ދަފްތަރުން ވަކިކުރީ އުސޫލުތަކާ ހިލާފަށް: ފާރިސް
ދަފްތަރުން ވަކިކުރީ އުސޫލުތަކާ ހިލާފަށް: ފާރިސް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުން އޭނާގެ ނަން އުނިކުރީ އުސޫލުތަކުގެ ބޭރުން ކަަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމުގައި ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެފައި ވަނީ ޕީޕީއެމުން ފާރިސްގެ ނަން އުނިކުރީ، އެ ޕާޓީގެ ކައުންސިލްގެ 20 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގައި ކަމަށެވެ. އެއީ، ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ފާރިސް ވަކިކޮށްފައިވާ ކަމަށް ނިންމާފައިވުމާއި އެ ނިންމުން ތަންފީޒުނުކޮށް އަސާސީ ގަވާއިދާ ހިލާފުވެފައިވާތީ ކަަމަށް އަކްރަމް ވިދާޅުވި އެވެ.

ނަމަވެސް "މިހާރު"އާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށާއި އެގޮތަށް އެކަން ކުރުމުގެ ބާރު އެ ކޮމިޝަނަށް އޮންނާނެ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފްތަރުން ނަން އުނިކުރިކަން އެނގިވަޑައިގަތީ މީޑިއާއިންނެވެ. އަދި އެކަން ޕާޓީއަށް ވެސް މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާތީ، ކަން ހިނގައިދިޔަ ގޮތް އިލެކްޝަންސް ކޮމިޝަނުން ސާފުކުރާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

"އެކަން އަޅުގަނޑު ކުރަން ބޭނުންވަނީ ހަމައެކަނި އަޅުގަނޑުގެ އަމިއްލަ ކަމަކަށް ވާތީކީއެއް ވެސް ނޫން. އިލެކްޝަންސް ކޮމިޝަނުން މިގޮތަށް އަމިއްލަ އަތަށް ބާރު ނަގައިފިއްޔާ އެއީ އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ވެސް ލިބޭ ނިކަމެތި ކަމަކަށް ވާނެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން އެ ކޮމިޝަނުން އަމިއްލަށް މާދަމާ ވަކިކޮށްލާނީ ކޮން ޕާޓީއެއްގެ ކާކު ކަމެއް ނޭނގޭނެ،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.

"މިކަން އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު ޕާޓީގެ ބަހެއް އަދި އަޅުގަނޑުގެ ބަހެއް ނުހޯދީމާ ހިތާމަކުރަން. މިކަން ހިނގި ގޮތް އިލެކްޝަންސް ކޮމިޝަނުން ސާފު ނުވެއްޖެ ނަމަ އެހެން މަރުހަލާއަކަށް ވެސް އަޅުގަނޑު ދާނަން. އެކި ބޭފުޅުންގެ މަޝްވަރާއާއެކު އެކަން އަޅުގަނޑު ކުރާނަން."

ފާރިސް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ބައެއް ކަންކަމާ މެދު އާންމުން ސުވާލު އުފައްދާ ދަނޑިވަޅެއްގައި، އިލެކްޝަންސް ކޮމިޝަނަށް ވެސް ދަތިތަކެއް ހުރެދާނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

"ބައެއް ކަންކަން ކުރުމުގައި އެބޭފުޅުންނަށް [އީސީ] ފަސޭހަ ނުވާނެ ކަން ވެސް ގަބޫލުކުރަން. މިފަދަ ދުވަސްވަރެއްގައި ހަގީގަތް ކިޔައިދޭން ވެސް ފަސޭހަވާނެ ކަމަކަށް ނުދެކެން،" ފާރިސް ވިދާލުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގައި ފާރިސް ވޯޓު ދެއްވި މައްސަލައެއްގައި އޭނާ ޕާޓީން ވަކިކުރުމަށް، ރައީސް އަބްދުﷲ ޔާމީންގެ ކޮންޓްރޯލް އޮންނަ، ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ކުރިން ނިންމައިފަ އެވެ. ނަމަވެސް މައުމޫން ވިދާޅުވެފައި ވަނީ ސުލޫކީ ކޮމިޓީން އެކަން ކޮށްފައި ވަނީ ޕާޓީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ.