ލޮކްޑައުންއާ ހިލާފުވެގެން 18 މީހުން އިއްޔެ ހައްޔަރުކޮށްފި
ލޮކްޑައުންއާ ހިލާފުވެގެން 18 މީހުން އިއްޔެ ހައްޔަރުކޮށްފި

ލޮކްޑައުންނާ ހިލާފުވެގެން 18 މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅާ ހިލާފުވެގެން މާލެއިން 17 މީހަކު އަދި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މުއްދަތުގައި ފުލުހުން ހައްޔަރުކުރަމުން އަންނަނީ، ހުއްދަ ނެތި ބޭރަށް ނުނިކުތުމަށް ނަސޭހަތްދިނުމަށްފަހު އެކަން ތަކުރާރުކުރާ ނަމަ އެވެ. އެގޮތަށް މިހާތަނަށް 49 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 47 މީހަކު ހައްޔަރުކުރީ މާލެއިންނެވެ. ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައި ވެ އެވެ.

ނަވީން ވިދާޅުވީ ހުއްދަ ނެތި ބޭރަށް ނުކުމެގެން އިއްޔެ އެކަނި ވެސް 167 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 139 މީހުން މާލެއިން، 23 މީހަކު ހުޅުމާލެއިން އަދި ފަސް މީހުން ޖޫރިމަނާކުރީ ވިލިމާލެއިންނެވެ.

މިހާތަނަށް 543 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުސޫލާ ހިލާފުވެގެން 17 ވެހިކަލް ޕާމިޓް ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ ހުއްދަ ދީފައިވާ ކެޓަގަރީގެ ނޫން އެހެން ވެހިކަލް ދުއްވުމާއި ލައިސަންސް ނެތް ފަރާތްތަކުން ވެހިކަލް އޮޕަރޭޓް ކޮށްފައިވާތީ ކަމަށެވެ.

ފިހާރަތަކަށާއި ކެފޭ/ރެސްޓޯރެންޓުތަކަށް ޑެލިވަރީގެ ހިދުމަތް ދޭން 4،535 ހުއްދަ ވަނީ ދޫކޮށްފަ އެވެ.