14 އޮކްޓޯބަރ 2016 - 08:13

ލަންޑަން (އޮކްޓޯބަރު 14) - އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ދާއިމީ ކޯޗުކަމާ ހަވާލުވާން އެންމެ އެކަށީގެންވަނީ ވަގުތީ ކޯޗަކަށް މިހާރު މަސައްކަތްކުރާ ގެރެތު ސައުތުގޭޓް ކަމަށް، އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
މި ސީޒަނަށް ފަހު ވެންގާގެ ކޮންޓްރެކްޓް ހަމަވާއިރު އޭނާ އިންގްލެންޑާ ހަވާލުވާން އުޅޭ ކަމަށް ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. ވެންގާ ބުނީ އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ އާސެނަލަށް ކަމަށާއި ސައުތުގޭޓަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ.
"އަބަދުވެސް އިންގްލެންޑުގައި ކޯޗުކަމަށް އެންމެ ޑިމާންޑް ބޮޑުވާނީ މަޝްހޫރު ނަންތައް. އެއީ ވަރަށް އުނދަގޫވާކަމެއް. އެކަމަކު އެންމެ މުހިއްމީ އެ ކޯޗެއްގެ ގާބިލްކަން. އަހަރެން ވަރަށް އުފާވޭ ސައުތުގޭޓްގެ ގާބިލްކަން ސާބިތުކޮށްދޭން އޭނާ އަށް ފުރުސަތު ލިބިފައި އޮތުމުން،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ އިންގްލެންޑުގެ ދާއިމީ ކޯޗުގެ މަގާމް އަދާކުރެވޭނެ ފެންވަރު ސައުތުގޭޓްގެ ކިބައިގައި ހުރި ކަމަށް ގަބޫލުކުރާ ކަމަށާއި މިހާތަނަށް އޭނާ ދެއްކި ޕާފޯމަންސާ ދޭތެރެ ހިތްހަމަޖެހޭ ކަމަށެވެ. އަދި ސައުތުގޭޓް ކުރަންވީ ކަމަކީ އޭނާ ނިންމާ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއްކަން ސާބިތުކޮށްދިނުން ކަމަށެވެ.
ސައުތުގޭޓުގެ ކޯޗުކަމުގެ ދަށުން އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުން މޯލްޓާ އަތުން 2-0 އިން މޮޅުވިއިރު ސްލޮވީނިއާއާ 0-0 އިން އެއްވަރުވީ އެވެ. ދެން އޮތީ ސްކޮޓްލެންޑާއި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
އިންގްލެންޑުގެ ޔޫތު ޓީމުގެ ކޯޗު ސައުތުގޭޓަށް ވަގުތީ ކޯޗުކަން ލިބުނީ، ކުރިން ހުރި ސޭމް އެލަޑީސް ތިން މަސް ނުވަނީސް މަގާމުން ވަކިކުރުމުންނެވެ. އޭނާ ވަކިކުރީ، ސިއްރު ނޫސްވެރިންތަކަކާ ދެއްކި ވާހަކަތަކެއްގައި އެފްއޭގެ ގަވާއިދާ ހިލާފުވާން ހިތްވަރުދީ އަދި އެފްއޭ އަށް ފާޑުކިޔާފައިވާތީ އެވެ.