މިހާރު ތަންތަނަށް ދަތުރުކުރަނީ ގޭގައި ތިބެގެން
މިހާރު ތަންތަނަށް ދަތުރުކުރަނީ ގޭގައި ތިބެގެން

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު، ގައުމުތަކުގެ އެންމެން މިހާރު ތިބީ "ގޭބަންދު" ގަ އެވެ. އެއްވެސް ގައުމަކަށް ދަތުރުނުކުރެވޭ އިރު، ގެއިން ބޭރަށް ވެސް ނުކުމެވޭކަށް ނެތެވެ. މިއާ އެކު އެކި ތަންތަނަށް ދަތުކުރަން ލޯބިކުރާ މީހުންނަށް ކުރިމަތިވި ބޮޑު ހާސްކަމަކާއި ނުތަވަސްކަމެކެވެ. އެކަމަކު އެތައް ބަޔަކު އަންނަނީ ގޭގައި ތިބެގެން ވެސް ދަތުރުކުރާ ގޮތް ދައްކަމުންނެވެ.

ކޮވިޑް-19 ގެ މި ހާލަތުން އަރައިގަނެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ހަގީގަތަކީ ކުރިން އުޅުނު ގޮތަށް، ދެން އަލުން ދިރިއުޅުން ބައްޓަން ނުކުރެވޭނެ ކަމެވެ. ވަރަށް ބޮޑު ބަދަލެއް މީގެ ފަހުން އިންސާނުންގެ ދިރިއުޅުމުން ފެންނާނެ އެވެ.

އެހެންވެ ދެން އުޅެން ޖެހޭނީ ވަރަށް ގިނަ "ހިފަހެއްޓުންތަކެއްގެ" ގެ ތެރޭގަ އެވެ. އޮތް ގޮތަކީ މި ލޮކްޑައުންގެ ތެރޭގައި އާ އާދަތަކަށް ހޭނެން މަސައްކަތްކުރުމެކެވެ.

އާދައިގެ ދިރިއުޅުމަކަށް އަލުން ދެވޭނީ ވެސް މިހާރު ކުރާ ހިތްވަރަކުންނެވެ. އެހެންވެ މިއީ ފިލާވަޅެއް ކަމަށް ބަލަމާ ހިނގާށެވެ.

ބައެއް މީހުން "ޕޮޒިޓިވިޓީ" ގެންނަން ވަރަށް ހިތްވަރު އެބަ ކުރެ އެވެ. ސޯޝަލް މީޑިއާގެ ތެރޭގައި އުޅޭ މީހުންނަށް މިކަން އެނގޭނެ އެވެ. މިދުވަސްކޮޅުގެ ޓްރެންޑްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ "ގޭގައި ތިބެގެން" ތަންތަނަށް ދަތުރުކުރުމެވެ، ނުވަތަ ވަރަށް ކުރާ ހިތްވާކަމެއް ގޭގައި ހުރެގެން ވެސް ކުރެވިދާނެކަން ދެއްކުމެވެ.

އެގޮތުން ބައެއް މީހުން ކުރާ ކަމަކީ ފްލައިޓަށް ޗެކިން ވަނީ އެވެ. މިކަން ކުރަނީ ގޭގައި ހުންނަ ޓްރެޑްމިލްގެ މައްޗަށް އަރައިގެންނެވެ. ފޮށިތަންމަތި އޭގެ މަތީގައި ރޯލްކޮށްލައި، އަދި ޓްރެޑްމިލް މަތީގައި ޗެކިންކޮށްލައިގެން ބޯޑިން ފާހާއެކު ފުރަން ވަންނަނީ އެވެ.

މިކަހަލަ ކިތަންމެ ވީޑިއޯއެއް ޓިކްޓިކާއި އިންސްޓަގްރާމް ކަހަލަ ޕްލެޓްފޯމްތަކުގައި އެބަހުއްޓެވެ.

މީގެ އިތުރުން ބައެއް މީހުން ވަރާ މަޖާ ގޮތްގޮތަށް ދަތުރެއްކުރާ ގޮތް އެބަ ދައްކުވައިދެ އެވެެ. އެގޮތުން ގޭގައި ހުންނަ އޮޓޯ ދޮންނަ މެޝިންގެ ކުރިމަތީގައި އޮންނަ ވަށް ބިއްލޫރި ދޮރުގެ ކައިރީގައި އިނދެގެން ސިފަކޮށް ދެނީ ފްލައިޓެއްގެ ތެރޭގައި އިންނަކަމެވެ.

ރާޅާއަޅާ މީހުން އެނދުމަތީގަ އާއި ކޮޓަރީގެ ތަޅުގަނޑު މަތީގައި ރާޅާއަޅަނީ އެވެ. ސްކީކުރާ މީހުން ވެސް ހަމަ މިފަދަ ކަމެއްގަ އެވެ.

މިހެން ގޮސް މިފަދަ އެތައް ގޮތަކަށް އެކި މީހުންގެ ދަތުރު "ނަގްލީ" ދަތުރުނާމާ އަންނަނީ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތްކުގައި ހިއްސާކުރަމުންނެވެ.