އެޗްޓީސީ އަދި މަރެއް ނުވޭ، މެދު ފަންތީގެ ފޯނެއް އުފައްދަނީ
އެޗްޓީސީ އަދި މަރެއް ނުވޭ، މެދު ފަންތީގެ ފޯނެއް އުފައްދަނީ

އެޗްޓީސީ އަކީ އެއްއިރެއްގައި ސްމާޓްފޯން މާކެޓްގައި ރަސްކަންކުރި ކުންފުޏްނެކެވެ. ވަރަށް މަޝްހޫރު ފޯނުތަކެއް އެޗްޓީސީން އުފެއްދި އެވެ. އެޗްޓީސީ ފޯނެއް އަތުގައި އޮތުން ޝަރަފަކަށް ވި ޒަމާނެއް ވެސް ހިނގައްޖެ އެވެ.

އެޗްޓީސީ އަށް މި ހާލު ޖެހުނީ ކީއްވެކަން ބުނެދޭކަށް ނޭނގެ އެވެ. ސްމާޓްފޯން މާކެޓްގައި ވާދަވެރިންނާ ޖެހި ބަލިވީ ކަމަށް ބެލެވެ އެވެ. ޗައިނާގެ ސްމާޓްފޯން ކުންފުނިތައް މާކެޓަށް ނިކުމެ ތަންދޮރު ބަލައިނުލައި އުފައްދަން ފެށި ރީތި ފޯނުތައް ވިއްކި އަގުގައި، އެހެން ބަޔަކަށް އެކަން ނުވީ އެވެ.

ގޫގުލްގެ އެހީއާ އެކު ދިރި އޮވެވޭތޯ އެޗްޓީސީން ކުރި މަސައްކަތުން ވެސް ކަރުތާފެނުން ހިއްލާލެވޭ ވަރެއް ނުވި އެވެ. އެޗްޓީސީގެ އަޑެއް ބަޑެއް ނުއިވޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެހެނެއް ކަމަކު، އެޗްޓީސީ އަދި މަރެއް ނުވެ އެވެ. ދެރަ ވެސް ވެ އެވެ. އެހެން ނަމަވެސް، އެޗްޓީސީ މިސްވާތީ މީހަކު ނޫޅެ އެވެ.

އިންޓަނެޓްގައި ހުރި ޚަބަރު ސުރުޚީތަކުން އެނގޭ ގޮތުގައި، ސްމާޓްފޯނެއް އުފެއްދޭތޯ އެޗްޓީސީން އެބަ މަސައްކަތްކުރެ އެވެ. ބުނެވެނީ އެއީ މެދު ފަންތީގެ ފޯނެއް ކަމަށެވެ. އެޗްޓީސީން ކުރާ ކަންތައްތައް އެނގޭ މީހަކު ކިޔައިދީފައި ވާ ގޮތުގައި، މި ފަހަރު ނެރޭ ފޯނުގައި ޒަމާނީ ސިފަޖަހާނެ އެވެ.

އެޗްޓީސީން ފޯން ޑިޒައިންކުރަނީ ވާދަވެރިންގެ ޑިޒައިންތަކުން ނަކަލުކޮށްގެން ކަމަށް ބުނެވެ އެވެ. އާންމުން ދެކެ ފަރިތަ ބައްޓަންތައް އެޗްޓިސީ ފޯނުގައި ހިމެނުމަށްޓަކައި، ޝޯމީ އަދި އެޗްޓީސީގެ މުސްކުޅި ފޯނުތަކުން ހިތްވަރުހޯދާ ކަމަށް ބުނެވެ އެވެ.

އެޗްޓީސީން ނެރެން އުޅޭ ފޯނުގެ ތަފުސީލެއް އަދި ނުލިބެ އެވެ. އެނގޭހާ ވެސް ކަމަކީ، އެޗްޓީސީން ފޯނެއް އުފައްދަނީ މާކެޓުން ބޮޑު އެއްޗެއް ލިބޭނެ ކަމަށް ނޫން ކަމެވެ. އެއީ ކުންފުނި އަދި ވެސް އެބަ އޮތް ކަމާއި ފޯނު އުފެއްދުމަކީ އެޗްޓީސީން ޝައުގުވެރިވާ މަސައްކަތެއްކަން އަންގައިދިނުމަށް ކަމެވެ.