26 އެޕްރީލް 2020 - 13:23

ލަންޑަން (އޭޕްރިލް 26) – އާސެނަލްގެ ކުޅުންތެރިންނަށް މާދަމާ އިން ފެށިގެން އެ ކްލަބުގެ ޓްރެއިނިން ސެންޓަރަށް އިންޑިވިޖުއަލް ތަމްރީންތަށް ހަދަން ދެވޭނެ ކަމަށާއި އެކަމަކު ހަރުކަށި އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ މަހު ޕްރިމިއާ ލީގު މެދުކަނޑާލާފައި ކްލަބްތަކުން ވަނީ ތަމްރީންތައް ވެސް ހުއްޓާލައިފަ އެވެ. ލީގު ފެށޭނެ ތާރީހެއް އަދިވެސް ކަށަވަރެއް ނުވެ އެވެ. އެކަމަކު އަންނަ މޭ މަހުގެ ފަހުކޮޅު ނުވަތަ ޖޫން މަހުގެ ކުރީކޮޅު ފެށިދާނެ ކަމުގެ އުއްމީދު އެބައޮތެވެ.
އާސެނަލުން ބުނީ އެ ކްލަބުގެ ކޮލްނީ ޓްރެއިނިން ގްރައުންޑަށް ކުޅުންތެރިންނަށް ވަނުމުގެ ހުއްދަ ދޭނީ ވަކި އަދަދަކަށް ކަމަށާއި އެކަން ވަރަށް ރަނގަޅަށް ބަލައި، ސޯޝަލް ޑިސްޓެންސިންގެ އުސޫލަށް ހުރިހާ ވަގުތެއްގައި ވެސް އަމަލުކުރާނެ ކަމަށެވެ.
"ކުޅުންތެރިން ދަތުރުކުރާނީ އަމިއްލަ އަށް. އިންޑިވިޖުއަލް ވޯކްއައުޓް ހަދާފައި އެނބުރި ގެޔަށް ދާނެ،" އެ ކްލަބުގެ ތަރުޖަމާނު ބުނެފައިވެ އެވެ.
އެ ސެންޓަރުގައި 10 ޕިޗް އޮވެ އެވެ. އެހެންވެ ކުޅުންތެރިން އެކި ވަގުތަށް ބަހާލައިގެން ގެނެސްފި ނަމަ، ދުރުދުރުގައި ތިބެގެން އިންޑިވިޖުއަލް ތަމްރީންތައް ހެދުމަށް ދައްޗެއް ކުރިމަތިނުވާނެ އެވެ.
އާސެނަލްގެ ބައެއް ކުޅުންތެރިން ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން ވަނީ އިންޒާރު ދީފަ އެވެ.
އިނގިރޭސި ވިލާތުގެ ލޮކްޑައުން އުސޫލުގައިވާ ގޮތުން ކަސްރަތު ކުރެވޭނީ އެކަނި ނުވަތަ، އެ މީހަކު އެ ބަޔަކާ އެއްކޮށް ދިރިއުޅޭ މީހުންނާ އެކު ކަމަށެވެ. އަދި ބޭރަށް ދާން ޖެހިއްޖެ ނަމަ، އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާ ދެމެދު ހަ ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހެ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަށް ކޮވިޑް-19 ޖެހި މިހާރު ވަނީ އެ ބަލިން ފަސޭހަވެފަ އެވެ.