޯ ފޮނުވައިދިނުމަށް އެ ކުންފުނިން އެދިފައިވެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް ފޮޓޯ ފޮނުވެެން ނެތް ކަސްޓަމަރުންނަށް އެ ކަސްޓަމަރަކު ކުރިން ކަރަންޓު ބޭނުން ކުރަމުން އައި މިންވަރާއި މި ހާލަތުގައި ބޭނުންކުރާ މިންވަރު ބަލައި އެވްރެޖު ބިލެއް ތައްޔާރު ކުރުމަށް ވެސް ސްޓެލްކޯއިން ވަނީ ނިންމައިފަ އެވެ. ނަމަވެސް މި ބިލް ފޮނުވާއިރު ހިދުމަތް ހޯދާ މިންވަރަށް ބިލް ކުރަން ޖެހޭތީ ފަހުން ފޮނުވާ ބިލްތަކަށް ބަދަލު ގެނައި ނަމަވެސް އެއްވެސް ބިލެއް ބޮޑުނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީޓަރުގެ ފޮޓޯ ފޮނުވުމާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީން ބުނީ ލޮކްޑައުން މުއްދަތުގައި ފޮޓޯ ފޮނުވަން ޖެހޭނީ ލޮކްޑައުންގެ ކުރިން ރީޑިން ނުނެގޭ ކަސްޓަމަރުން އެކަނި ކަމަށެވެ. އެ ކަސްޓަމަރުން ފޮޓޯ ފޮނުވައި ދިނުމަށް އެދި މެސެޖު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކޮވިޑް-19 ފެތުރުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު މި މުއްދަތުގައި ފެން ބިލާއި ކަރަންޓު ބިލް ދައްކަން ޖެހޭނީ އޮންލައިން ކޮށެވެ. މިއީ ގޭގައި ތިބުމަށް ބާރު އަޅައި އޮންލައިންކޮށް ފައިސާގެ މުއާމަލާތް ކުރުމަށް ބާރު އެޅުމުގެ ގޮތުން ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ނިންމި ނިންމުމެކެވެ.