26 އެޕްރީލް 2020 - 12:56

ލަންޑަން (އޭޕްރިލް 26) – ކޮވިޑް-19 ފެތުރޭތީވެ މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން 8 ގައި ފަށައި ޖުލައި 27 އަށް ލީގު އެއްކޮށް ފުރިހަމަކުރަން ޕްލޭން ހަދަމުން އަންނަ ކަމަށް ދަ ޓައިމްސް އިން ރިޕޯޓްކޮށްފި އެވެ.
އެ ނޫހުން ބުނި ގޮތުގައި ފުޓްބޯޅައިގެ އިސްވެރިން ހިމެނޭ ގޮތަށް އެހެން ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުން އަންނަނީ އަލުން ފެށޭނެ ދުވަހަކާ މެދު އިނގިރޭސި ސަރުކާރާ އެކު މަޝްވަރާކުރަމުން ކަމަށެވެ.
ޕްރިމިއާ ލީގުން ވިސްނުމުގައިވާ ގޮތުން ސަޕޯޓަރުން ނުވައްދާ ކުޅޭއިރު ދަނޑަށް ވަންނަން ހުއްދަދެވޭނީ ގިނަވެގެން 400 މީހުންނަށެވެ. އޭގެ ތެރޭގައި މީޑިއާ ވެސް ހިމެނޭނެ އެވެ. އެކަމަކު ވަދެވޭނީ ކޮވިޑް-19 އަށް ޓެސްޓް ހަދައި ނެގެޓިވްވެއްޖެ ނަމަ އެވެ.
އަދި ކުޅުންތެރިން ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކަށް އަމަލުކުރުވުމުގެ ގޮތުން ޗޭންޖިން ރޫމުގެ ވަސީލަތްތައް ވެސް ދަނޑުގައި އިތުރުކުރާނެ އެވެ. ކުޅުންތެރިން ޓްރެއިނިން އަށް ވެސް ދާން ޖެހޭނީ ވަކިވަކިންނެވެ. އަދި ދާން ޖެހޭނީ ވެސް ކިޓުގަ އެވެ.
މި ޕްލޭނުގައި ވަނީ އަންނަ ސީޒަން، އޮގަސްޓް 22 ގައި ފަށަން ލަފާދީފަ އެވެ. އެކަމަކު ޔުއެފާ އިން ވިސްނާފައިވަނީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތައް އޮގަސްޓުގައި ކުޅެން ކަމަށްވާތީ އެ ތާރީހާ ފުށުއަރާނެ އެވެ.
ތަބާވުން އުނދަގޫ ޕްލޭންތައް ހަދައި ލީގުތައް ފުރިހަމަކުރަން މަސައްކަތްކުރަނީ، ކެންސަލްކޮށްފި ނަމަ ކްލަބްތަކަށް ލިބޭނެ މާލީ ގެއްލުން ބޮޑުވުމުންނެވެ. ކެންސަލްކޮށްފި ނަމަ ޓީވީ ރައިޓްސް އާމްދަނީ އާއި ސްޓޭޑިއަމް އާމްދަނީ ކްލަބްތަކށް ގެއްލޭނެ އެވެ. އެކަމަކު އިތުރު ގޮތެއް ނެތުމުން ނެދަލެންޑްސް ލީގު ވަނީ ޗެމްޕިއަނެއް ކަނޑަނާޅައި ކެންސަލްކޮށްފަ އެވެ.
މާޗް 13 ވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ ނުވަ މެޗެވެ. ދެން އޮތް ހަތަރު ޓީމަށް 10 މެޗު އެބައޮތެވެ. މެދުކަނޑާލިއިރު އެއް ވަނައިގައި، 82 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ