ކޮވިޑް-19: ވޫހާންގެ ހޮސްޕިޓަލެއްގައި މިހާރު ބަލި މީހަކު ނެތް
ކޮވިޑް-19: ވޫހާންގެ ހޮސްޕިޓަލެއްގައި މިހާރު ބަލި މީހަކު ނެތް

ވޫހާން (އެޕްރީލް 26) - މުޅި ދުނިޔެ އަށް މިހާރު ފެތުރިފައިވާ ކޮރޯނާވައިރަސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު އުފަންވި ޗައިނާގެ ވޫހާން ސިޓީގެ އެއްވެސް ހޮސްޕިޓަލެއްގައި އެ ބަލީގެ މީހަކު ނެތް ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން މިއަދު ބުނެފި އެވެ.

"އެންމެ ފަހުގެ ޚަބަރަކީ އެޕްރީލް 26 އާ ހަމައަށް އައި އިރު ވޫހާންގެ ހޮސްޕިޓަލްތަކުގައި ތިބި ކޮރޯނާވައިރަހުގެ ބަލި މީހުންގެ އަދަދު ސުމަކަށް ވެއްޓިފައިވާކަން،" ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ތަރުޖަމާން މި ފެންގް ވިދާޅުވި އެވެ.

ވޫހާން އިން ވަނީ 46,452 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއީ ޗައިނާ އިން ކޮރޯނާވައިރަސް އެރި މީހުންގެ 56 ޕަސެންޓެވެ. ކޮވިޑް-19 ޖެހިގެން ވޫހާން އިން ވަނީ 3,869 މީހުން މަރުވެފަ އެވެ. މިއީ މުޅި ޗައިނާ އިން މަރުވި މީހުންގެ 84 ޕަސެންޓެވެ.

ޗައިނާ އިން ވަނީ 82,827 މީހުން ޕޮޒިޓިވްވެ 4,632 މީހުން މަރުވެފަ އެވެ. ޗައިނާ އިން ރަނގަޅުވެފައި ވަނީ 77,394 މީހުންނެވެ. މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 2,924,265 މީހުން ޕޮޒިޓިވްވެ 203,347 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 837,787 މީހުންނެވެ.